ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ނޮވެމްބަރު 28 ގެ ނިޔަލަށް އެކުއިޒިޝަން ކޯސްޓާއި ކޮންވާޝަން ފީގެ ގޮތުގައި 437.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިއީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 976 ޕަސަންޓު އިތުރު އަދަދެކެވެ. 2023 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 40.6 މިލިއަން ރުފިޔާއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިހާތަނަށް 11 ރަށާއި ފަޅު ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ. މި ތަންތަނުގެ އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި 32.6 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފާއިތުވި ދެ އަހަރު އިންވެސްޓަރުންނަށް ރަށާއި ފަޅު ދޫކޮށްގެން ދައުލަތަށް ލިބުނީ 212 މިލިއަން ރުފިޔާއެވެ. އެއީ 2022 ވަނަ އަހަރު 158.9 މިލިއަން ރުފިޔާ އާއި 2023 ވަނަ އަހަރު 54 މިލިއަން ރުފިޔާއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނާ ގޮތުގައި މިހާރު ދޫކޮށްފައިވާ ތަންތަނުގެ އިންވެސްޓްމަންޓުގެ އަގު 400 މިލިއަން ޑޮލަރަށް ވުރެ މަތިވާނެއެވެ.