ads
މީގެ ކުރިން އައިޖީއެމްއެޗްގައި ހަކުރު ބައްޔަށް ޓެސްޓް ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން
ހަކުރު ބަލީގެ ދުވަސް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަނީ
ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް މިއަދު ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
Advertisement
ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް މިއަދު ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މިދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު 10:00 އިން މެންދުރު 12.00 އަށް ހަކުރު ބައްޔަށް ޓެސްޓުކުރުމާއި، ހަކުރުބަލީގެ މައުލޫމާތުދިނުމަށް މާލޭގެ ނޯތު ހާބަރުގައާއި، އައިޖީއެމްއެޗްގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވަނީ މައުލޫމާތު ދީފަ އެވެ.

މީގެއިތުރުން މާލޭގެ އެކުވެނި ސަރަހައްދުގައާއި އެއާޕޯޓުގައި ހަކުރު ބައްޔަށް އާންމުން ހޭލުންތެރިކުރުވުމަށް ހަރަކާތްތަކެއް ކުރިއަސް ގެންދިއުމަށް ވެސް ވަނީ ރާވާފަ އެވެ. ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް މިފަދަ ހަރަކާތްތައް އައިޖީއެމްއެޗުން ދަނީ އިންތިޒާމު ކުރަމުންނެވެ.

އިންޓަނޭޝަނަލް ޑައެބެޓީސް ފެޑަރޭޝަނުން މިއަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޔާރުގެ ގޮތުގައި މިދިޔަ އަހަރެކޭވެސް އެއްފަދައިން ކަނޑައަޅާފައިވަނީ "އާއިލާ އާއި ހަކުރުބަލި" އެވެ.

މި ޝިއާރުގެ މަގުސަދަކީ ހަކުރުބަލީގެ ސަބަބުން އާއިލާތަކަށް ދިމާވެދާނެ ގޮންޖެހުންތަކަށް ހޭލުންތެރިކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަނެ، ހަކުރު ބަލިން ރައްކާތެރި ވެވޭނޭ ގޮތްތަކާއި ހަކުރުބަލި ޖެހުމުން އެބައްޔަށް ފަރުވާ ކުރާނެ ގޮތްތަކާއި ބެހޭ ގޮތުން އާންމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރު ކުރުމެވެ.

ހަކުރު ބަލި ދުރާލާ ދެނެގަނެ ހަށިގަނޑުގެ ދުޅަހެޔޮކަން ހެޔޮގޮތުގައި ބެލެހެއްޓުމަށް އަމަލުކުރެވިދާނެ ގޮތްތަކާބެހޭ މައުލޫމާތު ހިއްސާކުރުން ހިމެނެ އެވެ.

ހަކުރު ބައްޔަކީ ކޮބާ؟

ހަކުރު ބައްޔަކީ ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ގައިން ގަޔަށް ނާރާ ބައްޔެކެވެ. ހަކުރު ބަލި ޖެހެނީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ޗިސްމޭއިން އިންސިއުލިން އުފައްދައި ނުދިނުމުން ނުވަތަ ހަށިގަނޑުގައި އުފެދޭ އިންސިއުލިން އެކަށީގެންވާ ގޮތަށް ހަށިގަނޑަށް ބޭނުން ނުކުރެވުމުގެ ސަބަބުންނެވެ.

އިންސިއުލިންއަކީ ލޭގައި ހަކުރު ހުންނަ މިންވަރު ގާތްގަނޑަކަށް އެއްމިނެއްގައި ހިފަހައްޓައިދޭ ހޯމޯން އެކެވެ. އެ ހޯމޯން މަދުވުމުން ނުވަތަ އޭގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ނުކުރެވިއްޖެނަމަ، ލޭގައި ހަކުރު ހުންނަ މިންވަރު މައްޗަށްދެ އެވެ. އެކަށީގެންވާ ފަރުވާ ގަވާއިދުން ނުކުރެވިއްޖެނަމަ، ލޭގައި ހަކުރު ހުންނަ މިންވަރު ދިގު މުއްދަތަކަށް މަތީގައި ހުރުމުގެ ސަބަބުން ހަށިގަނޑުގެ އެކި ގުނަވަންތަކަށް ގެއްލުން ލިބެ އެވެ.

ހަކުރު ބަލީގެ ދެވައްތަރެއްވެ އެވެ. އެއީ ޓައިޕް އެކެއް ޑައިބެޓިސް އަދި ޓައިޕް ދޭއް ޑައިބެޓިސް އެވެ. މީގެއިތުރުން ޖެސްޓޭޝަނަލް ޑައިބިޓީސް ނުވަތަ މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުން އެއީވެސް ހަކުރުބަލީގެ ވައްތަރެކެވެ.

ހަކުރު ބަލީގެ އަލާމާތްތައް:

ހަކުރު ބަލީގެ އަލާމާތްތަކުގެ ތެރޭގައި އާދަޔާ ހިލާފަށް ކަރުހިއްކުން އަދި ގިނައިން ކުޑަކަމު ދާންޖެހުން، މާގިނައިން ބަނޑުހައިވުން، ބަރުދަން ލުއިވުން ނުވަތަ ފަލަވުން ވަރުބަލިވުން އަދި ލޯ ފުސްވުން ހިމެނެ އެވެ. އާއްމު ގޮތެއްގައި ޓައިޕް އެކެއް ހަކުރުބަލީގައި ގިނަފަހަރަށް އެ އަލާމާތްތައް ފެންނަނީ ކުއްލި ގޮތަކަށެވެ. އަދި މީގެއިތުރުން ބަނޑުގައި ރިއްސުމާއި ހޮޑުލުން ފަދަ އަލާމާތްތައްވެސް ފެނުން އެކަށީގެންވެ އެވެ.

ޓައިޕް-2 ހަކުރުބަލީގެ އަލާމާތްތައް ފާހަގަކުރެވެނީ މަދުން އަދި ގިނަ ދުވަހުންނެވެ. އެހެންކަމުން ޓައިޕް-2 ހަކުރުބަލި ހުންނަ މީހުންގެ ބަލި ހުރިކަން ދެނެގަތުމަށް ބައެއް ފަހަރު އެތައް އަހަރުތަކެއް ނަގަ އެވެ.

ހަކުރު ބަލި ޖެހުމުގެ ނަތީޖާ:

ހަކުރު ބަލިޖެހި އެކަށީގެންވާ ފަރުވާ ނުކުރެވި ގިނަ ދުވަސްވާނަމަ ހިތާއި، ލޭހޮޅިތަކާއި، ލޮލާއި، ގުރުދާ އަދި ނާރުތަކަށްވެސް ގެއްލުން ލިބުމުގެ ފުރުސަތު އޮވެ އެވެ.

ހަކުރު ބަލި ޖެހިފައިވާ މީހުންނަށް ހިތުގެ ބައްޔާއި ވާގިނެތޭ ބަލިޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހަކުރު ބަލި ޖެހޭ މީހުންގެ 50 އިންސައްތަ މީހުން މަރުވަނީ ހިތާއި ލޭހޮޅިތަކުގެ ބަލިތަކުގަ އެވެ. އަދި ލޭ ދައުރުކުރާ މިންވަރު މަދުވުމާއެކު ނާރުތަކަށް އަސަރު ކުރުމުގެ ސަބަބުން ފައިތިލައިގައި ފާރު ހެދި، ޖަރާސީމު އަށަގަނެ ފާރުގަނޑު ރަނގަޅުނުވެ އިތުރަށް ނުބައިވެ، ބައެއް ފަހަރު ފައި ބުރިކޮށްލަންޖެހޭ ހާލަތަށްވެސް އާދެ އެވެ.

ހަކުރު ބަލި ޖެހި ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ނުކުރެވި ދިގު މުއްދަތަކަށް ދާނަމަ، ލޮލުގެ ހިމަ ލޭ ނާރުތައް ހަލާކުވެ، ލޮލުގެ ފެނުމަށް އަސަރު ކުރުން އެކަށީގެންވެ އެވެ. މީގެއިތުރަށް ގުރުދާ ނުވަތަ ކިޑްނީ ފެއިލްވުމުގެ މައިގަނޑު އެއް ސަބަބަކީ ހަކުރު ބައްޔެވެ.

ހަކުރު ބަލިން ރައްކާތެރިވުން:

ޓައިޕް-2 ހަކުރުބަލި ޖެހުމަށް މަގުފަހިވާ ކަންތައްތަކަކީ ދިރއުޅުމުގެ ވައްޓަފާޅިއާއި ގުޅިފައިވާ ކަންތައްތަކެވެ. އެހެން ކަމުން ހަކުރު ބަލިން ރައްކާތެރިވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނެސް، ދުޅަހެޔޮ އާދަކާދަތަކަށް އަހުލުވެރިވެ އެ އާދަތައް ދެމެހެއްޓުން މުހިއްމެވެ.

އެކަން ކުރުމަށްޓަކައި ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ ރައްކާތެރި މިނެއްގައި ބެހެއްޓުމާއި ހެލިފެލިވެ އުޅުން އިތުރުކުރުމާއި ހަފްތާއަކު މަދުވެގެން ފަސް ދުވަހު 30 މިނެޓް ބާރަށް ހިނގުން ފަދަ މެދުމިނެއްގެ ކަސްރަތެއް ކުރުން މުހިއްމު ކަމަށް ތަޖުރިބާ ކާރުން ލަފާދެ އެވެ.

ހަށިގަނޑަށް ފައިދާހުރި ބާވަތްތައް ކެއުމުގައި ހިމެނުމަށް އިސްކަންދީ ދުވާލަކު މަދުވެގެން ފަސް ސާވިންގް (ނުވަތަ ގާތްގަނޑަކަށް 400 ގްރާމް) މޭވާއާއި ތަރުކާރީ ހިމެނުން އަދި ހަކުރާއި ސަރުބީގެ ބާވަތްތައް ގިނައިން ހިމެނޭ ކާނާ މަދުކުރަން ޖެހެ އެވެ. އެންމެ މުހިއްމު އެއްކަމެއްގެ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން އަދި ދުންފަތުގެ ނުސީދާ ދުމުން ރައްކާތެރިވާން ޖެހެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް