
'ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' ރޭ ވަނީ ރައީސް ޑރ. މުއިއްޒު އިފްތިތާހުކޮށް ދެއްވާފައެވެ.
މިކަކަމާއި ގުޅިގެން މިދިޔަ ސަރުކާރުގެ ޔޫތް މިނިސްޓާރު އަހްމަދު މަހްލޫފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި ” މޯލްޑިވްސް 2.0 “ ނަމުގައި ރަސްމީކޮށް އިފްތިތާހުކުރެވިގެން އެދިޔައީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއްގެ ގޮތުގައިކަމަށެވެ. އަދި އެކަމާއި އެކަމާ ސީދާ ދެކޮޅު ހަދާ އެކަކަށް ވާނެކަމަށް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފްގެ މިވާހަކަތަށް ރައްދު ދެއްވީ ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އިސްކޮށް ހުންނެވި މިނިސްޓަރު އަލީ އިހްސާންއެވެ. މަހްލޫފް ޕޯސްޓް ޝެއާކޮށް އެކްސްގައި އިހްސާން ވިދާޅުވީ ރާއްޖޭގައި ދޭ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ ފަހަތުގައި އޮތީ ފަހަތުގައި އޮތީ ކޮރަޕްޝަން ނައްތާލުންކަމަށެވެ. އަދި ޑިޖިޓަލައިޒް ކުރަނީ އީވޯޓިން ނޫން ހިދުމަތްތައްކަމަށް އިހްސާން ވިދާޅުވިއެވެ.
ކޮންމެ ކަމެެއް ސިޔާސާ ނުކޮށް ބައެއް ކަންކަމުގައި ސިޔާސީ ދެބަސްވުން ދުރުކުރަން މަހްލޫފަށް އިހްސާން ވަނީ ގޮވާލައްވާފައެވެ.
ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ