
ކިތަންމެ ޝޯ ރީއްޗަސް މާ ބޮޑަށް ދިގުލައިގެންދާތީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުން އަންނައިރު މިހާރު ޝޯ ނިންމާލަން އުޅޭކަމުގެ އަޑުތައް ވެސް ދަނީ ގަދަމުންނެވެ.
އެގޮތުން ކުރިއަށް ހުރި ބައިތަކަކީ ވަރަށް ޝައުގުވެރިވާނެ ބައިތަކެއް ކަމަށް ބެލެވެ އެވެ. ސަޕޯޓަރުންނަށް ދެން ވާން އޮތްގޮތުގެ ކުރު ވީޑިއޯކޮޅެއް ދޫކޮށްލާފައިވާއިރު އެ ވީޑިއޯ އިން ފެނިގެންދަނީ ނައިރާ މަރުވެގެން އުޅޭ މަންޒަރެވެ. އެހެންކަމުން، ޝޯ ނިންމާލަން އުޅޭކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވެ އެވެ.
މި ޝޯ ފުރަތަމަ ދައްކާފައިވަނީ 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. މިއީ ސްޓާ ޕްލަސް އިން ދައްކާ ޝޯތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަދުވަސް ވަންދެއް ކުރިއަށްދާ ޝޯ އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
މީގެ 11 އަހަރު ކުރިން މި ޝޯ ފެށުނު އިރު ލީޑު ރޯލުން ފެނިގެންދިޔައީ ހީނާ ހާން (އަކްޝަރާ) އާއި ކަރަން މެހެރާ (ނެތިން) އެވެ. ގިނަ ބަޔަކު އެ ޝޯ ބަލައިގެން އިރު ވަކި ހިސާބަކުން ފަންނާނުން ވެސް ޝޯއިން ވަކި ވީއެވެ.
އޭގެ ފަހުން ޝޯގެ ލީޑު ރޯލުން ފެނިގެންދިޔައީ އަކްޝަރާ އާއި ނެތިކްގެ އަންހެން ދަރި ނައިރާ (ޝިވާންގީ ޖޯޝީ) އެވެ. އަދި އޭނާއާއެކު ފެނިގެންދިޔައީ ކާތިކް (މޮހްސިން) އެވެ. މިހާރު ކާތިކް އާއި ނައިރާއަށް ދަރިއަކު ލިބި އެކުއްޖާވެސް ބޮޑު ވަނީއެވެ. ނަމަވެސް އަދިވެސް މި ޝޯ ދަނީ ކުރިއަށެވެ. އަދިވެސް އެ ޝޯ ބަލާ މީހުން ބަލައެވެ.