ads
2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ތެރެއިން: ފޮޓޯ / އަވަސް
ގާނޫނަށް އިސްލާހު ގެެނެސްފިނަމަ އިލެކްޝަނަށް އެއްބާރުލުން ދޭނަން: ޑރ. ނަޒްލާ
އިލެކްޝަން ބޭއްވުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފިނަ އިންތިހާބު ބޭއްވުމަށް އެޗްޕީއޭގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

ކޮވިޑް-19 ގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އިލެކްޝަން ކޮމިޝަނުން މަސައްކަތްކުރަމުންދާތީ މިހާލަތުގައި އިލެކްޝަން ބޭއްވިދާނެތޯ އެޗްއީއޯސީން ރޭ ބޭއްވި ނޭސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ރައްކާތެރި ގޮތުގައި ބޭއްވުމާއި ގުޅޭގޮތުން އެޗްޕީއޭއިން އިލެކްޝަން ކޮމިޝަނާއި އެއްކޮށް ވަރަށް ގިނަ ބައްދަލުވުންތައް ބާއްވާ މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. 

އަދި މިވަގުތު އިލެކްޝަން ބޭއްވުމަށް ދިމާވެފައިވާ އެއް ދައްޗަކީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އިލެކްޝަން ބޭއްވުން މަނާވާކަމަށް ގާނޫނޫގައި ބުނެފައިވާތީ ކަމަށާއި އެހެންނަމަވެސް މިހާރު ގެންނަން ވިސްނަމުންދާ ބަދަލުތަކާއިއެކު ގާނޫނީ އިމުގެ ތެރެއިން އިލެކްޝަން ބޭއްވޭނެ މަގުފަހިވެއްޖެނަމަ އެއްބާރުލުންދޭނެ ކަމަށެވެ. 

"ގާނޫނީ އިމުގެ ތެރެއިން އިލެކްޝަން ބޭއްވޭނެ މަގުފަހިވެއްޖެނަމަ އެޗްޕީއޭއިން މިއޮތީ ހަމަ އިލެކްޝަނާއިއެކު މަސައްކަތްކުރަން ތައްޔާރަށް. އަޅުގަނޑުމެން މިހާރުވެސް މި ކުރަމުން ގެންދާ މަސައްކަތް އިތުރަށް ކުރިއަށް ގެންދާނަން. ރައްކާތެރިކުރުމުގެ ފިޔަވަޅުތަކާއިއެކު އިލެކްޝަން ބޭއްވޭނެ ގޮތައް އަޅުގަނޑުމެންގެ ގައިޑްލައިންސްތައް އެބޭފުޅުންނާއިއެކު ތައްޔާރުކޮށް އެބޭފުޅުންނާއިއެކު މަސައްކަތް ކުރަމުން ގެންދާނަން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށްޓަކާ، "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020" އަށް ގެންނަން ޖެހޭ އިސްލާހު ގެނައުމުގެ ގޮތުން ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ ބުދަ ދުވަހުގެ ރޭ ބޭއްވުމަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ. 

މިދިޔަ އަހަރުގެ މާޗު ހަވަނަ ދުވަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރީ ކޮވިޑް-19 އާ ގުޅިގެން ހާއްސަ ގާނޫނަކާއެކު އެވެ. ގާނޫނުގައި ވާގޮތުން އެ އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ.  

އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރީ މި އަހަރުގެ މާޗު މަހުގެ ހަވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލުމުން، މިހާރު އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ. ނަމަވެސް އީސީން ވެސް ވަނީ އެ ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާކަން ހާމަކޮށްފަ އެވެ. އެގޮތުން މިހާރު އިންތިހާބު ބާއްވަން ތާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް