ދެ ދުވަހެއް ކުރިން ރައްޓެއްސަކު ކުރި ސްނެޕެކެވެ. ފެނުނީ ސަލްމާން މިސްކިތާއި އާޓިފިޝަލް ބީޗު ސަރަހައްދުގައި ފުޓްސަލް ކުޅެން ތިބި ބަޔަކަށް ސަޕޯޓު ކުރުމަށް ބޮޑު ބައިގަނޑެއް އެއްވެ ތިބި ތަނެވެ. ގިނައީ މާސްކު ނާޅާ އުޅުނު މީހުންނެވެ. ދެ ތިން މީހެއްގެ ދަތްދޮޅީގައި މާސްކު އޮތަސް އެކަމުން ވާނެ ފައިދާއެއް ނެތެވެ.
މި ފަދަ ތަނެއްގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވާނީ އިތުރު އުނދަގުލަކަށެވެ. ގައިމުވެސް އެތާ ތިބި އެންމެނަށް އެކަކު އަނެކަކު ނޭނގޭނެކަމީ ކަށަވަރު ކަމެކެވެ. ނަމަވެސް އެއްވެސް ވަރެއްގެ ގައިދުރު ކަމެއް ނެތި ބޮނޑި ބޮނޑިއަށް އެއްވެ އުޅުމުން، އެއޮޮތީ އެއް ބޮޑު ކްލަސްޓާއެވެ.
ދެން އޮތީ ސިޔާސީ އެއްވުންތަކެވެ. މުޒާހަރާ ކުރުން ނުވަތަ އިހުތިޖާޖު ކުރުމަކީ ގާނޫނީ ގޮތުން ކޮންމެ މީހަކަށްމެ ލިބިފައިވާ ހައްގެކެވެ. އެކަން ގަބޫލު ކުރަމެވެ. ނަމަވެސް އެއްވުން ތަކުންވެސް ފެނިގެން ދަނީ ގިނަ މީހުން މާސްކު އެޅިނަމަވެސް، ބައެއް މީހުން ދަތްދޮޅީގައި މާސްކު އަޅައިގެން އުޅޭ ތަނެވެ. ދެނިގެންދަނީ ގައިދުރު ކަމެއް ނެތި އުޅޭ މަންޒަރު ތަކެވެ.
މިފަދަ ދަނޑިވަޅެއްގައި ގައިދުރުކަން އިސްކޮށް، ތިމާގެ ސަލާމަތަށް ބެލުމަކީ މުހިއްމު ކަމެކެވެ. ނަަމަވެސް އިހުތިޖާޖަށް މަގުމަތީ އިށީނދެ ނުވަތަ އޮށޯވެ އޮތުމަކީ ސަލާމަތަށް ބެލުމެއް ނޫނެވެ. އަދި ރައްކާތެރި ކަމެއްވެސް ނޫނެވެ. ހާއްސަކޮށް މިފަދަ ހައްސާސް ދަނޑިވަޅެއްގައެވެ.
ދެން އޮތީ ބޮޑެތި އެއްވުންތަކުގެ ވާހަކައެވެ. ތިމާގެ އަމިއްލަ އާއިލާއަކީ އަމިއްލަ ބަބުލް ކަމަށް ބުނެ، ތިން ހަތަރު ގޭގައި އުޅޭ އާއިލާތަކާއެކު ބާއްވާ އެއްވުންތަކެވެ. ޕާޓީތައް ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ނުދިން ނަމަވެސް މިއީ މިއަދުގެ މުޖުތަމައުން ފެންނަ ކަންކަމެވެ. މިފަދަ ޕާޓީތައް ނުވަތަ އާއިލީ ގެޓްޓުގެދާއަށް ކުޑަކުދިންނާއި ހައި ރިސްކު މީހުންވެސް ދާނެ ކަމީ ކަށަވަރު ކަމެކެވެ.
ނަމަވެސް އޭގެ އިތުރުން އެއްކަލަ ބަލިވެ ހުންނަ މީހާ މިފަދަ އެއްވުމަށް ދާ ކަމީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިފަދަ އެއްވުންތައް ނުބޭއްވުމަށް އިލްތިމާސް ކޮށްފައިވީނަމަވެސް، ދިމާނުވާތާ ގިނަ ދުވަސް ވާކަމަށް ބުނެ އާއިލާތަކުން މިފަދަ އެއްވުންތައް ބާއްވާ ކަމީ ހިތާމަ ހުރި ކަމެކެވެ. ނަމަވެސް މިފަދަ ތަންތަނަށްވެސް ރޯގާގެ އަލާމާތް ހުންނަ މީހުން ދިއުމީ އެންމެ ރަނގަޅު ނިންމުމެއް ނޫންކަން އަމިއްލައަށް އިނގެން ޖެހެއެވެ.
ކޮވިޑްގެ ބަލިމަޑުކަމުގައި އުޅޭތާ މިހާރު އަހަރެއް ވަނީއެވެ. ނަމަވެސް އަހަރު ދުވަހުގެ ފިލާވަޅުން ދަސްވިއެއްޗެއް ނެތެވެ. ހައްލެއް ފެންނަންދެން ނިއު ނޯމަލްއަށް ހޭނެން ޖެހެންވީ ވަގުތު ފެނިގެން ދިޔައީ ކުރިން އޮތް ހާލަތަށް މީހުން އެނބުރި ދިއުމަށް މަސައްކަތް ފެށި މަންޒަރެވެ.