ads
ވީޑިއޯ ރިޕޯޓް:-
ބޯހިޔާވަހިކަން؛ ކޮންމެ ސަރުކާރަކުން ވެސް ދައްކާ ދަޅައެއް!
ތޮއްޖެހިފައިވާ މި މާލޭގެ ހާލަތަކީ ގިނަ ދިވެހިންނަށް އާ ކަމެއް ނޫނެވެ. ފަށަފަށައިގެން މި ވާހަކަ ނުދެއްކި ނަމަވެސް، ކުއްޔަށް ތަންތަނުގައި އުޅޭ މީހުންގެ ހާލަތަކީ އެންމެންވެސް ދަންނަ ވާހަކައެކެވެ. ހިތާމައަކީ، ރައްޔިތުންގެ މި "ބަލި ފަޔަކީ" ސިޔާސީ ވެރިންގެ ކުޅިވަރަކަށް ވެފައިވާ ކަމެކެވެ.

ބޯހިޔާވަހިކަމަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ. އެކަމަށް ހައްލެއް ނުލިބި މާލަސްވެފައިވާ މައްސަލައެކެވެ. އަތޮޅު ތެރޭގެ އެކި ރަށްރަށުގައި ރަށުން ގޯތި ދޫނުކުރުމުގެ މައްސަލަތައް ހުރި އިރު، މާލޭގައި އޮތީ ތޮއްޖެހުމުގެ މައްސަލައެވެ. 

މާލޭގެ ތޮއްޖެހުމުގެ ވާހަކަ އަދި ގިނަ ދިވެހިން ދިރިއުޅެމުން އަންނަ ހާލަތުގެ ވާހަކައަކީ އާ ވާހަކަތަކެކޭ ބުނާނެ އެކަކުވެސް ނޫޅޭނެކަން ޔަގީނެވެ. ކުޑަމިނުން ކެމްޕެއިނު ދުވަސްވަރު ޑޯ-ޓު-ޑޯ ޖައްސާ ސިޔާސީ ބޭފުޅުންނަށްވެސް ހުންނާނީ ގިނަ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތާއި ފެންވަރު ފެނިފައެވެ.

ތޮއްޖެހިފައިވާ މާލޭގެ ރައްޔިތުން، އަދި މާލޭގައި ދިރިއުޅެމުން އައި ރައްޔިތުންނަށް އެންމެ އުފާވެރި އެއް ހަބަރަކަށް ވެގެން ދިޔައީ، ސަރުކާރުން ހުޅުމާލޭގައި ފްލެޓް އަޅާ، ފްލެޓުތައް ރައްޔިތުންނަށް ދޭން ނިންމި ހިސާބުންނެވެ. މިކަން ވެގެން ދިޔައީ ގިނަ ބައެއްގެ އުއްމީދުތަކުގައި ކުލަ ޖެހުނު ކަމަށެވެ. އެކަށޭނެ ބޯހިޔާވަހިކަމެއްގެ ހުވަފެން ދެކެމުން އައި މީހުންނަށް ލިބުނު އުއްމީދަކަށެވެ.

ނަމަވެސް ފުރަތަމަ ފްލެޓުތައް އަޅާ، އެ ފްލެޓުތަކުގެ "ހައްގު ވެރިންނަށް" ފްލެޓުތައް ދޭން ދޫކުރުމާއެކު، ގިނަ ބައެއްގެ ފާޑު ކިޔުމާއި، ނުރުހުން ސަރުކާރަށް އަމާޒުވިއެވެ. ކޮރަޕްޝަނުގެ އެކި ތުހުމަތު ކުރެވިގެން ދިޔައެވެ.

އޭގެ ފަހުން އެތައް އަހަރުތަކެއް ވޭތުވެ ގޮސް، ހުޅުމާލޭގައި ފަހުން ވެސް ފްލެޓް އަޅާ، މީހުންނަށް ފްލެޓް ދީފައިވާއިރު، މިހާރު ވެސް ހަމަ ފެނިގެންދަނީ މި މައްސަލަތަކެވެ. މިހާރު ދެކެވެނީ ހުޅުމާލެ ފޭސް ދޭއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޅި ހިޔާ ފްލެޓުގެ މައްސަލައިގެ ވާހަކައެވެ.

ރައީސް ޔާމީންގެ ސަރުކާރު ނިމި، އެމަނިކުފާނު ވެރިކަމުން ފޭބި އިރު ވަނީ ހިޔާ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފައެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް، އެކަން މަޑުޖައްސާލީ، ކުރީ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓުގައި މައްސަލަ ހުރި ކަމަށް ބުނެއެވެ. އެގޮތުން އެއީ ވަކި ބަޔަކަށް މަންފާވާ ގޮތަށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ތުހުމަތުކޮށް، ލިސްޓު ރިވިއު ކުރުމަށް ވަކި ކޮމިޓީއެއް އެކުލަވާލާފައިވެއެވެ.

އެގޮތުން މިހާރު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓުތައް އާންމު ކޮށްފައިވާއިރު، މިދިޔަ މަހު ވަނީ ފްލެޓުގެ ދާއިމީ ލިސްޓު ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. ނަމަވެސް އެ ކޮމިޓީން އާންމުކޮށްފައިވާ ވަގުތީ ލިސްޓުގައި، ކުރިން ފްލެޓު ލިބުނު މީހުންގެ ތެރޭ ހިމެނޭ، ދަތި ހާލަތުގައި ދިރިއުޅެމުން އަންނަ ގިނަ ބަޔަކަށް ފްލެޓު ނުލިބޭތީ އެކަމާ ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ފްލެޓުގެ މައްސަލައިގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދޭ ކަމަށް ބުނެ، އަމިއްލަ ޖަމިއްޔާއަކުން ވަނީ މިދިޔަ އަހަރު ފްލެޓުތަކުގެ ދާއިމީ ލިސްޓު ނެރުން ހުއްޓުވައި ދިނުމަށް އެދި އޭސީސީއަށް ހުށަހަޅާފައެވެ. އޭގެ ފަހުން ސަރުކާރުން ވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ހަތް ކެޓަގަރީއަކުން ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން މިންގަނޑަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި ސަރުކާރުވެސް ވެރިކަމަށް އައީ ބޮޑެތި ވައުދުތަކަކާއެކުއެވެ. ބޯހިޔާވަހިކަމުގެ ވައުދަކީ މީގެ ތެރެއިން ވެސް ގިނަ ބައެއް އެކަމަކަށް އުއްމީދު ކުރި ކަމެކެވެ. އިންސާފަށް އެދިއެދި ތިބި ނަމަވެސް، ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. ފްލެޓު ލިސްޓު އެކުލަވާލުމުގައި ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިނުމުގައި ފެނިގެން ދިޔައީ ނާއިންސާފެވެ. ހަތަރު ފޫޓު ފަސް ފޫޓުގެ ކުދި ގޮޅިފަދަ ކޮޓަރީގައި ދިރިއުޅެމުންދާ އާއިލާތަކަށް ޕޮއިންޓު މަދުވެ، ކުރިން ލިބުނު ފްލެޓް ފަހުން ނުލިބުން ފަދަ ކަންކަމަކީ އިންސާފުކަމުގައި ގަބޫލުކުރެވޭނީ ކިހިނެތް ހެއްޔެވެ؟ 

ސޯޝަލް މީޑިއާގައި މި މައްސަލައަށް ހާއްސަކޮށް ހަދާފައިވާ އެކައުންޓެއް މިއަދު ފެނުނެވެ. މި އެކައުންޓުން ވެސް ފެނިގެން ދިޔައީ ސަރުކާރުން ހިޔާ ފްލެޓުތައް ސިފަކުރި ކޮތަރު ކޮށީގެ ހަގީގީ ސިފައެވެ. މާލޭގައި ކޮތަރި ކޮށިތަކުގައި ކުއްޔަށް ދިރިއުޅެމުންދާ އާއިލާތަކެވެ. ހައްތަހާވެސް ކުރީގެ ސަރުކާރުން އާންމު ކުރި ލިސްޓުގައި ފްލެޓު ލިބި، ފަހުން ފްލެޓު ގެއްލުނު މީހުންނެވެ. މިކަމުގައި އޮތް އިންސާފަކީ ކޮބާ ހެއްޔެވެ؟

ކަން މިހެން ހުރި އިރު ބޯހިޔާވަހިކަމަކީ ކޮންމެ ސަރުކާރަކުންވެސް ދައްކާ ދަޅައެއް ކަމުގައި ނުބުނެވޭންވީ ސަބަބެއް ނެތެވެ. ރައްޔިތުން އުއްމީދާއެކު ކޮންމެ ފަހަރަކު ވޯޓުދެނީ މިފަދަ މައްސަލަ ހައްލު ކުރުމަށެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ރައްޔިތުންނަށް ކުރިމަތިލާން ޖެހެނީ މާޔޫސްކަމާއެކެވެ. ފެނިގެން ދަނީ ބޯހިޔާވަހިކަން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ރައްޔިތުންނަށް ދައްކާ ދަޅައެއްގެ ގޮތުގައި ބޭނުން ކުރެވިގެންދާ މަންޒަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް