ads
މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން--
ނާސިން ކޯހުގައި ފޫޅުމައިކަން ކިޔެވުން ލާޒިމްކުރަނީ
ސިޒޭރިން ހަދާ އަދަދު އިތުރުވެ ނާސިން ކޯސް ފުރިހަމަކުރުމުގައި ފޫޅުމައިކަން ކިޔެވުން ކުރިއެކޭ އެއްގޮތަށް ލާޒިމްކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި އެވެ.

ރާއްޖޭގައި ނަރުހުން ތަމްރީނުކުރުމުގައި ދިމާވާ ދަތިތަކާއި، ނަރުހުން ވަޒީފާގެ މާހައުލުގައި ދެމެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާއި، އަދި އެ ގޮންޖެހުންތައް ހައްލުކުރުމާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރުމަށް މިއަދު ރައީސް އޮފީހުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ ރާއްޖޭގައި ސިޒޭރިންގެ ހަދާ އަދަދު ގިނަ ކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ނާސިން ކޯސް ފުރިހަމަކުރުމުގައި މިޑްވައިފެރީ ކޮމްޕޯނެންޓް ނުވަތަ ފޫޅުމައިކަން ކިޔެވުން ކުރިއެކޭ އެއްގޮތަށް ލާޒިމްކުރުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެކަން ހައްލުކުރުމަށް ސަރުކާރާއި ކަމާގުޅޭ އިދާރާތަކުން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފަވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. 

މިއަދު ހެނދުނު ބެއްވި އެ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ނާސިންގް ކައުންސިލަށް އަލަށް ހޮވިވަޑައިގެންނެވި މެންބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަކީ ރައީސް ސޯލިހް ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި، ކޯވިޑް-19 ގެ ހާލަތުން އެކަނި ވެސް ސިއްހީ ދާއިރާއިން މީހުން ބިނާކުރުމުގެ މުހިންމުކަން އިތުރަށް ފާހަގަވެގެން ހިނގައްޖެކަމަށެވެ. 

މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި ނަރުހުން ތަމްރީނުކުރުމުގައި ދިމާވާ ދަތިތަކާއި، ތަމްރީނުތައް ފުރިހަމަކުރުމަށްފަހު ވަޒީފާގެ މާހައުލަށް ނުކުންނަ ނަރުހުންގެ އަދަދު މަދުކަން ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރިއެވެ.  ބައްދަލުވުމުގައި ބައިވެރިން ފާހަގަކުރި ކަންތަކުގެ ތެރޭގައި ނާސިން ކޯހަށް ދަރިވަރުން ލިބުނުނަމަވެސް ކޯސް ފުރިހަމަ ކުރުމަށްފަހު ވަޒީފާގެ މާހާއުލަށް ނުކުންނަ މީހުންގެ އަދަދު މަދެއެވެ. 

މައިގަނޑު ސަބަބަކީ ދިވެހިންނާ ބިދޭސީންގެ މުސާރައާއި އެލަވަންސްތަކުގެ ފަރަގު އިތުރުވުންކަމުގައި ވެސް ބައިވެރިން ވަނީ ފާހަގަކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމުގެ އިތުރުން،  ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހީމް ހަސަނާއި، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ، ޑރ މުސްތަފާ ލުތުފީއާއި، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ޢާއިޝަތު ނަޒްހަތުއާއި، ޑރ އަބްދުލްމަލިކްގެ އިތުރުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އިސް ބޭފުޅުންނާއި، ނާސިންގް ކައުންސިލްގެ މެންބަރުންނާއި ކައުންސިލްގެ ރެޖިސްޓްރާ ބައިވެރިވެވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް