ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޖަޕާނުން 86,961 އެމެރިކާ ޑޮލަރު (1.3 މިލިއަން ރުފިޔާ) ހަދިޔާކޮށްފި އެވެ.

Advertisement
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޖަޕާނުން 86,961 އެމެރިކާ ޑޮލަރު (1.3 މިލިއަން ރުފިޔާ) ހަދިޔާކޮށްފި އެވެ.
މިއަދު ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނު ސަރުކާރުގެ ފަރާތުން އެ އެހީ ހަވާލުކޮށްދެއްވީ އެގައުމުން ރާއްޖެއަށް ކަނައަޅުއްވާފައި ހުންނަވާ ސަފީރު، ކެއިކޯ ޔަނާއިއެވެ. އަދި އެ ހަދިޔާއާ ރާއްޖޭގެ ފަރާތުން ހަވާލުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިމްރާން އިބްރާހީމެވެ.
ޖެންޑާ މިނިސްޓްރީން ބުނާ ގޮތުގައި މި ފައިސާ ބޭނުން ކުރަން ނިންމާފައި ވަނީ މަރުކަޒުގައި މިހާރު ހުރި ކްލިނިކް އިތުރަށް މަރާމާތު ކުރުމުގެ އިތުރުން ޖާގައިގެ ތަނަވަސްކަން އިތުރުކުރުމާއި އިމަޖަންސީ ހާލަތްތަކުގައި މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް އަވަސް ފަރުވާދެވޭނެ އިންތިޒާމެއް ގާއިމު ކުރުމަށެވެ.
އެގޮތުން އެ ޖަޕާނު ސަރުކާރުން މިދިން އެހީއާއެކު ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އުޅޭ މީހުންނަށް ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.