ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ، ނ. މާފަރު އީޓުޖެހިގެ އަބްދުއްސަލާމް އާރިފް، އަދި އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ، ގއ. ކަނޑުހުޅުދޫ ބްލޫރޯޒް، ޖިހާދާ އަނީސްއާއި، ހ. ފެހިއާލާ މަރްޔަމް ލައިޒާ އެވެ. އެ ތިން ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރައްވާފައި ވަނީ އިންތިގާލީ އިންސާފުގެ ޤާނޫނު ގެ ހަވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެމަތީންނެވެ.
ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް ޢައްޔަންކުރެއްވި އަބްދުއްސަލާމް އާރިފަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާއިން މާސްޓާސް އޮފް ކޮމްޕެރެޓިވް ލޯސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރެއްވި ޖިހާދާ އަނީސް އެންމެފަހުން އަދާކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމެވެ. އޭގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އަދި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިތުރުން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުގެ އިސް މަގާމުތަކެއް އެ ކަމަނާ ފުރުއްވާފައިވެއެވެ. ޖިހާދާ ވަނީ މޯލްޓާގެ އައިއެމްއޯ އިންޓަނޭޝަނަލް މެރިޓައިމް އިންސްޓިޓިއުޓުން މާސްޓާސް އޮފް ލޯސް އިން އިންޓަނޭޝަނަލް މެރިޓައިމް ލޯ ހާސިލުކުރައްވާފައެވެ.
އޮމްބަޑްސްޕާސަންގެ މަގާމަށް ދެން އައްޔަންކުރެއްވި މަރްޔަމް ލައިޒާ މީގެ ކުރިން ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރާއެއްގެ މަގާމާއި، ހިއުމަންރައިޓް ކޮމިޝަނާއި، އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި، އަދި ތައުލީމީ ދާއިރާގެ މަގާމުތައް އަދާކުރައްވާފައެވެ. ލައިޒާ ވަނީ ތައިލެންޑުގެ މަހިޑޯލް ޔުނިވާސިޓީއިން މާސްޓާސް އޮފް ހިއުމަން ރައިޓްސް އެންޑް ޑީސެންޓްރަލައިޒޭޝަން، އަދި މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން މާސްޓާސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވާފައެވެ.
އިންތިގާލީ އިންސާފުގެ ބިލް ރައީސް ތަސްދީގުގުރައްވާފައިވަނީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެ ބިލަކީ، 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 29 ވި އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހެއް އުފެދިގެންދާނެ ކަމަށް ބުނެފައިވާއިރު ރައީސް އެ އޮފީސް އުފައްދަވާފައިވަނީ ވެސް ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހްސެކެވެ.
އިންތިގާލީ އިންސާފުގެ ގާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހްގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގާނޫނެކެވެ.
އެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ހިމެނެ އެވެ.