ޑރ. ނަޒްލާ މިއަދު މިހެން ވިދާޅުވީ ނޫސްވެރިންނަށް ކޮވިޑް 19 ވެކްސިނާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި އިންފޮމޭޝަން ސެޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ.
މި ސެޝަންގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވެކްސިން މުޅި ރާއްޖެއަށް ބަހާލާނެ ގޮތެއް ކަނޑައެޅުމަށް އަތޮޅުތެރޭގައި ދިރާސާއެއް ކުރަމުން އަންނަ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި މި ދިރާސާތަކުގެ ތެރެއިން، ވަކި މީހުން ރަޖިސްޓްރީ ވުމަށް ޕޯޓަލްއެއް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ މުޅި ދުނިޔޭގައި ޖުމްލަ 222 ކޮވިޑް ވެކްސިނެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީގެ ތެރެއިން 166 ގެ މަސައްކަތް އޮތީ ޕްރީ-ކިނިކަލް މަރުހަލާގައި ކަމަށާއި، 56 ވެކްސިނެއް ކްލިނިކަލް މަރުހަލާގައި އަދި 14 ވެކްސިނެއް ވެކްސިން މާކެޓަށް ނެރުމުގެ ފޭސް ތިނެއްގައި އޮތް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެކި ވެކްސިން ޑިވެލޮޕް ކުރަމުން އައި ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޕްރީ-ކޮލިފައިޑް ވެކްސިނެއް ނޫނީ ރާއްޖެއަށް ނުގެންނާނެ ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.
މިމަހު ކުރީ ކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ކޮވިޑް-19 ގެ ވެކްސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެސް އެ ވެކްސިން ހިލޭ ފޯރުކޮށްދިނުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.