
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގެ ސަބަބުން ހަށިގަނޑަށް އެކި ގެއްލުންތައް ލިއްބައިދޭ ކަމެކެވެ. ހަށިގަނޑު ބަލިކަށިކޮށްދީ، ހަށިގަނޑުގައި ލައްވަވާފައިވާ ހުރިހާ ނިޒާމެއް އެފުންމިފުށަށް ޖަހާލާ ކަމެކެވެ. ބައެއް ގެއްލުންތަކަކީ ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާތާ މަދު ގަޑިއިރުތަކެއް ތެރޭ ލިބޭ ގެއްލުންތަކެއް ކަމަށްވާ އިރު، އަނެއްބައި ގެއްލުންތައް ލިބުމަށް ވަގުތު ނަގަ އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ދެވިހިފާ ކަމެއް
ދުންފަތުގެ އިސްތިއުމާލުކުރާ ބާވަތްތަކުގައި ހިމެނޭ އެއް ކެމިކަލް ކަމަށްވާ ނިކޮޓިން އަކީ ސިކުނޑިއަށް ދައުުރުވާ ކެމިކަލެއް ކަމަށްވާ އިރު، އޭގެ ސަބަބުން ވަގުތީ ގޮތުން މީހާގެ ގައިގައި ވަރުޖެހެއެވެ. ނަމަވެސް ނިކޮޓިންގެ އަސަރު ފިލުމުން މީހާ ވަރުބަލިވެ އެވެ. ނިކޮޓިން އަކީ ދެވިހިފާ ކެމިކަލެއް ކަމުން ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށް އެކަން ކުރުން ހުއްޓާލުން ދަތިކަމަކަށްވެ އެވެ.
ނޭވާލާ ނިޒާމަށް ބޮޑެތި ގެއްލުންތައް ލިބޭ
ދުންފަތުގެ އިސްތިއުމާލުކުރާ ވަގުތު ހަށިގަނޑަށް އެތެރެކުރެވޭ ދުމުގައި ބައިވަރު ވިހަ ކެމިކަލް އެކުލެވިގެންވެ އެވެ. އެ ކެމިކަލްތަކުގެ ސަބަބުން ނޭވާލާ ނިޒާމަށް ގެއްލުން ލިބުމަށް ވަގުތު ނަގާއިރު، އެމްފިސީމާ އާއި ފުއްޕާމޭގެ ކެންސަރުގެ އިތުރުން ކްރޯނިކް ބްރޮންކައިޓިސް ފަދަ ބަލިތަކަށް ހުށަހެޅިގެންދެ އެވެ.
ސިއްހީ މާހިރުން ބުނާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ މައިންބަފައިންގެ ސަބަބުން ދަރިންނަށް ވެސް ސިއްހީ ގޮތުން ނޭދެވޭ އަސަރުކުރެއެވެ. އެގޮތުން ގަދައަށް ކެއްސުމާއި ނޭވާ ހިއްލުން ފަދަ ބަލިތަކަށް ދަރިން ހުށަހެޅިގެންދާ މިންވަރު އިތުރުވެއެވެ.
ލޭގެ ޕްރެޝަރު މަތިކޮށް ލޭހޮޅި ބަންދުކޮށްދޭ
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ލޭގެ ޕްރެޝަރު މަތިކޮށްދީ ލޭހޮޅި ބަލިކަށި ކޮށްދޭ ކަމެކެވެ. އެކަމުގެ ސަބަބުން ސްޓްރޯކް ޖެހުމަށް މަގުފަހިކޮށްދެއެވެ.
މީގެ އިތުރުން ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މުޅި ލޭދައުރުކޮށްދޭ ނިޒާމަށް އެކި ގެއްލުންތައް ލިއްބައިދޭ ކަމެކެވެ. އެގޮތުން ލޭހޮޅިތައް ކުޑަކޮށް، ލޭ ދައުރުވުމަށް ހުރަސްއަޅައެވެ.
ހަމުގެ އިތުރުން ނިޔަފައްޗަށާއި އިސްތައްޓަށްވެސް ގެއްލުން
ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ތެރެއިން ހަށިގަނޑުގެ ހަމަށް ލިބޭ ގެއްލުން ފާހަގަކޮށްލެވެއެވެ. ހަމުގެ ބައްޓަމަށް ބަދަލު ގެނެސް، ހަމުގެ ކެންސަރަށް މަގުފަހިކޮށްދެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން އިސްތަށި ފޭބުމަށް މަގުފަހިކޮށްދީ، އިނގިލީގެ ނިޔަފަތިތަކުގައި ފަންގަސް އުފެދުމަށް މަގުފަހިކޮށްދެ އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ހަށިގަނޑަށް ގެއްލުން ލިއްބައިދޭ ކަމެއް ކަމަށްވާ އިރު، އެކަން ހުއްޓާލަންޖެހެ އެވެ. އެހެންކަމުން ކުރިއަށް އޮތީ އާ އަހަރު ކަމުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އާ އަޒުމަކާއި އެކީ މަސަައްކަތް ކުރާށެވެ.