ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލީޓީގައި މިބައްޔަށް ފަރުވާދެމުން ދިޔަ މީހަކު މިއަދު އިރުއޮށްސި 7:33 ގައި މަރުވެފައިވާ ކަމަށެވެ.
މިއީ ރާއްޖެއިން ކޮވިޑްގައި މަރުވި 51 ވަނަ މީހާ އެވެ. އެޗްޕީއޭއިން މައުލޫމާތުދޭ ގޮތުގައި މަރުވެފައި ވަނީ 88 އަހަރުގެ މީހެކެވެ.
ކޮވިޑްގައި އެންމެ ފަހުން މީހަކު މަރުވީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެ ދުވަހު މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި އޮތް 86 އަހަރުގެ މީހެކެވެ. އަދި އޭގެ އިތުރުން މިމަހުގެ 22 ވަނަ ދުވަހުވެސް ވަނީ އައިޖީއެމްއެޗްގެ އިމަޖަންސީ ރޫމަށް ގެންދެވުނު 77 އަހަރުގެ މީހަކު މި ބަލީގައި މަރުވެފައެވެ. އެހެންކަމުން މިމަސްތެރޭ މަރުވި ތިން ވަނަ މީހާ އެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 15،736 އަށް އަރާފައިވާއިރު ރާއްޖެއިން ބަލިން ރަނގަޅުވެފައި ވަނީ 14096 މީހެކެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު 1582 ގައި އުޅޭއިރު އޭގެ ތެރެއިން 152 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި އުފުލި ސިއްހީ ފަރުވާދޭ ތަންތަނަށް ނުކަތާވަރުވެދާނެތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ މިއަދުވެސް އިލްތިމާސްކޮށްފައެވެ. އަދި ސިއްހީ ހިދުމަތްދޭ ތަންތަންތަނަށް ބާރު ބޮޑުވެ ކޮވިޑާ ގުޅުން ނެތް ސިއްހީ ހިދުމަތްދޭ ތަންތަނަށްވެސް އޭގެ ބުރޫ އަރާނެފާނެކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން މިހެން ބުނެފައިވާއިރު، އެ މުއައްސަސާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ވެސް 152 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި ކޮވިޑް 19 ޖެހިގެން ފަރުވާ ދެމުންނެވެ.
މީގެ ކުރިން ވެސް ކޮވިޑްގެ ކޭސްތައް އިތުރުވި ދަނޑިވަޅުތަކުގައި ބަލި ޖެހިގެން 160 އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ. އެހެންނަމަވެސް ކޮވިޑްގެ ދެވަނަ ރާޅު ހިނދުން ފަހުން މިއީ މިހާ ގިނަ އަދެދެއްގެ ބަޔަކު އެޑްމިޓް ކުރި ފުރަތަމަ ފަހަރެވެ. އެޗްޕީއޭގެ ވެބް ސައިޓު ބުނާގޮތުން މީގެ ކުރިން މިއަދަދު އެންމެ މަތި ވެފައިވަނީ އެވަރެޖު ގޮތުގައި 90 މީހުންނަށެވެ. އެއީ މިދިޔަ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހާއި ހަމައަށް އެވަރެޖް ގޮތެއްގައެވެ.
މިގޮތުން މި ފަހަކަށް އައިސް ކޮވިޑް ކޭސްތައް ކޮންމެ ރެއަކުވެސް އަންނަނީ 100 އިން މަތިންނެވެ. އަދި އެޗްޕީއޭއިން އަންނަނީ ފިޔަވަޅުތައްވެސް ހަރުކަށި ކުރަމުންވެ.