ads
ހައްވައްތަ ދިރިއުޅެމުންދާ ހާލަތު--
ހައްވައްތަ ކޮއްޓެއްގައި: ލިބުނު ފްލެޓް ވެސް އަތުލީ!
މިއީ މައްޗަންގޮޅި ދަގަނޑު ކެނޑިގޭ ކައިރީ ހުންނަ ގޯޅިއެއްގައި ފިރިމީހާ އާއި ދެ ކުދިންނާއެކު ކުޑަކުޑަ ކޮއްޓެއްގައި ދިރިއުޅެމުންދާ ހައްވާ އަލީ، (ހައްވައްތަ) ގެ ނިކަމެތި ދިރިއުޅުމުގެ ވާހަކަ އެވެ. މާލޭގައި މާލޭ މީހުން ވެސް ވަރަށް ނިކަމެތި ހާލުގައި ދިރިއުޅެމުންދާކަން ހައްވައްތަގެ މި ކޮއްޓަށް ވަދެލުމުން އެނގި ހާމަވެގެންދެ އެވެ.

އުމުރުން 18 އަހަރުން މަތީގެ ދެ ދަރިންނާއެކު ހައްވައްތައާ އޭނާގެ ފިރިމީހާ ދިރިއުޅެމުންދަނީ ހަތަރު ފޫޓު ފަސް ފޫޓުގެ "ކޮއްޓެއް" ގަ އެވެ. މާލޭގެ ރަށްވެހިންނަށް ވެސް ލިބުނު އުފަލެއް ނެތެވެ. ހައްވައްތަގެ މަންމައަށް ލިބިފައިވާ ބިމުގައި އެމީހުން ދިރިއުޅެމުން އަންނައިރު ހައްވައްތަ ސީއެންއެމްއަށް ކިޔައިދިން ގޮތުގައި އެތަންކޮޅު މަންމަގެ ހުރިހާ ދަރިންނަށް ބަހައިފިނަމަ އަދި އުޅެން ޖެހޭނީ މިއަދު އެމީހުން އުޅެމުން އަންނަ ތަންކޮޅަށް ވުރެ ވެސް މާހާލުގަ އެވެ. 

ހަތަރު ފޫޓު ފަސް ފޫޓުގެ ކޮޓަރިއަށް ވަދެލަން ހިނގާށެވެ. އަލަމާރީއެއް ކީއްކުރަން ގޮނޑިއެއްގެ މިންވަރު ބަހައްޓާނެ ތަން ވެސް މިހާރު އެތަނުގައި ނެތެވެ. ބަންކް ބެޑެއް ބަހައްޓާފައި ހުރިއިރު އަލަމާރީ ބަހައްޓާނެ ތަނެއް ނެތުމުން ލާން ގެންގުޅޭ އަންނައުނުކޮޅު ވެސް ހުރީ އެނދުގެ ބިއްދޮށަށް އަޅާފަ އެވެ. ގޭގައި ކައްކަން ގެންގުޅޭ ސާމާނާއި، ފްރިޖާއި ދަރިންގެ އެހެނިހެން މުދާތައް ވެސް ހުރީ އެކި ތަންތަނުގަ އެވެ. އެއްގޮތަކަށް ވެސް އެތަނަށް އިތުރަށް އެއްޗެއް ވައްދައި ތަންތަން ތަރުތީބު ކުރެވެން ވެސް ނެތީމަ އެވެ. އަނެއްކޮޅުން ސީލިންގުން ކޮޓަރިއަށް ފެން ވެސް ފައިބަ އެވެ. 

your imageހައްވައްތަގެ ކޮޓަރި--

ބަލި ހާލަތު ހުރި ގޮތުން ކޮޓަރީގައި ކެއްކެން ނެތުމުން ކައްކާނެ ކުޑަކުޑަ ޖާގައެއް ހަދާފައި ހުރީ ކޮޓަރީގެ ހާސްކަމުން ނިކުމެލައި ފިނިކޮށްލަން އޮތް ތަންކޮޅުގަ އެވެ. ކޮޓަރީގެ ކުރިމައްޗަށް އޮތް ކުޑަ ހުސްތަންކޮޅެއްގައި އެއް ފަޅިން ކެއްކޭ އުނދުނެއް ބަހައްޓާފައި ހުރިއިރު ކައިބޯ ހަދަން ޖެހެނީ ނިދަން އޮންނަ އެނދު މައްޗަށް އަރައި ތިބެ އެވެ. 

your imageހައްވައްތަގެ ބަދިގެ--

"މޭޒެއް ބަހައްޓާލެވޭކަށް ވެސް. މިތާ އެތެރޭގަ އަޅުގަނޑުމެން ކައި ބޮއެ ހުރިހާ ކަމެއް ކުރަންޖެހެނީ. އަޅުގަނޑަކީ ފުއްޕާމޭގެ ބަލި ހުންނަ މީހެއްވީމަ އޮކްސިޖަން މެޝިން ވެސް ގުޅަން ޖެހޭ. ވައިކޮޅެއް ބޭރެއް ނުވާނެ. ވެންޓިލޭޓެއް ނުވޭ، މިފަދަ ނިކަމެތި ހާލެއްގަ މިއުޅެނީ،" އޭނާ ކިޔައިދިނެވެ.

ހައްވައްތަ ކިޔައިދިން ގޮތުގައި، ބަލި ހާލަތު ހުރި ގޮތުން އިށީންދެ އުޅުމަކީ ދަތި ކަމެކެވެ. އެހެންކަމުން، ނަމާދަށް އަރަން ޖެހެނީ ވެސް ކޮޓަރީގެ މެދުގައި އިން ކުޑަ ހުސްތަންކޮޅެއްގައި ކުޑަކުޑަ ހަތަރެސްކަން ގޮނޑިއެއް ބަހައްޓައިގެންނެވެ. 

އެންމެ ކުޑައިރުއްސުރެ އެތަނުގައި ހައްވައްތަ އުޅެ ބޮޑުވިއިރު އެންމެ ފުރަތަމަ މީހަކާ އިން ގޮތަށް އުޅެން ފެށީ ތަންތަން ކުއްޔަށް ހިފައިގެންނެވެ. އެކަމަކު ފަހުން ކުލި ދެއްކޭނެ ހާލަތެއް ނެތިގެން އެތަންކޮޅަށް ބަދަލުވާން މަޖުބޫރުވީ އެވެ. 

ހައްވައްތައަށް ތިން ދަރިން ލިބުން ނަމަވެސް އެތަނުން އެއް ކުއްޖެއްގެ އުމުރުން ދިހަ އަހަރުގައި ވަނީ މަރުވެފަ އެވެ. ހައްވައްތަ ބުނި ގޮތުގައި ކުއްޖާ މަރުވީ އެ ކުޑަކުޑަ ތަންކޮޅުގައި އުޅެން ޖެހި ކުއްޖާގެ ހާލަތު ގޯސްވެގެންނެވެ. 

your imageކޮޓަރިގެ ތެރެ--

ކޮންމެއަކަސް، ހައްވައްތަގެ މި ނިކަމެތި ހާލަތުން އަރައިގަތުމަށް ކޮންމެ ފަހަރަކު ވެސް ފްލެޓަށް ކުރިމަތިލަ އެވެ. ކޮންމެ ސަރުކާރެއްގައި ވެސް ފްލެޓަށް ކުރިމަތިލި ނަމަވެސް މިއަދާ ހަމައަށް ވެސް ފްލެޓެއް ލިބޭ ވަރެއް ނުވެ އެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ނަމަވެސް ލިބުނު ފްލެޓް ވެސް ބީވެއްޖެ އެވެ. 

ހައްވައްތަ ބުނީ ދިރިއުޅުމުގެ ހާލަތު ބަލަން ކޮމިޓީގެ މެމްބަރުން ގެއަށް އައި ކަމަށެވެ. އެގޮތުން އެތަންކޮޅަކީ އުޅެން ހެޔޮވާވަރުގެ ތަންކޮޅެއް ނޫން ކަމަށް ބުނެ އެ ހުރިހާ އެއްޗެއް ލިޔެ ނޯޓު ވެސް ކުރި ކަމަށެވެ. އެހެންނަމަވެސް ކޮމިޓީން ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމުކުރިއިރު ހައްވައްތައަށް ލިބުނީ އެންމެ 19 ޕޮއިންޓެވެ. 

"ހާލަތު ބަލަން އައިސް ބުނި އަހަރެމެންނަށް ކޮށްދެވެން ހުރި ވަރެއް ކޮށްދޭނަމޭ. މިތަނުގައި ދިރިއެއް ނޫޅެވޭނެއޭ. އެވަރުގެ ތަނެކޭ މިއީ. އެމީހުން ލިޔުނު އެ އެއްޗެހި،" ހައްވައްތަ ބުންޏެވެ. 

ފްލެޓް ނުލިބި ދަރިންނަށް ރަނގަޅު މަގެއް ހޯދައި ނުދެވުމުން ހައްވައްތަ އިނީ މާޔޫސްވެފަ އެވެ. ދެން ވެސް ސަރުކާރެއްގައި ފްލެޓް ލިބޭނެ ކަމުގެ އުއްމީދު ގެއްލިފައި އިން ހައްވައްތަގެ ކަންބޮޑުވުމަކީ ވޯޓާ ދިމާކޮށް ގެއަށް މީހުން އައިސް އެތަނަކީ ދިރިއުޅެން ހެޔޮވާވަރުގެ ތަނެއް ނޫން ކަމަށް ބުންޏަސް ފްލެޓް ދޭން ޖެހުމުން އެވަރު ނުދަތުމެވެ. ސަރުކާރުތަކަށް ހައްވައްތަގެ އިތުބާރު ގެއްލި، މާޔޫސްކޮށްލައިފި އެވެ. 

9%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
72%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް