ads
ވީޑިއޯ ރިޕޯޓް-
"ދޯހަޅި" ފަރުވާގެ ނިޒާމުން ޒުވާނުން މަސްތީ ދުނިޔެއަށް ކޮށްޕާނުލާ!
މިއީ މިފަހުން "ޗޭންޖް އެންޑީއޭ" ނުވަތަ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބަދަލުކުރުމަށް ގޮވާލާ ހިންގި އޮންލައިން ކެމްޕޭން އެންމެ ފަހުން ރަސްމީ ހަރަކާތަކަށް ބަދަލުވެ، އޭގެ ތެރެއިން އުފެދިގެން އައި "ހޭންޑްސް ޓުގެދާގެ" އެޑިވައިސަރެއްގެ ގޮތުގައި ހަރަކާތްތެރިވާ އައިޝަތު ނަތާޝާ އޭނާގެ ހަޔާތުގައި މަސްތުވާތަކެތިން ސަލާމަތްވުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ރިހެބިލިޓޭޝަން ސެންޓަރެއްގައި އެއްއަހަރުގެ ދުވަސް ހޭދަކުރުމަށް ފަހު ފަރުވާއިން ވަކިވުމާއި ހަމަަޔަށް އެތަނުގައި ހޭދަކުރި ދުވަސްތަކުގައި ކުރެވުނު ތަޖްރިބާގެ ކުޑަކުޑަ މިންވަރެކެވެ.
Advertisement

މިހާރު މަސްތުވާތަކެތިން ސަލާމާތްވެ ކްލީންކޮށް ހުންނަތާ އަށް އަހަރުވެފައިވާ ނަތާޝާ އެ ދުވަސްތައް ފާހަގަކުރަނީ އަދި އެތަނުގެ ހިދުމަތްތައް ފާހަގަކުރަނީ "ފޫނެތް ފަޔަށް ފެންފުރާ" ތަނެއްގެ ގޮތުގައެވެ. މަސްތުވާތަކެތީގެ މައްސަލައިގައި ރިހެބިލިޓޭޓު ވުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން އެއް އަހަރު ދުވަހު ފަރުވާ ހޯދުމަށްފަހު ފަރުވާއިން ވަކިކޮށް ދިރިއުޅުމުގެ މުހިންމު ދުވަސްތަކެއް ޖަލުގައި ނަތާޝާ ވަނީ ހޭދަކޮށްފަ އެވެ. 

އެހެން ނަމަވެސް މުޖުތަމައު ތެރެއަށް ރަނގަޅު މީހެއްގެ ގޮތުގައި ނިކުތުމަށްޓަކައި އެންޑިއޭ އިން ދޭންޖެހޭ އެހީތެރިކަން ނުލިބި އެކަމުން ސަލާމަތްވާން ނަތާޝާ މަސައްކަތް ކުރަންޖެހުނީ އެކަންޏެވެ. އެ ވަބާއިން ސަލާމަތްވުމަށް ބޭނުންވެފައިވާ މިންވަރުގެ ބޮޑުކަމުން މިއަދު އަށް އަހަރު ދުވަހު މަސްތުވާތަކެއްޗާއި ދުރުގައި ރަނގަޅު ދިރިއުޅުމެއް އާރާސްތުކޮށްފައިވަނީ އެކަނި ކުރި މަސައްކަތުންނެވެ. އެހެންނަމަވެސް މިއަދު މިވާބާގައި މުޖުތަމު ޖެހިފައިވާ މިންވަރާ އޭނާ ފަދަ އެތައް ކުދިންނެއްގެ ދިރިއުޅުން ރަނގަޅު ފަރުވާއެއް ނުލިބި ހަލާކުވަމުންދާތަން ދެކި، ނަތާޝާ ފަދައިން މިކަމަށް ފަރުވާ ހޯދުމަށް މަސައްކަތްކޮށް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ދޯހަޅި ފަރުވާތަކާއި ރަނގަޅު ޕްލޭނެއް ނެތި ދެމުންދާ ފަރުވާތަކުގެ ސަބަބުން އަމިއްްލަ ހިތްވަރުން ސަލާމަތްވެފައިވާ ގިނަ ފަރާތްތަކަކާއިއެކު އެފަދަ ކުދިންނަށް އެހީ ވެދިނުމަށްޓަކައި "ހޭންޑްސް ޓުގެދާ"ގެ ނަމުގައި ޖަމިއްޔާއެއް އުފައްދާ އަޑު އުފުލަމުންދަނީ މިކަމަށް ހައްލު ހޯދުމަށެވެ. 

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ވަންނާނެ ގެދޮރެއް ނެތި މަގުމަތިވެފައިވާ މައްސަލަ ބޮޑުވެފައި ވަނިކޮށް ފުލުހުން ވަނީ މަސްތުވުމަށް ހާއްސަ އައްޑާތަކުގައި ހިންގި އޮޕަރޭޝަންތަކުގައި ނޫސްވެރިން ބައިވެރިކޮށްފަ އެވެ. މި ހުރިހާ ކަމެއް ހިނގާފައި މި ވަނީ "ޗޭންގް އެންޑީއޭ" ގެ ނަމުގައި މިބޭފުޅުން ކުރި މަސައްކަތުންނޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. 

ފާއިތުވި ނުވަ އަހަރު އެންޑީއޭއިން ގާނޫނާ އެއް ގޮތަށް އަމަލުކޮށްފައި ނުވާ މައްސަލަ ބެލުމަށާއި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ފަރުވާދޭ މަރުކަޒުތައް ހަދާފައި ނުވާ މައްސަލައާއި ރިހެބިލިޓޭޝަން ސެންޓަރުތަކުން ރަނގަޅު ފަރުވާ ނުލިބި މުޖުތަަމައުއަށް ދޫވެ އަނެއްކާވެސް އެ ކުދިން އެ ވަބާގެ ތެރެއަށް ވަންނަ މައްސަލަތައް ވެސް އެމީީހުން ފާހަގަކުރެއެވެ. 

ފަރުވާއަށް ދާން ޑްރަގް ކޯޓުން ހުކުމްކޮށް ފަރުވާ ނުފެށި ދިގު ކިއުގައި މަޑުކޮށްގެން އެތައް ސަތޭކަ ބަޔަކު އެބަ ތިއްބެވެ. މުސްތަގުބަލާ މެދު ދެކެމުން އައި ފޮނި ހުވަފެންތައް މާޒީވެ، އުއްމީދުތައް ގެއްލިފަ އެވެ. އާއިލާތައް ރޫޅި ބިކަވެފައެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުތައް ވަނީ ފެއިލްވެފައެވެ. އދ.ގެ ޑްރަގް އެންޑް ކްރައިމް އޮފީހުން 2011 ވަނަ އަހަރުން ފެށިގެން 2012 ހަމަޔަށް ރާއްޖޭގައި ހެދި މަސްތުވާތަކެއްޗާ ބެހޭ ފުރަތަމަ ދިރާސާގައި ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 7،500 ކުދިން ތިބި ކަމަށް ދައްކައެވެ. އެއީ ރަށްރަށުގައި 3،154 އަދި މާލޭގައި 4،342 މީހުންނެވެ. އެކުދިންގެ އުމުރަކީ 15 އަހަރާއި 19 އަހަރާ ދެމެދެވެ.

މީގެ ނުވަ އަހަރު ކުރިން ފާސްކުރި "މަސްތުވާތަކެއްޗާ ބެހޭ ގާނޫނު" އިން ސިއްހީ ނަޒަރަކުން އެކަމަށް ފަރުވާ ދިނުމަށް ފެށި ނަމަވެސް އެކަމުގައި އެންޑީއޭ އޮތީ ފެއިލްވެފައެވެ. އެކަމުން ސަލާމަތްވުމަށް ދޭ ފަރުވާއަށް ބަދަލުތަކެއް އަންނަން ޖެހޭކަން ހުދު ބޯޑުން ވެސް ގަބޫލުކުރެ އެވެ. އެހެންނަމަވެސް ފަރުވާ ނުހޯދި އެތައް ކުދިންނެއް މިއަދު ވަނީ މުޖުތަމައުއަށް ބިކަވެ އާއްމުންނަށް ވެސް ބޮޑު ބިރަކަށްވެފައެވެ. އެެންމެ ފަހުން ފުލުހުންގެ ފަރާތުން ހިންގި އައްޑާ އޮޕަރޭޝަނުްގެ ތެރެއިން ވެސް ގިނަ ކުދިންތަކެއް މަސްތުވާތަކެތި އަލުން ބޭނުން ކުރަން ފަށާފައިވަނީ ސެންޓަރުތަކުން ރަނގަލު ފަރުވާ ނުދެވި މަޖުތަމައުއަށް ދޫވާން ޖެހުމުކަން ފާހަގަކޮށްފައިވެއެވެ. 

އެހެންނަމަވެސް ސަރުކާރުން އަދިވެސް ބުނަމުންދަނީ ފަރުވާދިނުމަށް ސެންޓަރުތައް އަޅާ ވާހަކައެވެ. ސުވާލަކީ ކުދިންނަނަށް ރަނގަޅު ފަރުވާ ނުދެވި އެ ކުދިން އަނެއްކާވެސް ރިލޭޕްސް ވެގެންދަނީ ރާއްޖޭގައި މިކަމަށް ފަރުވާދެވޭނެ ސެންޓަރުތައް ނެތިގެން ހެއްޔެވެ؟ އެހެންނެއް ވެސް ނޫނެވެ. 

އެންޑީއޭ އުފެއްދި ފަހުން މިހާތަނަށް 8،520 މީހުންނަށް ފަރުވާދީފައިވާއިރު ފަރުވާ ނުފެށި ކިއުގައި 617 މީހުން އެބަތިއްބެވެ. މިދިޔަ އަހަރު ޖެނުއަރީން ނޮވެމްބަރުގެ ނިޔަލަށް ޑްރަގް ކޯޓުން ވަނީ 333 މީހަކަށް، ފަރުވާއަށް ދާން ހުކުމްކޮށްފައި ނަމަވެސް ނޮވެމްބަރު މަހުގެ 20 އާ ހަމައަށް އަލަށް ފަރުވާ ފަށާފައި ވަނީ، 108 މީހެކެވެ. ކ. ހިންމަފުށީގައި 172 މީހުންނަށް ފަރުވާދެވޭނެވަރުގެ ރެސިޑެންޝަލް ފަރުވާ ދޭ މަރުކަޒެއް އެބަހުއްޓެވެ. އެހެންނަމަވެސް އެސެންޓަރުގައި މިވަގުތު ފަރުވާ ހޯދަމުންދަނީ 97 މީހަކެވެ. އަންހެނުންނަށް ފަރުވާދޭ ރިހެބިލިޓޭޝަން ސެންޓަރުން އެއްފަހަރާ 12 މީހުންނަށް ފަރުވާ ދެވޭއިރު އެތަނުގައި ފަރުވާދެމުން ދަނީ އެންމެ ހަ މީހުންނެށެވެ. ހިންމަފުށީގައި ހުންނަ ޑިޓޮކްސިފިކޭޝަން ސެންޓަރުގައިވެސް 10 މީހުނނަށް ފަރުވާދެވޭނެ ކެޕޭސިޓީ އޮވެމެ އެތަނުގައިވެސް ފަރުވާގައި މިވަގުތު ތިބީ އެންމެ ދެމީހުންނެވެ. މިފަހުން މިދިޔަ އަހުރެގެ ޑިސެމްބަރު މަހުގެ ތެރޭގައި ގއ. ވިލިނގިލީގައި "ދަގެނާ" ނަމުގައި އައުޓްޕޭޝަންޓް ކޮމިއުނިޓީ ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވިގެންދިޔައިރު އައްޑޫގައިވެސް ޑިޓޮކްސްސިފިކޭޝަން ސެންޓަރެއް އެޅުމަށް ސަރުކާރުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ. 

އެހެންކަމުން ފަރުވާ ނުލިބި މަގުމަތީގައި ލާޗާރު ބިޗާރު ވެގެން އުޅެން، ކުނި ގޮނޑު ހޮވާ ކައި، މަސްމާރުކޭޓް ބިއްދޮށުގަޔާއި މަސްތުގެ ހާލަތުގައި މިސްކިތްތަކުގައި ނިދުމަށް ގައުމުގެ މާދަމާގެ މުސްތަގުބަލު ބިނާކުރަން ތިބި ޒުވާނުން ސަރުކާރަށާއި ސަރުކާރުން މިކަމަށް އިސްކޮށްފައިވާ ފަރާތްތަކުން ދޫކޮށްލެވެންވީ ސަބަބެއް ކޮބައިތޯއެވެ؟ އަދި އެފަދަ ކުދިންނަށް ރަނގަޅު ފަރުވާ ދިނުމުގެ ބަދަލުގައި ވަރުވަރުން ސެންޓަރުތައް އެޅުމުގެ ބޭނުމަކީ ވެސް ކޮބައިތޯ؟ މަދުވެގެން މިއުޅެނީ ފަރުވާދެވޭނެ ސެންތަރުތަކެއް ނޫންކަން މިއީ މިކަންކަމަށް ބަލާލުމުން ސާފުވާން އޮތް ކަންކަމެވެ. ބޭނުންވަނީ މުޖުތަމައުއަށް މިކުދިން ފައިދާ ކުރަވަނިވި ގޮތުގައި ފަރުވާ ދެވިގެން ނިކުތުމަށް ބޭނުވާ އަވަސް އަދި ރަނގަޅު ފަރުވާއެވެ. އުނިވެގެން މިއުޅެނީ މިކަމެވެ. އެންޑީއޭގެ ރިހެބިލިޓޭޝަން ޕްރޮގާރާމްގައި އެއް އަހަރު ދުވަހު ފަރުވާ ހޯދުމަށްފަހު މުޖުތަމައުއަށް ނިކުތުމުން އަނެއްކާވެސް ރިލޭޕްސްވެ، އަމިއްލަ ހިތްވަރުން މިއަދު އެ ވަބާއިން ސަލާމަތްވެފައިވާ ޗޭންޖް އެންޑީއޭގެ އެޑްވައިޒަރެއްގެ މަގާމުގައި މިއަދު ހުންނެވި ތަސްނީފް ރަޝީދުގެ ވާަހަކަތަކުންވެސް ކިޔައިދެނީ ފަރުވާގެ ދޯހަޅިކަމެވެ.

"ނޭޝަނަލް ޑްރަގް އެޖެންސީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދާފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު އެވެ. ނޭޝަނަލް ޑްރަގް އެޖެންސީއަކީ، ހޯމް މިނިސްޓްރީއާއި ގުޅިފައިވާ އަމިއްލަ ހައިސިއްޔަތެއް ލިބިގެން ހިންގުމުގެ މިނިވަންކަން ލިބިފައިވާ، ގަވާނިން ބޯޑެއްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފަ އެވެ.

އެ އެޖެންސީއަކީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި، އެ ގާނޫނާ ގުޅިފައިވާ މައިގަނޑު ސިޔާސަތުތައް، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުގެ ލަފާއާއި މަޝްވަރާގެ މަތިން ރައީސް ކަނޑައެޅުއްވުމުން، އެ ސިޔާސަތުތައް ތަންފީޒުކުރާ ސަރުކާރުގެ މައިގަނޑު އިދާރާއެވެ. 

މާލޭގެ މަގުތަކަށް ބިއްޖެހި ވައްކަން ކުރުމާއި ފޭރުމާއި ރަހީނުކުރުން އިތުރުވެ ކުށުގެ ވެށި ފުޅާވެފައިވަނީ މުއައްސަސާތަކުންނާއި ސަރުކާރުގެ ބޮޑު އިހުމާލަކުންނެވެ. މިކަންކަން ހުއްޓުވުމަށް އެޅޭނެ ފުރަތަމަ ފިޔަވަޅަކީ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއް ގާއިމުކޮށް އެކުދިން މެނޭޖުކުރުމެވެ. އެހެންނަމަވެސް މިތަނަކީ ވުޖޫދުގައިވެސް ނެތް ތަނެކެވެ. ގާނޫނު ތަންފީޒުކުރަން ފަށާތާ 18 މަހުގެ ތެރޭގައި ސެންޓަރު ގާއިމްކުރަން އޮތް ނަމަވެސް އެ ސެންޓަރު ގާއިމު ނުކުރެވި އެތައް މަސްތަކެެއް ފާއިތުވުމަށްފަހު ގުޅީފަޅުގައި ރިމާންޑް ސެންޓަރެއް ގާއިމު ކުރެވޭނެ ކަމަށް އެ ބުނީ މިދިޔަ އަހަރު ނިމުމާއި ގާތްވެފައި އޮއްވައެވެ. ގާނޫނުގައި ބުނި 18 މަސްދުވަހުގެ ތޭރޭގައި އެ ސެންޓަރު ގާއިމުކުރެވުނު ނަމަ، މިހާރު މަގުމަތިން ފެންނަ ގިނަ މީހުން ތިބޭނީ އެ ސެންޓަރުގައެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހަކު ފުލުހުންނަށް ފާހަގަވެއްޖެނަމަ އޭނާ ގެންދަން ޖެހޭ ތަނަކީ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު ނަމަވެސް ވުޖޫދުގައި ނެތް ތަަނަކަށް ގެންގޮސް ލާނީ ކިހިނެތް ހެއްޔެވެ؟ ދެން ގެންގޮސް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ތެރެއަށް ކޮށްޕާލެވޭއިރު ވެސް އެތަނުން ދެވޭ ފަރުވާއެކޭ "ފަރަށް ދިޔުމޭ" ހަމަ އެއްވަރެވެ. ރަނގަޅު ފަރުވާ އެއް ނުދެވި، އާފްޓާ ކެއާވެސް ނުދެވި ކުއްޖާ އަނެއްކާވެސް މުޖުތަމައު ތެރެއަށް ދޫވުމުން ފަށަނީ ބޭނުންކުރާށެވެ. ވައްކަން ކުރާށެވެ. ފޭރޭށެވެ. 

މި މައްސަލަތަކަކީ ހައްލު ބޭނުންވާ، ލަސްވެއްޖެ ނަމަ އަތް ނުފޯރާނެ ނުރައްކާތެރި ކަމަކަަށް ވެގެންދާނެ ކަމެކެވެ. ބޭނުންވަނީ ވަރުވަރުން ސެންޓަރުތަކެއް ނޫނެވެ. ފަރުވާދެވޭނެ ރަނގަޅު ނިޒާމެކެވެ. މުޖުތަމައުއަށް ކުއްޖާ ނިކުންނައިރު ގާބިލު މީހަކަށް ހެދުމުގެ ގާބިލުކަން ސެންޓަރުތަކުގައި ހުރުމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް