ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ ޓެކްސީ ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ޓެކްސީކުރާ އުޅަނދުގެ ބިއްލޫރި ހުންނަންވާނީ މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އާދައިގެ ގޮތަކަށް އެ އުޅަނދު ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ފެންނަގޮތަށް ކަމަށެވެ.
އެކަމަކު ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ޓެކްސީ ކުރާ ގިނަ އުޅަނދުގެ ދޮރުފަތުގެ ބިއްލޫރި ނުހުންނަކަން ފާހަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން، މާދަމާ އިން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ޓެކްސީކުރާ އުޅަނދުގެ 04 ދޮރުފަތާއި ވިންޑްސްކްރީނުގެ ބިއްލޫރި އެތެރެ ފެންނަ ސާފު ބިއްލޫރިއަށް ބަދަލު ކުރުމަށް އަންގައި ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.