ads
ވީޑިއޯ ރިޕޯޓް-
އަންހެނުންނަށް ގޮނޑި ހާއްސަކުރުން؛ މައްސަލައަކީ ކޮބާ؟
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް 33 އިންސައްތަ ގޮނޑި ހާއްސަކުރަން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ 2019 ގައެވެ. މި އިސްލާހާއެކު ފެނިގެން ދިޔައީ، މިއީ ފިރިހެނުންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ނިންމި ނިންމުމެއް ކަމަށް ބުނެ ބަޔަކު އަޑު އުފުލި މަންޒަރެވެ. އަދި އަމިއްލަ ފަރާތަކުން މި އިސްލާހު ބާތިލު ކުރުމަށް މައްސަލަ ކޯޓަށް ވެއްދިއެވެ.
Advertisement

ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް 2019 ވަނަ އަހަރު ގާނޫނަށް އިސްލާހު ގެނައުމުން ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އޮންނާނެ ގޮތް އިލެކްޝަނުން ކަނޑައަޅާ އެކަން އިއުލާނު ކުރިއެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގައި އަންހެނުންނަށް ހާއްސަ ހަ ގޮނޑި، އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ ހަތަރު ގޮނޑި އަދި ފުވައްމުލަކު ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ ދެ ގޮނޑި ހިމެނޭ ކަމަށް އިލެކްޝަނުން ކަނޑައެޅިއެވެ.

މީގެ އިތުރުން މި ގާނޫނަށް ގެނައި އިސްލާހާއެކު އާބާދީގައި 3000 މީހުންނަށް ވުރެ މަދު މީހުން ތިބޭ ރަށްރަށުން އިންތިހާބު ކުރާނީ ފަސް ކައުންސިލަރުން ކަމަށް ވާއިރު، އޭގެ ތެރެއިން ދެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރަން އިލެކްޝަނުން ކަނޑައެޅި އެވެ. އަދި އާބާދީގައި 3000 މީހުންނަށް ވުރެ ގިނަ ވާނަމަ އެ ރަށަކަށް ހަތް ކައުންސިލަރުން އިންތިހާބުކޮށް، އޭގެ ތެރެއިން ތިން ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށް އިލެކްޝަނުން ކަނޑައެޅިއެވެ.

މި ބަދަލާއެކު ސަރުކާރަށް ގިނަ ބަޔަކު ފާޑުކިއެވެ. މި ބަދަލަކީ އަންހެނުން ބާރުވެރި ކުރުމުގެ ގޮތުން ގެނައި ބަދަލަކަށްވީ ނަމަވެސް، މި ބަދަލުން ފިރިހެނުންގެ ހައްގަކަށް އަރައި ގަނެވޭ ކަމަށާއި، މިއީ ގާނޫނުގައި ކަނޑައަޅާފައިވާ ހަމަހަމަކަން ނޫން ކަމަށް ބުނެ އަޑު އުފުލި މީހުންވެސް މަދެއް ނޫނެވެ.

ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ނިންމި ނިންމުމަށް ގިނަ ބަޔަކު މަރުހަބާ ކީއިރު، މިކަމާ ދެކޮޅަށް ފާޑުކީ މީހުންގެ ތެރެއިން އާންމުންގެ މީހަކު ވަނީ މި އިސްލާހު ބާތިލު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް މި މައްސަލަ ފުރަތަމަ ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށް ބުނެ މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ. މި މައްސަލަ ފުރަތަމަ ސުޕްރީމް ކޯޓުން ބޭރުކޮށްލުމުން، މޫސާ އަންވަރު ވަނީ މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފައެވެ. 

ހައި ކޯޓުން މި މައްސަލައިގެ ހުކުމް އިއްވީ މި ހަފްތާގައެވެ. އެގޮތުން ހައި ކޯޓުގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ މި އިސްލާހު ބާތިލު ނުކުރުމަށް ނިންމާ ހުކުމް ކޮށްފައެވެ. މިކަމާ ގުޅިގެން މޫސާ އަންވަރު ވަނީ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

މިއާއެކު އުފެދޭ ސުވާލަކީ، ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމުން ގެއްލޭ ފިރިހެނުންގެ ހައްގަކީ ކޮބާތޯއެވެ؟ އަންހެނުންނަށް ވަކި ވަރަކަށް ގޮނޑި ކަނޑައެޅުމުން އޭގެން އިތުރު މީހެއްގެ ހައްގެއް ގެއްލޭތޯއެވެ؟

މިކަންކަމަށް ބަލާލުމުގެ ކުރިން ޖެންޑާ ކޯޓާ އަކީ ކޮބާތޯ ބަލައިލުން މުހިއްމެވެ. ޖެންޑާ ކޯޓާ އަކީ ވަކި ދާއިރާއެއްގައި އަންހެނުންނަށް ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން ކަނޑައަޅާ މިންވަރެކެވެ. އެގޮތުން ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރިކުރުމާއެކު، ކައުންސިލްތަކުގައި އަންހެނުންގެ ހިއްސާ ބޮޑުވެ، ރަށުގެ އެކި ކަންކަން ނިންމުމުގައި އަންހެނުންގެ ބަހެއް ހިމެނިގެން ދެއެވެ.

މިއީ ދުނިޔޭގައި މިފަދަ ކޯޓާއެއް ކަނޑައެޅި ފުރަތަމަ ފަހަރެއް ނޫނެއެވެ. އާޖެންޓީނާ، ބޮލީވިއާ، ޖަރުމަނު، ނޯވޭ، އިޓަލީ އަދި ސްވެޑެން ފަދަ ގައުމުތަކުގައިވެސް ވަނީ މިފަދަ ކޯޓާ ކަނޑައަޅާ އެއަށް އަމަލު ކުރަމުންނެވެ. މި ގައުމުތަކަށް ބަލާއިރު އާޖެންޓީނާ ގައި އަންހެނުންގެ ބާރުވެރިކަމަށް ފާސް ކުރި "ކޯޓާ ލޯ" އަށް އަމަލުކުރަން ފަށާފައިވަނީ 1991ގައެވެ. އަދި އޭގެ ފަހުން އެ ގައުމުގެ ސިޔާސީ މައިދާނުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު ވަނީ އިތުރުވެފައެވެ.

ރާއްޖޭގެ ސިޔާސީ މައިދާނަށް ބަލާއިރު، ފެށުނީއްސުރެ މި ދާއިރާއަކީ ފިރިހެނުން ރަސްކަން ކުރަމުން އަންނަ ދާއިރާއެކެވެ. ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ބަލާލި ނަމަވެސް ސިޔާސީ މައިދާނުގައި އަންހެނުންނަށް ކުރިއެރުން ލިބޭ މިންވަރު ފެނިގެންދެއެވެ. ސިޔާސީ މައިދާނަށް ނިކުމެ، މި ދާއިރާގެ ކުރީ ސަފުގައި ފައިތިލަ ސާބިތުކުރަން ބޭނުންވާ އަންހެނުންނަށް އެ ފުރުސަތި ފަހި ކޮށްދިނުމަކީ ސަރުކާރުން ކޮށްދޭން ޖެހޭ ކަމެކެވެ. 

އަންހެނުންނަށް ގޮނޑި ހާއްސަކޮށް، ވަކި ކޯޓާ އެއް ކަނޑައެޅުމުން ސިޔާސީ މައިދާނަށް ގިނަ އަންހެނުންނަށް ނިކުތުމުގެ ފުރުސަތު ފަހިވެގެންދެއެވެ. ގައިމުވެސް މިއީ ފިރިހެނެއްގެ ހައްގަކަށް އަރައިގަތުމެއް ކަމުގައެއް އަހަރެން ނުދެކެމެވެ. ނަމަވެސް މިއީ ސަރުކާރާއި މުޖުތަމައަށް ލިބުނު ކާމިޔާބެއް ކަމީ ޝައްކެއް ނެތް ކަމެކެވެ. އަދި މިއީ އަންހެނުންގެ މެދުގައި ހަމަހަމަކަން ގާއިމު ކުރެވި އަންހެނުން އިތުރަށް ބާރުވެރި ކުރުމަށް ފަހިކޮށްދެވޭ ފުރުސަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް