ads
ވީޑިއޯ ރިޕޯޓް-
ޑިމޮކްރަސީގެ ތަނބުތައް ފުނޑާލަނީތަ؟
ނޫސްވެރިކަމަކީ ޑިމޮކްރަސީގެ ހަތަރުވަނަ ތަނބު ކަމަށް ބުނާއިރު، ނޫސްވެރިންނާ މެދު މި މުޖުތަމައުގައި ދެކެމުން އަންނަ ގޮތަކީ މި ދާއިރާގެ މުސްތަގުބަލާ މެދު ފުންކޮށް ވިސްނާލުމަށް މަޖުބޫރު ކުރުވާ ކަމެކެވެ.

އިއްޔެ ނޫސްތަކުގެ ފަލަ ސުރުހީން ފެނިގެން ދިޔައީ ވަގުތު އޮންލައިންގައި ޝާއިއު ކުރި ހަބަރަކާ ގުޅިގެން ނޫސްވެރިންތަކަކަށް އިންޒާރު ދީގެން އުޅޭ ހަބަރެކެވެ.

މި މައްސަލަ ފުރަތަމަ މީޑިއާގެ އަމާޒަށް އައީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން މިކަން ކުށްވެރިކޮށް ޓުވީޓެއް ކުރުމުންނެވެ. އެ ޖަމިއްޔާއިން ވަނީ މި މައްސަލަ ބަލައިދިނުމަށް ފުލުހުންގެ ކިބައިން އެދިފަ އެވެ.

ނޫސްވެރިންތަކަކަށް އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށަހެޅީ މޯލްޑިވްސް މީޑިއާ ކައުންސިލުންނެވެ. އެ ކައުންސިލުން ބުނެފައި ވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތެއްގެ މަތިން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ކޮންމެ ފަރުދަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އަދި ގާނޫނު އަސާސީން ލިބިދީފައިވާ އިމުގެ ތެރެއިން ފާޅުކުރާ ހިޔާލެއްގެ ސަބަބުން ނޫސްވެރިޔާގެ ޖިސްމަށް ގެއްލުންދީ، ފުރާނައަށް ނުރައްކާކޮށް، ބިރުދައްކައި އިންޒާރުދިނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްއެމްސީއިން ބުނެފައި ވެއެވެ.

މިއާއެކު ފުލުހުން ވެސް ވަނީ އެ ވަގުތު ނޫހުން ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި އެ ނޫހުގެ ނޫސްވެރިންނަށް އެކި ގޮތްގޮތުން އިންޒާރު ދެމުންދާ މައްސަލަ ތަހުގީގު ކުރާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. 

މީގެ އިތުރުން ދެން ސޯޝަލް މީޑިއާއަށް ފެންމަތިވީ އެ ނޫހުގެ ނޫސްވެރިއަކަށް މީގެ ކުރިން ކުރެވުނު ތުހުމަތުތަކަކާއި ގުޅިގެން އެހެން ނޫހެއްގައި ލިޔެފައިވާ ހަބަރެއްގެ ވާހަކަ އެވެ. އަދި އެ ނޫސްވެރިޔާގެ އަބުރަށް އުނިކަން އަންނަ ފަދަ ގޮތަކަށް ހަބަރު ފަތުރަމުން ދާއިރު އުފެދޭ ސުވާލަކީ، މީހަކު ލިޔާ ހަބަރެއްގެ ސަބަބުން އެމީހާގެ އަގު ވައްޓާލަން މިހާ ދަށު ދަރަޖައަށް ވެއްޓުމަކީ ހަމަ ރަނގަޅު ކަމެއްތޯއެވެ؟

ދެން އުފެދޭ ސުވާލަކީ ހަގީގަތުގައި ވެސް މިއީ ބަޔަކަށް މަރުގެ އިންޒާރު ދޭން ޖެހޭ ފަދަ ކަމެއް ތޯ އެވެ. "އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ!" ގެ ނަމުގައި އެ ނޫހުން ޝާއިއު ކުރި އިންވެސްޓިގޭޓިވް ލިޔުމަކީ އަހަރެން ދެކޭ ގޮތުގައި މީހެއްގެ ފުރާނައަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދޭންވީ ވަރުގެ ހަބަރެއް ނޫނެވެ.

ގައިމުވެސް އަހަރެންގެ ނަޒަރުގައި މީހެއްގެ ފުރާނައަށް ގެއްލުން ދިނުމަށް އިންޒާރު ދޭން ޖެހޭނެ އެއްވެސް ހަބަރެއް މީހަކަށް ނުލިޔެވޭނެ އެވެ. ނުރަނގަޅު ވާހަކައެއް ނަމަ، ގާނޫނީ އިމުގެ ތެރެއިން އެމީހަކަށް ފިޔަވަޅު އެޅުމަކީ އޮތް ކަމެކެވެ. ނަމަވެސް ވަގުތު ނޫހުން ޝާއިއު ކުރި މި ހަބަރަކީ އެމީހުން އައްޑޫއަށް ކުރި ދަތުރުގައ އެމީހުން ކުރި މަސައްކަތްތަކުން، އެމީހުންނަށް ހޯދުނު މައުލޫމާތުގެ މައްޗަށް ލިޔެފައިވާ އިންވެސްޓިގޭޓިވް ލިޔުމެކެވެ. އެހާ ދިގުކޮށް، ތަފްސީލުކޮށް ހަބަރެއް ލިޔާއިރު، ނެތް ކަމެއްގެ މައްޗަށް އެފަދަ ހަބަރެއް ލިޔުމަކީ ވާނެ ކަމެއް ނޫނެވެ.

މީގެ ކުރިން ވެސް ވަނީ އެތައް ފަހަރެއްގެ މަތިން ނޫސްވެރިންނާއި ލިޔުންތެރިންނަށް މަރުގެ އިންޒާރުދީފަ އެވެ. މިފަދަ މީހުންނާ މެދު ވެސް އެޅުނު ފިޔަވަޅެއް ނެތެވެ. ހިތާމައަކީ މި ފަދަ ކަންކަމަކީ ސީރިއަސް މައްސަލަތަކުގައި ދެކިގެން ބެލިފައި ނުވާ ކަމެވެ. ބެލިފައިވާ ނަމަ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެއްލުނު މައްސަލަ އަދި މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައަކީ މިއަދު ނޯންނާނެ ދެ މައްސަލަ އެވެ.

ނަމަވެސް މިއަދުގެ ހިތާމަވެރި ހަގީގަތަކީ މުޖުތަމައު ތެރޭ ހުންނަ މިފަދަ މައްސަލަތަކުގެ ހަގީގަތް ގެނެސްދޭ ނޫސްވެރިންނަށް މަރުގެ އިންޒާރުތަކާ ކުރިމަތިލާން ޖެހޭ ކަމެވެ. މިއީ މައްސަލައެެއް ނޫން ކަމަށް ބަޔަކު ދެކޭ ކަމީ ވެސް ހައިރާންވާން ޖެހޭ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް