އަނެއް ބަޔަކަށް މިކަންވީ "ސިޔާސީ" ކަމަށެވެ. މި ސިޔާސީ ހިތްވަރުގައި އޮކްސްފޯޑުގެ ކޮވިޑް ވެކްސިން އުފެއްދީ ވެސް "އިންޑިއާއިން" ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ނަމަވެސް މިކަމުގެ ހަގީގަތަކީ ރާއްޖެއަށް އެތެރެކުރި އެސްޓްރާޒެނެކާ އާއި އޮކްސްފޯޑް ޔުނިވަސިޓީ ގުޅިގެން އުފެއްދި ވެކްސިން އިންޑިއާގައި ހުރީ އެ ތަކެތީގެ މާސް ޕްރޮޑަކްޝަން ނުވަތަ ގިނަ އަދަދަކަށް އުފެއްދުމަށް ބޭނުން ކުރި އެއް ފެކްޓަރީ އިންޑިޔާގައި ހުރުމުން ކަމެވެ.
ކޮލެރާ ވެކްސިން ވެސް އުފެއްދީ އިންޑިއާގައި!
އިންޑިއާއަކީ ޒަމާނީ ބޭސްވެރިކަމުގެ ދިގު ތާރީހެއް އޮތް ގައުމެކެވެ. މިގޮތުން ކޮލެރާއަށް ފަރުވާއަށް ހޯދުމަށް ކުރި މަސައްކަތުން ވަލްޑަމާ މޮޑްސިއާ ހަފްކިން ކިޔާ މީހަކު އުފެއްދި ޓެސްޓު ވެކްސިނެއްގެ ޓްރަޔަލްތަކެއް 1893 ވަނަ އަހަރުން 1896 ވަނަ އަހަރަށް އިންޑިއާގައި ކުރިއަށް ގެންދިޔަ އެވެ.
އިނގިރޭސިންގެ ކޮލޮނީއެއްގެ ގޮތުގައި އިންޑިއާ އޮތް އިރު މުންބާއީ އަށް ކޮލެރާ އައުމާއެކު ކުރިން ޕެރިހުގައި މަސައްކަތް ކުރި ހެފްކިން ވަނީ އިންޑިއާއަށް ގޮސް އިންޑިއާ ސަރުކާރުގެ ބެކްޓީރިއަލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އަދި އޭނާ ވަނީ އިންޑިއާ ސަރުކާރަށް މަސައްކަތް ކުރަމުން ކޮލެރާއަށް ހާއްސަ ކާމިޔާބު ވެކްސިނެއް އުފައްދާފަ އެވެ.
ނަމަވެސް ހަފްކިންގެ ވެކްސިނަށް ވެސް އޭރު ވެސް ފާޑުކިއުންތައް އަމާޒުވި އެވެ. އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވީ ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ޕަންޖާބުގައި 1902 ގައި 19 މީހަކު މަރުވުމުންނެވެ. އެ މީހުން މަރުވީ ވެކްސިން ޖެހުމުން ކަމަށް ނޫސްތަކުގައި ލިޔުނު ނަމަވެސް، ފަހުން އެނގުނު ގޮތުގައި އެމީހުން މަރުވީ ޓެޓްނަސް ޖެހިގެންނެވެ.
މި މައްސަަލައިގައި އިންޑިއާއިން ވެކްސިން އުފެއްދުން ހުއްޓާލައި ވެކްސިން ދިނުން މެދުކަނޑާލި އެވެ.
ނަމަވެސް ފަހުން ހަފްކިންގެ މަސައްކަތްތަކުގެ ފެންވަރު ބަލައިގަނެ އިންޑިއާއިން ވަނީ އޭރު ހުރި އިންޑިއާގެ ލެބޯޓަރީގެ ނަން ވެސް "ދަ ހަފްކިން ބަޔޯ ފާމަސޫޓިކަލް ކޯޕަރޭޝަން" އަދި "ހަފްކިން އިންސްޓިޓިއުޓް ފޯ ޓްރޭނިން ރިސާޗް" ގެ ނަމަށް ބަދަލު ކޮށްފަ އެވެ.
އިންޑިއާގެ އެއްބާރުލުން ނެތި ވެކްސިން ނުއުފެއްދޭނެ!
މިއީ އިންޑިއާގައި ވެކްސިނެއްގެ މާސް ޕްރޮޑަކްޝަން ޖެއްސި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ.
ދުނިޔޭގައި އުފައްދާ ވެކްސިންތަކުގެ 60 ޕަސަންޓު އުފައްދަނީ އިންޑިއާގަ އެވެ.
މި އިންޑަސްޓްރީއަކީ އިންޑިއާގައި 40 ބިލިއަން ޑޮލަރުގެ އިންޑަސްޓްރީއެކެވެ.
މަޝްހޫރު ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އަކީ ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު މުއައްސަސާ އެވެ.
ދުނިޔޭގައި ވެކްސިން ގިނަ އަދަދަކަށް އުފައްދާ ނަމަ އެކަމަކީ އިންޑިއާގެ އެހީތެރިކަން ނެތި ދުނިޔޭގެ އެއްވެސް ގައުމަށް ވާނެ ކަމައް ނޫނެވެ.