ސައުދީން ހަމަލާ ދޭން ފަށާފައި ވާއިރު، ސައުދީގައި ތިބި ޔަމަނުގެ އާ ސަރުކާރު އެނބުރި ގައުމަށް އިއްޔެ އައި ވަގުތެއް ހަނގުރާމަވެރި ހޫތީން ވަނީ އެއާޕޯޓަށް ހަމަލާ ދީފަ އެވެ.
އެހެންކަމުން މިއީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ދެމުންދާ ހަމަލާތަކެކެވެ. ސައުދީން އުފައްދާފައިވާ ކޯލިޝަނާއި ހޫތީންނާ ދެމެދު ހަމަނުޖެހުން އުފެދިފައި ވާތާ މިހާރު ހަ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
އިއްޔެ ހޫތީން ފުރަތަމަ ހަމަލާ ދިނީ އަދަނުގެ އެއާޕޯޓަށެވެ. އަދި ދެވަނަ ހަމަލާ ދިނީ ރިޔާސީ ގަނޑުވަރަށެވެ. ސައުދީން މިއަދު ހަމަލާ ދިނީ ހޫތީންގެ ބާރުގެ ދަށުގައިވާ ސަންނާ އެއާޕޯޓާއި އިތުރު 15 ތަނަކަށެވެ.
ޔަމަނުގައި މި ވަގުތު ދެ ސަރުކާރެއް އެބަ އޮތެވެ. އެއީ ހޫތީ އީރާނުން ތާއީދު ކުރާ ހޫތީ ހަނގުރާމަވެރިންގެ ސަރުކާރާއި ސައުދީން ތާއީދު ކުރާ އިންތިހާބީ ސަރުކާރެވެ.