މިނިސްޓްރީން ބުނީ ލޯނު ދޫކުރާއިރު އެ ފަރާތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއްތޯ ބެލޭނެ ކަމަށެވެ.
ޖެނުއަރީގައި ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލެވޭތޯ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް މިހާތަނަށް އެ ލޯނަށް އެދި ހުޅުވާލާނެ މުއްދަތު މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
ސްޓޫޑެންޓް ލޯނު އެންމެ ފަހުން ދޫކުރީ މިއަހަރުގެ ޖޫން މަހުގަ އެވެ. އެކި ދާއިރާތަކުން ކިޔެވުމަށް ޖުމްލަ 514 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާއިރު އެއީ 151 މިލިއަން ރުފިޔާގެ ލޯނެވެ. އެގޮތުން އެންމެ ފަހުން ދޫކުރި ލޯނަށް ބަލާއިރު އޭގައި ތަފާތު އެކި ދާއިރާތައް ހިމެނެ އެވެ.
އޭގެ އިތުރަށް އިންތިހާބީ ދާއިރާތަކަށް ހާއްސަކޮށްގެން ވެސް ލޯނުދޫކުރި އެވެ. ގިނަ އަދަދެއްގެ ދަރިވަރުން ލޯނު ނަގައިގެން ބޭރުގައި ކިޔަވަމުން އަންނައިރު މިއަހަރު ކޮވިޑް-19 އާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ނަގާފައިވާ ހުރިހާ ނެޝަނަލް ސްޓޫޑަންޓް ލޯނާއި އެޑިއުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް ދައްކަންޖެހޭ ފައިސާ ވެސް ފަސްކޮށްދިނެވެ.
އޭގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ދަރިވަރުންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަށް ސްޓޫޑަންޓް ލޯނު ތިން އިންސައްތައަށް ކުޑަކޮށްދީފަ އެވެ.