ads
އަބްދުﷲ ޖިހާދު-- ފޮޓޯ: ރައީސް އޮފީސް
ކުރީގެ ނައިބު ރައީސް ޖިހާދުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައިގެ ހުކުމްކުރުން މާދަމާ
ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރި މައްސަލައިގެ ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފިއެވެ.

މިމައްސަލައިގެ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ހައިކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާގެ 14:00 އަށެވެ. 

މިމައްސަލައިގައި ޖިހާދުގެ ފަރާތުން ވަނީ އިސްތިއުނާފީ 4 ނުކުތާއެއް ހުށަހަޅާފައެވެ. އެގޮތުން ފުރަތަމަ ނުކުތާއެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް ކަމަށެވެ. 

އަދި ދެވަނަ ކަމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، ޖިހާދުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑު ކުށަކަށް ނުވާހިނދު، ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދެވެން ނެތްކަމަށް ނެރުނު ކޯޓުއަމުރުގައި އެއީ ބޮޑު ކުށެއް ކަމަށް ކަނޑައަޅާފައި އޮތް އޮތުން އެއީ ހުށަހަޅާފައިވާ ދައުވާއާއި ހިލާފަށް ޝަރީއަތުން ހުށަހަޅާފައިވާ ކަމެއް ކަމަށެވެ. 

ތިންވަނަ ނުކުތާއެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނޫ އަސާސީގެ 41 ވަނަ މާއްދާއާއި ހިލާފު އަމުރެއް ކަމަށެވެ. އެގޮތުން އެ އަމުރުގެ ސަބަބުން އެމާއްދާގައި ލިބިދޭ ދަތުރުފަތުރު ކުރުމުގެ އަސާސީ ހައްގަށް އުނިކަން އަންނަ ކަމަށް ވަނީ ބަޔާންކޮށްފައެވެ. 

ޖިހާދުގެ ފަރާތުން ހުށަހަޅާފައިވާ ހަތަރުވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ މި އަމުރު ނެރުމުގައި ހަވާލާދީފައިވާ ހައި ކޯޓުގެ ގަޒިއްޔާ ތަތްބީގު ކޮށްފައިވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް ބަޔާންކޮށް ހުށައަޅާފައިވާ ނުކުތާއެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާއެވެ. 

އެއީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ފިނޭންސް މިސްޓަރަކަށް ޖިހާދު ހުންނެވިއިރު، ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނިކޮށް، 50 ޕަސެންޓުގެ ބަދަލުގައި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރި މައްސަލައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް