ads
ކަރަންކާ ރަޝީދު--
ކަރަންކާ ރަޝީދު އަވަހާރަވެއްޖެ
ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި ހިދުމަތްތަކެއް ކުރައްވާފައިވާ އަދި ދިވެހިރާއްޖޭގެ ގައުމީ ހަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގްބް އަރުވާފައިވާ ހެންވޭރު ޒޮނޭރިއާ އިބްރާހީމް ރަޝީދު އަވަހާރަވެއްޖެ އެވެ.

އިބްރާހީމް ރަޝީދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ހެންވޭރު ކަރަންކާގޭގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.

އިބްރާހީމް ރަޝީދު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފަ އެވެ.

އިބްރާހީމް ރަޝީދަކީ، ހުރަވީދަރިކޮޅުގެ ޝާހީ ރަސްކަމުގެ އާއިލާއާއި ވެރިކަމުގެ އާއިލާއިން ވަޑައިގެންނެވި ބޭފުޅެކެވެ. އިބްރާހީމް ރަޝީދު، ސަރުކާރުގެ ހިދްމަތް ފަށްޓަވާފައިވަނީ، 24 ނޮވެމްބަރ 1942 ގައެވެ. 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދްމަތް ކުރައްވާފައިވެއެވެ. ފުރަތަމަ އަދާކުރެއްވީ، ރައްޔިތުންގެ ބޮޑު އިސްޓޯރުގެ ކާތިބު ކަމެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކާތިބެއްގެ ގޮތުން ހިދްމަތްކުރައްވައި، ޤައުމީ ހިދުމަތުގައި އެކި މަރުޙަލާތައްވަނީ ކަޑައްތު ކުރައްވާފައެވެ.

އިބްރާހީމް ރަޝީދަކީ، ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭގެތެރޭގައި މާބަނޑޭރި އޮފީހުގެ ރަދުންގެ ކާތިބުއްސިއްރު ކަމާއި، ވުޒާރަތުއް ދާހިލިއްޔާގެ ވަޒީރުގެ ނައިބު ކަމުގެ މަގާމާއި، ވުޒާރަތުލް މައާރިފުގެ ނައިބު ކަމުގެ މަގާމާއި، ވަޒީރުލްއަޢުޡަމްގެ ހާއްސަ ސެކްރެޓަރީކަމާއި، ވަޒީރުލްއައުޒަމްގެ ނައިބު ކަމުގެ މަގާމާއި، މިނިސްޓާ އޮފް ހެލްތު ކަމުގެ މަގާމާއި، މިނިސްޓާ އޮފް ހޯމް އެފެއާޒް ކަމުގެ މަގާމާއި، ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމު ހިމެނެއެވެ. އެމަނިކުފާނަކީ، ރައްޔިތުންގެ މަޖިލީހުގެ ޒައީމްކަމާއި، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އިބްރާހީމް ރަޝީދަށް ވަނީ ލިބިވަޑައިގެންފައެވެ. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަޤަބް، އެމަނިކުފާނަށް އަރުވާފައިވަނީ 26 ޖުލައި 2011 ގައެވެ.

އިބްރާހީމް ރަޝީދުގެ  ޤައުމީ ހިދްމަތްތަކަށް ބަލާއިރު، އިނގިރޭސީންގެ ހިމާޔަތުގެ ދަށުން، ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ކުރެވުނު ގައުމީ ޖިހާދުގައި ބޮޑުވަޒީރު ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ އަރިހުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ، އެމަނިކުފާނެވެ.

1962 ވަނަ އަހަރު ވޯރާވިޔަފާރިވެރިންގެ އިގްތިސޯދީ އަޅުވެތިކަމުން، ރާއްޖެއަށް އިގްތިސޯދީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ބޮޑުވަޒީރު ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާސިރު ކުރެއްވި ގައުމީ މަސައްކަތްޕުޅުތަކާއި، ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ތައުލީމުދޭން ފެށުމާއި، ގަވާންމަންޓް ހޮސްޕިޓަލް ހުޅުވުމާއި، އަތޮޅުތަކުގައި ސިއްހީ މަރުކަޒު ހުޅުވުމާއި، އެއާޕޯޓް ބިނާކުރުމާއި، ދަތުރުފަތުރާއި މުވާސަލާތުގެ ރޮނގުތަކުން އެދުވަސްވަރު ގައުމަށް އައި ހުރިހާ ތަރައްގީއަކާއި ކުރިއެރުމެއްގައި ޢަމަލީގޮތުން އެންމެ ހިކުމަތްތެރި ހީވާގި ދައުރެއް އަދާކުރެއްވި ހިންގުންތެރިއަކީ، އިބްރާހީމް ރަޝީދު ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

ސިޔާސީ، އިޖުތިމާޢީ، އިގްތިސޯދީ ދާއިރާތަކުން، ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަމުގެ 11 އަހަރު ދުވަހާއި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އައި ހުރިހާ ކުރިއެރުންތަކާއި، ގައުމީ ތަރައްގީއަށްޓަކައި ކުރެވުނު ބޮޑެތި ހުރިހާ މަސައްކަތްތަކެއްގައި އިބްރާހީމް ރަޝީދަކީ، އެންމެ އަމަލީ، އެންމެ ހިންގުންތެރިންގެ ތެރެއިންވެސް އިސްވެރިއެކެވެ.

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް