އެ މައްސަލާގެ އަޑުއެހުމެއް މާދަމާ ހަވީރު 3:30 އަށް ވަނީ ތާވަލުކޮށްފައެވެ.
ބޭސްފަރުވާއަށް ދުބާއީއަށް ފުރުމުގެ ހުއްދައަކަށް އެދުމުން، އެ ހުއްދަ ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ.
އެވދުވަހުގެ އަޑުއެހުމުގައި ޖިހާދުގެ ފަރާތުން ވަކީލު ވަނީ، ގިނަ ސިއްހީ ހާލަތްތަކެއް ބަޔާންކޮށް ފަރުވާއަށް ދުބާއީއަށް ފުރުމަށް މިހާރު ޓިކެޓު ވެސް ނަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ބަޔާންކުރި ސިއްހީ މައްސަލަތަކަކީ ގަވާއިދުން ބޭސްކުރަން ޖެހޭ މައްސަލަތަކެއް ކަމަށާއި، އެކަންކަމުގެ ތެރޭގައި އިންސޮމްނިއާ އާއި ހަކުރު ބަލި ހިމެނޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޖިހާދު އަކީ ގައުމުގެ ނައިބު ރައީސްކަން ކުރެއްވުމުގެ އިތުރުން ފިނޭންސް މިނިސްޓަރު ކަމާއި، އެމްއެމްއޭގެ ގަވަރުނަރު ކަންކޮށް، 35 އަހަރު ވަންދެން ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ދައުލަތުގެ އިއްޒަތްތެރިއެއްކަން، ޖިހާދުގެ ފަރާތުން ވަކީލު ވަނީ ފާހަގަކުރައްވާފައެވެ.
ނަމަވެސް ދައުލަތުގެ ފަރާތުން ވަކީލު ވަނީ، ޖިހާދަށް ކޮށްފައިވާ ދައުވާ އަކީ ޖިނާއީ ބޮޑު ދައުވާއަކަށް ވާއިރު، އޭނާ ފުރައިފި ނަމަ އޭނާ ފިލާފާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ. އަދި ދުބާއީއާއި ރާއްޖެއާ ދެމެދު އެކްސްޓްރަޑިޝަން އެއްބަސްވުމެއް ނެތުމުން އޭނާ ފިލައިފި ނަމަ ހައްޔަރުކޮށްގެން ރާއްޖެއަށް ގެނެވޭނެ ގޮތެއް ވެސް ނޯންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޖިހާދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާއެވެ. އެއީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ފިނޭންސް މިސްޓަރަކަށް ޖިހާދު ހުންނެވިއިރު، ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނިކޮށް، 50 ޕަސެންޓުގެ ބަދަލުގައި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރި މައްސަލައެވެ.
އެ މައްސަލަ ސާބިތުވެއްޖެ ނަމަ ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭގެ އިތުރުން، އޭސީސީއިން އަންނަނީ ޖިހާދުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ވެސް ބަލަމުންނެވެ.