ލަންކާގައި ކޮވިޑު ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުމުގެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ކަމާވެހޭ ފަރާތްތަކާއިއެކު މިހާރު މަޝްވަރާތަށް ފައްޓަވާފައެވެ. އަދި މިކަން މިހާރު ފޮރިން މިނިސްޓްރީން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
މިކަމަށް ތާއީދުކުރައްވައި ދީނީ އިލްމުވެރިޔާ ޑރ އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަވަށްޓެރި ސްރީލަންގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންނާއިމެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރަމުންދަނިކޮށް އެބައި މީހުންނަށް އެހީތެރި ކަމުގެ އަތެއް ފޯރުކޮށްދެއްވާ، އެ އިހާނެތި ކަމުން މުސްލިމުން ސަލާމަތް ކުރައްވަން ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ.
"މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރި ވާހާ ހިނދަކު، ﷲ ވޮޑިގެންވަނީ އެބައި މީހުންގެ އެހީތެރި ކަމުގައި ކަމަށް ހަދީސްގައި އައިސްފައިވޭ. މިއީ މުސްލިމް އަވަށްޓެރިންނަށް ދެވުނު ވަރަށް ބޮޑު އެހީތެރިކަމެއް. جَزَاكَ ٱللَّٰهُ خَيْرًا. " ޑރ އިޔާޒް ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.