ads
ފައުޒާން-
ފައުޒާންގެ މަރު: ބޮޑު އިހުމާލެއްބާ!؟
ފުވައްމުލަކަށް ދިމާވެފައި ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ސިޓީގެ ހުޅަނގު ފަރާތުގައިވާ ހަތަރު ނެރު ބަންދުކުރެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް ޕްލޭނިން މިނިސްޓްރީއަށް އެ ރަށު ކައުންސިލުން ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

ނަމަވެސް އެ މައްސަލައަށް ހައްލު ހޯދުމަށް ސިޓީ ފޮނުވިތާ ތިން މަސް ފާއިތުވެގެން ދިޔައިރު ވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. އެކަން އެހެން އޮއްވާ މިދިޔަ ހަފްތާގައި ލިބުނު ހިތާމަވެރި ހަބަރަކީ އުމުރުން 17 އަހަރުގެ ޒުވާން އަހްމަދު ފައުޒާން ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު ކުދިންތަކެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި މަރުވި ހަބަރެވެ. 

ފުވައްމުލަކު ކައުންސިލުން އެ ރަށުގެ ހުޅަނގު ފަރާތުގެ ހަތަރު ނެރު ބަނދުކޮށްދިނުމަށް ޕްލޭނިން މިނިސްޓްރީގައި އެދިފައި ވާތާ އެތައް ދުވަހެއްވީ އިރު ވެސް އެކަމަށް ހައްލެއް ފެނިފައެއް ނުވެ އެވެ. ކުޑަމިނުން އެކަމާ ގުޅޭ މަޝްވަރާއެއް ވެސް ކޮށްފައެއް ނުވެ އެވެ. 

ކައުންސިލުގެ ސިޓީގައި އޮތީ ކީކޭ؟

ކައުންސިލުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެ ރަށުގެ ނެރުތަކުގެ ސަބަބުން ގިނަ އަދަދަކަށް ވެއްޔާއި ގާ ބޭރުވަމުންދާ ކަމަށާއި މިކަން ހައްލުކޮށް ރަށް ގިރުން ކުޑަކުރުމަށްޓަކައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފޭސް 2011 ވަނަ އަހަރު ވަނީ ފެށިފައި ކަމަށެވެ. އެ ޕްރޮގްރާމުގެ ތެރެއިން އެ ރަށުގެ އިރުމަތީ ފަރާތުގެ ހަތަރު ނެރު ވަނީ ބަންދުކުރެވިފަ އެވެ. އަދި އެކަމުގެ ނަތީޖާ ވެސް ރަނގަޅު ކަމަށް ރަސްގެފަންނު ސަރަހައްދަށް ބަލާލުމުން ފާހަގަކުރެވޭ ކަމަށް އެ ސިޓީގައި ވެއެވެ.

މީގެ އިތުރުން ފުވައްމުލަކު ކައުންސިލުން ބުނީ މި ވަގުތު ވެސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބޮޑު ޕްރޮޖެކްޓެއް އެ ރަށުގައި ކުރިއަށްދާ ކަމަށާއި މި ދުވަސްވަރު ނެރުތައް ބައްދާލެވޭ ނަމަ ހަރަދު ކުޑަވާނެ ކަމަށެވެ. 

އަދި އެމްޓީސީސީގެ އެކި މަޝްރޫއުތަކަށް ބޮޑު ހިލަ ރާއްޖޭގައި ގިނަވެފައި ހުރުމަކީ އެކަށީގެންވާ ކަމަކަށް ވާތީ، މި ދުވަސްވަރު މި މަސައްކަތް ކުރުމުން ހަރަދު ކުޑަކޮށް، ފުވައްމުލަކުގެ ރަށްގިރުމުގެ މައްސަލަ ހައްލު ކުރެވިދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. 

އެހެންކަމުން އެ ކައުންސިލުން އެދިފައި ވަނީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ދެވަނަ ފޭސްގެ ގޮތުގައި އެ ރަށު ހުޅަނގު ފަރާތުގެ ހަތަރު ނެރު ބަންދުކޮށްދިނުމަށެވެ. 

ނެރުތައް ބެއްދުން މުހިއްމު ވަނީ ކީއްވެ؟

ފުވައްމުލަކަކީ އަތޮޅެއްގެ ސިފަތައް ލިބިގެންވާ ރަށެއް ނޫނެވެ. ފުވައްމުލައް އުފެދުނީ މާކަނޑާ ގުޅިފައިވާ ވިލަކުން ކަމަށްވެ އެވެ. ވިލެއް، ފަޅެއް މިހާރަކު ނޯވެ އެވެ. ވަށައިގެން ފުއްޓަރެވެ. އާނުގަނޑު ގިނަވެފައި، އޮންނަނީ މާސިންގާކޮށް ހެދި އަޑިއަށް ބިޔަ ހޮހަޅަ ހެދިފަ އެވެ. 

ފުވައްމުލަކުގައި 2003 ވަނަ އަހަރު ބަނދަރު ހެދުމުގެ ކުރިން އޮޑިދޯނިފަހަރު ރަށުން ފުރުމަށް ފަރުމަތިން އަށް ނެރެއް ކޮނެފައި ވެއެވެ. އެ ނެރުތައް ހުންނަ ދިމަދިމާލުގައި އޮއެ ގަދަވެމ ހިތާމަވެރި ހާދިސާތައް ހިނގާފައި ވެއެވެ. މިހާތަނަށް ހަތަރު ނެރު ބަންދު ކުރި ނަމަވެސް ބާކީ ހަތަރު ނެރު އަދިވެސް ހުރި ގޮތަށް ހުރީ އެވެ. ފައުޒާން މަރުވެގެން ދިޔެއީ އެތަނުން ނުބައްދާ އޮތް ނެރެއްގެ ސަބަބުންނެވެ.

ފަހުގެ ތާރީހުގައި ފުވައްމުލަކުގައި މޫދަށް 25 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ވެއެވެ. ފައުޒާންގެ މަރާއެކު ފުވައްމުލަކުގައި މީހުން މޫދަށް އެރި އުޅޭ ހިސާބުތައް ރައްކާތެރި ކުރެވޭނެ ގޮތްތައް ހެދުމަށް އެކި ފަރާތްތަކުން ގޮވާލަން ފެށި އެވެ. އަދި ފައުޒާން އޮޔާދަމާގަތް ނެރު ބެއްދުމަށް ގޮވާލާ ޕެޓިޝަނެއް ވެސް މިހާރު ވަނީ ހަދާފަ އެވެ.

"ވަން ފުވައްމުލައް" ނަމުގައި ހިންގާ ހަރަކާތަކުން ފެށި ޕެޓިޝަނުގައި ދެ ދުވަހުގެ ތެރޭގައި 2،132 މީހުން ސޮއިކޮށްފައި ވެއެވެ. ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފް ވަނީ އެ މަސައްކަތުގައި އެއްބާރުލުންދެއްވާނެ ކަމުގެ ޔަގީންކަން އެ ހަރަކާތަށް ދެއްވާފަ އެވެ.  

ނެރުތައް ބެއްދުމާއި މީހުން ގެނބުމާއި ސީދާ ގުޅުމެއް ނެތް!

ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ނެރުތައް ބަންދު ކުރުމުން އެ ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށާއި މި ވަގުތު މި މަސައްކަތް ފަށައިފި ނަމަ ދައުލަތަށް ހަރަދު ކުޑަކޮށް، މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. 

ޟިރާރު ވިދާޅުވީ ނެރުތައް ބެއްދުމާއީ މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތަކާ ސީދާ ގުޅުމެއް ނުވާ ކަމަށެވެ. އެހެންނަމަވެސް ނެރުތައް ހުންނަ ދިމާތަކަކީ އޮއެގަދަ ދިމާތަކަކަށް ވުމުން އެ ތަންތަން ބައްދައިފި ނަމަ ފައިދާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އާއްމުކޮށް މީހުން މޫދަށް ގޮސް އުޅޭއިރު، މޫސުމަށް ބަލަން ހަނދާން ނުހުންނަ ކަމަށާއި މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރޭ އެލާޓުތަކަށް ވެސް މޫދަށް އެރޭ މީހުން ނުބަލާ ކަމަށް ބުންޏެވެ.

ކޮންމެއަކަސް ޕްލޭނިން މިނިސްޓްރީއަށް ސިޓީ ފޮނުވާފައި އޮންނަތާ ތިން މަސް ފަހުން ހިނގި ހިތާމަވެރި ހާދިސާއެއްގައި ޒުވާން ފުރާނައެއް ވަކިވެގެން އެ ދިޔެއީ އެންމެންގެ ލޯ ކުރިމަތީގަ އެވެ. ވަފާތެރި ރަހުމަތްތެރިއެއް ދުނިޔެ ދޫކުރީ އެވެ. ބައެއްގެ ލޯބިވާ ދަރިފުޅު ވަނީ އާލަމީ ދުނިޔެއަށް ދަތުރުކޮށްފައެވެ. އެހެންކަމުން އަހުމަދު ފައުޒާންގެ މަރަކީ ބައެއްގެ އިހުމާލުން ހިނގި ހާދިސާއެއްބާއޭ ހިތާ ހިތާ ސުވާލުކޮށްލެވެއެވެ. 

22%
ކަމުގޮސްފި
56%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް