
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި އިމާރަތް ކޮއްފައިވާ 7000 ފްލެޓް ހުންނަ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީން އުޅޭ އެކޮމަޑޭޝަން ބްލޮކެއްގަ އެވެ.
އެ ހާދިސާ މިއަދު 11:08 ގައި ރިޕޯޓް ކޮށްފައިވާ އިރު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފަ އެވެ.
އެ ހާދިސާގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނަގާފައިވަނީ ކަރަންޓް ޝޯޓުވެގެން ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އަލިފާން ރޯވި އެކޮމަޑޭޝަން ބްލޮކަށް ވަނީ ގެއްލުން ލިބިފައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
މި ފަހަކުން އައިސް އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ހިނގުން އަނެއްކާ ވެސް ވަނީ އިތުރުވެފައެވެ. އަލިފާން ނިއްވުމުގެ ހިދުމަތް ފުޅާކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން، މާލޭ ސިޓީ މަޖީދީމަގުގައި 12 ފަޔާ ހައިޑްރަންޓް ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހު ވަނީ ކޮށްފައެވެ.
އަދި މީގެ އިތުރުން އަލިފާނުގެ ހާދިސާތައް އިތުރުވަމުން ދިޔުމާއި ގުޅިގެން އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި މީހުން ސަލާމަތްކުރާނެ ގޮތާއި ގުޅޭ ހާއްސަ ތަމްރީންތަކެއް އެމްއެންޑީއެފުން ވަނީ މި ނިމުނު އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ބާއްވާފައެވެ.
މިހާތަނަށް ރާއްޖޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާ އަކީ ތިލަފުށީގޭގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާ އެވެ.
އެ ހާދިސާގައި ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހަތަރު ގުދަނަކާއި ހަ ގެއެއް އަނދައި ހުލިވެފަވާއިރު އެހާދިސާގައި އެކަކު ވަނީ މަރުވެފައެވެ. އަދި 600 އެއްހާ މީހުން ހާލުގައި ޖެހުނެވެ.