ads
ރައްޔިތުންގެ މަޖިލިސް ފޮޓޯ: މަޖިލިސް
ކަރަންޓީންގެ ފޭކު ލިޔުމެއް ހުށަހެޅި މަޖިލީހުގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފި
ކޮވިޑް-19ގެ ކަރަންޓީން މުއްދަތުގައި ހުންނަ ލިޔުމެއް ހުށަހެޅި މަޖިލީހުގެ މުވައްޒަފަކު އެއިދާރާއިން ސަސްޕެންޑް ކޮށްފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު ވިދާޅުވީ، އެފަދަ މައްސަލައެއްގައި މަޖިލީހުގެ މުވައްޒަފަކު ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ. 

އަދި އެއީ މަޖިލީހުގެ ޖޫނިއާ އަންހެން ސްޓާފެއް ކަމަށާއި އޭނަ ސަސްޕެންޑް ކޮށްފައިވަނީ 10 ދުވަހަަށް ކަމަށް ޒިޔާއު ވިދާޅުވިއެވެ. އެ މައްސަލަ މިހާރު ދަނީ ބަަލަމުންނެވެ. 

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލުގައި ބުނެފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް އެއްވެސް ހާލަތެއްގައި ކަރަންޓީނުގައި ހުންނަންޖެހޭ މުވައްޒަފުންނަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަކާ ނުލާއި މުސާރަ ލިބޭ ގޮތަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ. 

ބިލުގައިވާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގޭގައި މަޑުކުރަން ޖެހޭ މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުމުގެ އިތުރުން އެ ޗުއްޓީ ހަމަޖައްސައިދޭން ޖެހޭއިރު އެ ޗުއްޓީ ހަމަޖައްސައިދޭން ވަޒީފާ ދޭ ފަރާތަަށް ލާޒިމު ވަނީ ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއް ސޮއިކޮށް ލިޔުމެއް ދެއްކުމުންނެވެ.

ބިލުގައި އިތުރަށް ބުނެފައިވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދަތުރުފަތުރާ ގުޅިގެން އަޅާ ހާއްސަ ފިޔަވަޅުތަކާއި ގުޅިގެން ވަޒީފާއަށް ދިއުމަށް ހުރަސް އެޅޭ ފަރާތްތަކަށް ވެސް ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ. 

ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ސަލާމުގެ ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް ބުނެފައިވާއިރު ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތެއްގެ އާއިލާގެ މީހަކު އޭނާއަކީ އެމީހާ ބެލުމާއި ހަވާލުވެފައިވާ މީހެއްނަމަވެސް ހާއްސަ ޗުއްޓީއެއް މުސާރައާއެކު ލިބޭ ގޮތަށް ހަމަޖައްސަން ޖެހެ އެވެ. އަދި އެ ދޭ ޗުއްޓީގެ މުއްދަތަކީ އެމީހަކަށް ހައްގުވާ އެހެން ޗުއްޓީތަކުން އުނި ނުކުރެވޭނެ ޗުއްޓީއެކެވެ.

އޭގެ އިތުރުން، ކޮވިޑްގެ ހާލަތުގައި ވަޒީފާއިން ވެސް ވަކި ނުކުރެވޭނެ ހާލަތްތަކެއް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކޮވިޑާ ގުޅިގެން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ޓްރިބިއުނަލަށް ދިއުމުގެ ހައްގު ވެސް ބިލުގައި ކަށަވަރުކޮށްފައިވެ އެވެ. 

އެެހެންނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް އެއްވެސް ހާލަތެއްގައި ކަރަންޓީނުގައި ހުންނަންޖެހޭ މުވައްޒަފުންނަށް އެ ޗުއްޓީ ހަމަޖައްސާދެނީ އޭނަ ކަރަންޓީންވާން ޖެހޭ ކަމަށް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއް ސޮއިކޮށް ލިޔުމެއް ދެއްކުމުންނެވެ.

   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް