ads
އަބްދުﷲ ޖިހާދު-- ފޮޓޯ: ރައީސް އޮފީސް
ބޭސްފަރުވާއަށް ދުބާއީއަށް ފުރުމުގެ ހުއްދަ ޖިހާދަށް ނުދިން
ބޭސް ފަރުވާއަށް ފުރުމުގެ ހުއްދަ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ނުދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ކޮށްފަ އެވެ. އެއީ އޭނާ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ފިނޭންސް މިސްޓަރުކަން ކުރެއްވި އިރު، ނިންމެވި ނިންމުމަކާ ގުޅިގެންނެވެ. އެ މައްސަލަ ސާބިތުވެއްޖެ ނަމަ ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭގެ އިތުރުން، އޭސީސީއިން އަންނަނީ އޭނާއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ވެސް ބަލަމުންނެވެ.

މިއަދުގެ ވަނީ ޖިހާދު ރާއްޖެއިން ބޭރަށް ފުރަން ކޯޓުގެ ހުއްދައަކަށް އެދިފައިވުމުން އެކަމާއި މެދު ގޮތެއް ނިންމަން އަޑުއެހުމެއް ބާއްވާފަ އެވެ. 

މިއަދުގެ އަޑުއެހުމުގައި ޖިހާދުގެ ފަރާތުން އޭނާގެ ވަކީލް ވަނީ ޖިހާދަށް ދިމާވެފައިވާ ސިއްހީ މައްސަލަތައް ކިޔައިދީފަ އެވެ. އޭގެ ތެރޭގައި ހަކުރު ބައްޔާއި އިންސޮމްނިއާ ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އެހެންނަމަވެސް ދައުލަތުން މިއަދުގެ އަޑުއެހުމުގައި ވަނީ ޖިހާދު ރާއްޖެއިން ބޭރަށް ފުރުމަށް އިއުތިރާޒްކޮށްފަ އެވެ. ސަބަބެއް ކަމަށް ވިދާޅުވީ ޖިހާދު ގައުމުން ބޭރަށް ގޮސްފިނަމަ އިތުރު ބައެއްގެ އެހީގައި ފިލުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށާއި އަދި އޭނާ ބޭރަށް ދާން އުޅެނީ ރާއްޖެއިން ނުލިބޭ ފަރުވާއެއް ހޯދަން ނޫން ކަމަށް ވެސް ފާހަގަކުރެ އެވެ.

ދެހާސް ތިން ވަނަ އަހަރުން ފެށިގެން ބަލިތަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދަމުންދާ ކަމަށް ޖިހާދު ވިދާޅުވެފައިވި ނަމަވެސް ގާޒީ ނިންމަވާފައި ވަނީ އެ ހުއްދަ އޭނާއަށް ނުދޭށެެވެ. 

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ޖިހާދު ފުރުން މަނާކުރުމުގެ އަމުރެއް ނެރެފައި ވަނީ މިއަދުން ފެށިގެން ޖެނުއަރީ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޖިހާދުގެ މައްޗަށް ކުރާ ދައުވާ:

ނޭޝަނަލް ޕްލޭނިން ކައުންސިލުގެ ލަފާގެ މަތިން ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ސަރުކާރުގެ 50 އިންސައްތަ ހިއްސާވާގޮތަށް ޖޮއިންޓް ވެންޗާ އެގްރީމަންޓެއް ހެދުމަށް 22 ނޮވެންބަރު 2011 ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށާއި، މިނިންމުމުގައި އޮތީ، މި މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަންނުޖެހޭ ގޮތަށާއި، މިމަޝްރޫއުގެތެރެއިން، ބިމު ކުލި ދައުލަތަށް ލިބެންޖެހޭ ގޮތަށްކަމަށް ޕީޖީއިން މައުލޫމާތުދޭފައިވެ އެވެ. 

އެހެންނަމަވެސް ޖިހާދު ފިނޭންސް މިނިސްޓަރުގެ މަޤާމުގައި ހުރެ، ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަނޑައެޅިގެން ހިލާފަށް، އެކަން އެގޮތަށް ކުރަންޖެހިދާނެ އެއްވެސް ސަބަބެއް ނެތި، 13 ޖަނަވަރީ 2013 ދުވަހު ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް 50 އިންސައްތައިގެ ބަދަލުގައި، ދިވެހި ދައުލަތުގެ 25 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. 

އަދި ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 604,713,750 ޑޮލަރު އުނިވެފައިވާކަމަށް ޕީޖީން ބުނެ އެވެ. އަދި އޭގެ އިތުރުން، ދައުލަތުގެ 50 އިންސައްތަ ހިއްސާގެ ބަދަލުގައި 25 އިންސައްތައަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާއިން ލިބޭނެ ގެއްލުންވެސް އޮންނާނެ ކަމަށް ޕީޖީން ބުނެފައިވެ އެވެ. 

މިމައްސަލަ އޭސީސީއަށް ހުށަހެޅުނު ނަމަވެސް 2016 ފެބްރުއަރީ 16 ވަނަ ދުވަހު އޭސީސީން ނިންމާފައިވަނީ އެ ކަމުގައި ކޮރަޕްޝަން އެކުލެވިގެންނުވާކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައި އޮތުމުގެ ފުރުސަތު އޮތުމުން އެ މައްސަލަވަކި މައްސަލައެއްގެ ގޮތުގައި ބެލުމަށް އެސެޓް ރިކަވަރީ ކޮމިޝަނަށް ޕީޖީން ވަނީ އަންގާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް