ads
ނޮޅިވަރަމްފަރުގައި އަޅާފައިވާ ހައުސިން ޔުނިޓް-- ފޮޓޯ: އަބްދުﷲ ހާރިސް ހުސެއިން
10 އަހަރަށް ފަހު، ނޮޅިވަރަމްފަރުގެ 52 އާއިލާއަށް ބޯހިޔާވަހިކަން!
ހދ. މާވައިދޫ އާއި ފަރިދޫ އަދި ކުނބުރުދޫގެ ގިނަ އާއިލާތަކެއް އެ އަތޮޅު ނޮޅިވަރަމްފަރަށް ބަދަލުވީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއް ފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ކުޑަ އާބާދީއެއް އޮތް އެ ތިން ރަށުގެ މީހުން ނޮޅިވަރަމްފަރަށް ބަދަލުކުރެވިގެންދިޔައިރު ފާއިތުވި ދިހަ އަހަރަކީ މި އާއިލާތަކުގެ ތެރެއިން ބައެއް އާއިލާތަކުން ވޭނާއި ތަކުލީފްތަކެއް އުފުލި އަހަރުތަކެކެވެ.

އެމީހުން އެރަށަށް ބަދަލުކުރި އިރު ބޯހިޔާވަހިކަން ފޯރުކޮށްދޭން ހައުސިން ޔުނިޓުތަކެއް އެޅި ނަމަވެސް އޭގެ ތެރެއިން 52 އާއިލާއެއް މިދިޔަ ޑިސެމްބަރާ ހަމައަށް ވެސް އުޅެމުން އައީ ގެދޮރު ނެތް ބައެއްގެ ގޮތުގަ އެވެ. އަމިއްލަ ގައުމުގައި "ރެފިއުޖީން" ގެ ގޮތުގަ އެވެ. 

ނޮޅިވަރަމްފަރުގައި 160 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފެށީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ. އެ މަސައްކަތް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއްގެ ފަހުން އެމަސައްކަތް އަލުން ފެށިފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ފަހުކޮޅެވެ. 

ނޮޅިވަރަމްފަރަށް ބަދަލުވި ގޮތަށް ގެ ނުލިބި ތިބި އެ 52 އާއިލާ އެރަށަށް ބަދަލުވި ފަހުން އެގޮތް މިގޮތަށް އުޅެމުން އައި އޭގެ ތެރެއިން ބައެއް މީހުން އުޅުނީ ކުއްޔަށެވެ. އަނެއް ބަޔަކު އާއިލާގެ މީހުންގެ ގެތަކުގައި އަނބިދަރިންނާއި މުޅި އާއިލާ އުޅެމުންދިޔައީ ނިކަން ހާލުގަ އެވެ.

އެރަށަށް ބަދަލުވި މީހުންނަކީ އަމިއްލަ ވަޒަނުން އަސާސީ ހިދުމަތްތައް އެކަށީގެންވާ ގޮތުގައި ނުލިބުމުގެ ސަބަބުން ނޮޅިވަރަމްފަރުގައި ވަޒަންވެރިވާން މަޖުބޫރުވި މީހުންނެވެ. ދަރިންގެ ހައްގުގައި އެހެން ވަޒަނަކަށް ހިޖުރަކުރީ އެއްގޮތަކަށް ވެސް އެފަދަ ހާލެއްގައި ދިރިއުޅެން ޖެހިދާނެ ކަމަށް އުއްމީދުކޮށްގެންނެއް ނޫނެވެ. އަސާސީ ހިދުމަތްތައް ހޯދުމަށް ލޯބިވާ ރަށް ދޫކޮށް ކުލި ދައްކައިގެން އެމީހުން ދިރިއުޅެމުން އައިިއިރު އިންތިހާއަށް ދަތިތައް ކުރިމަތިވި އެވެ. 

އެހެންނަމަވެސް އެ މީހުންގެ އެ ދަތިތަކާއި ތަކުލީފުތަކަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ނިމުމެއް އައިސްފަ އެވެ. 52 އާއިލާއަށް ހައުސިން ޔުނިޓް އެޅުމަށް ފަހު، އެމީހުނާ ތަޅުދަނޑިތައް ހަވާލުކޮށްފައިވާއިރު އޭގެ ތެރެއިން ގިނަ އާއިލާތައް މިހާރު ވަނީ އެތަންތަނަށް ބަދަލުވެފަ އެވެ. 

ހައުސިން ޔުނިޓަށް ބަދަލުވެފައިވާ އާއިލާގެ މެމްބަރަކު ސީއެންއެމްއަށް ބުނީ އެމީހުން ރަށުން ނޮޅިވަރަމްފަރަށް ބަދަލުވި ގޮތަށް އުޅެމުން އައީ ވަރަށް ހާލުގައި ކަމަށެވެ. އެގޮތުން ކުޑަ ގެއެއްގައި މުޅި އާއިލާއާއި އެމީހުން އިނދެގެން އުޅުން މީހުންނާއި އަދި ކޮއްކޮމެންނާއި ދައްތަމެނަށް ވެސް އުޅެން ޖެހުނުއިރު އޭރު އުޅެމުންދިޔައީ އެކި ތަންތަނުގައި ކަމަށެވެ. އެއްވެސް ވަރަކަށް ދިރިއުޅުމަކަށްވާ ކަހަލަ ދިރިއުޅުމެއް މިދިޔަ 10 އަހަރުގައި އުޅެން ނުލިބުނުއިރު އަތުގައި ފައިސާއެއް ވެސް ހަރުނުލާއި ކަމަށް ބުންޏެވެ. 

your imageހައުސިން ޔުނިޓްގެ މަސައްކަތްކުރެވެމުންދިޔައިރު-- ފޮޓޯ: އަބްދުﷲ ހާރިސް ހުސެއިން 

އެހެންނަމަވެސް ހައުސިން ޔުނިޓްތަކަށް ބަދަލުވި ފަހުން ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުނު ކަމަށާއި އަމިއްލަ މިނިވަންކަން ވެސް އިހުސާސްވީ އެހިސާބުން ކަމަށް ބުންޏެވެ.

ދިހަ އަހަރު ވީ އިރު އެތައް ބަޔަކު އެންމެ އަސާސީ އިންސާނީ ހައްގުތަކުން މަހުރޫމުވެ، ހާލުގައި އުޅެމުން ދިޔައިރު، ދިވެހި ދައުލަތުން ވެސް އެރައްޔިތުންނަށް މާބޮޑު އަޅާލުމެއް ނުދެ އެވެ. އެހެންނަމަވެސް ކުރީ ސަރުކާރު ބަދަލުވެ، ހުއްޓިފައި އޮތް އެ 52 ހައުސިން ޔުނިޓްގެ މަސައްކަތްކުރިއިރު ސަރުކާރުން އަންދާޒާކުރި މިންވަރަށް ވުރެ ފަހުން ނަމަވެސް އެ ރައްޔިތުންނަށް ބޯހިޔާވަހިކަން މިވަނީ ކަށަވަރުވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް