
މުޖްތާޒް ފަހުމީ އަވަހާރަވެފައި ވަނީ ރޭ ދަންވަރު 2:00 ހާއިރު އެވެ.
އުމުރުފުޅުން 60 އަހަރުގައި މުޖުތާޒު އަވަހާރަވިއިރު މުޖުތާޒަށް ކޮވިޑް ޖެހިފައިވާކަން އެނގުނީ އާއިލާއާއެކު ލ. އަތޮޅު ކުޑަފުށީގައި ކަރަންޓީނުގައި ހުންނަވަނިކޮށް ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުންނެވެ.
އެގޮތުން އެންމެ ފުރަތަމަ ލ. ގަމުގައި ހުންނަ ކޮވިޑް ފެސިލިޓީން ފަރުވާދިނުމަށް ފަހު ހާލުކޮޅު މާބޮޑަށް ސީރިއަސްވެ އިއްޔެގެ ވަގުތެއްގައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދޭން ފަށާފަ އެވެ.
އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
މުޖްތާޒް ވަނީ 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.
ކޮވިޑްގައި މުޖްތާޒު އަވަހާރަވިއިރު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު މިވަނީ 49 އަށް އަރާފަ އެވެ.
މުޖުތާޒު އަވަހާރަވުމާއެކު ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން ވަނީ އާއިލާއަށް ތައުޒިޔާ ފޮނުއްވާފަ އެވެ.