ads
ވީޑިއޯ ރިޕޯޓް:-
ގައުމު ސިއްހީ ކުއްލި ނުރައްކަލުގައި، ރައްޔިތުން ބައި ބައިވެފައި!
ހަރުއަޑުން ކޮންމެ މީހަކުވެސް ދައްކަނީ ގައުމަށް ހެޔޮ އެދޭ ވާހަކައެވެ. ރައްޔިތުންނަށް ހެޔޮ އެދޭ ވާހަކައެވެ. ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ފަހުން އަހަރެއްވާން ގާތް ވެފައިވާއިރު، މަންޒަރު ފެންނަނީ ތަފާތުކޮށެވެ. ސިއްހަތާ ސިޔާސީ ކަންކަން މަސްހުނިވެ، ރައްޔިތުން ވަނީ ސަރުކާރާއި އިދިކޮޅުގެ ހަމަލާތަކުގެ މެދުގައި ތާށިވެފައެވެ.

އެއް ބަޔަކު ހަރު އަޑުން ދައްކަނީ ކޮވިޑް ވެކްސިން ޖެހުމުގެ މުހިއްމު ވާހަކައެވެ. މި ވެކްސިން ޖެހުމުން އޭގެ ފައިދާ މުޅި މުޖުތަމައުއަށް ކުރާނެ ވާހަކައެވެ. އަނެއްކޮޅުގައި ތިބި މީހުން ދައްކަނީ ވެކްސިން ޖަހަން ހެޔޮނުވާނެ ކަމުގެ ވާހަކައެވެ. ބަހަނާއަކަށް ދައްކަނީ ރާއްޖޭގައި ޖަހަން ފެށި ކޮވިޝީލްޑް ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ "އެޕްރޫވަލް" ލިބިފައިވާ ނުވާ ވެކްސިނެއް ކަމުގެ ވާހަކައެވެ.

މިކަން ބަހަނާއަކަށް ދެއްކި މީހުން ތަކުރާރުކޮށް ބުނަމުން އައީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސޯލިހު ކޮވިޝީލްޑް ވެކްސިން ޖައްސަވައިފިނަމަ އެމީހުންވެސް ވެކްސިން ޖަހާނެ ކަމަށެވެ. ނަމަވެސް ފެނިގެން ދިޔައީ އެހެން މަންޒަރެކެވެ. ރައީސް ސޯލިހުގެ އިތުރުން ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އަދި ސަރުކާރުގެ ގިނަ އިސްވެރިންތަކެއްގެ ގަޔަށް ވެކްސިން ޖެހުމުން ދެން ކުރަން ފެށީ އިތުރު ތުހުމަތު ތަކެކެވެ. 

އެގޮތުން ސޯޝަލް މީޑިއާގައި ދައުރުކުރަން ފެށީ ފޮޓޯއެކެވެ. ބުނަމުން ދިޔައީ އެބޭފުޅުންގެ ގަޔަށް ޖެއްސެވީ ފައިޒާ ވެކްސިން ކަމަށެވެ. އަދި އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިން ނޫންކަމަށެވެ. ހެއްކަކަށް ދެއްކީ ފައިޒާ ވެކްސިނާއި ކޮވިޝީލްޑް ވެކްސިންގެ މަތިގަނޑު ތަފާތުވާހަކައާއި، ރައީސް ސޯލިހުގެ ގަޔަށް ޖެއްސެވި ވެކްސިންގެ މަތިގަނޑު ފައިޒާ ވެކްސިންގެ މަތިގަނޑާއެއް ގޮތް ކަމުގެ ވާހަކައެވެ.

މިވާހަކަތަކަށް 24 ގަޑިއިރު ވެފައިވާއިރު، ސޯޝަލް މީޑިއާ ފުރުނީ އެކި ސިއްހީ މާހިރުންގެ ރައުޔާއެކުއެވެ. އެގޮތުން ރައީސް ސޯލިހުގެ ގަޔަށް ޖެއްސެވީ ފައިޒާ ވެކްސިން ކަމަށް ބުނެ ފެތުރި ފޮޓޯގަނޑަކީ، ޑޮކްޓަރެއްގެ ގަޔަށް ޖެއްސެވި ވެކްސިން ޑޯޒުގެ ފޮޓޯގަނޑު ކަމަށާއި، އެއީ އެ ޑޮކްޓަރުގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުގައި ހިއްސާ ކުރެއްވި ވީޑިއޯއެއް ކަމަށް އެ ޑޮކްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ހިޔާލު ތަފާތުވެފައިވާ ވެކްސިންގެ މަތިގަނޑުގެ މައްސަލަތައް ޑޮކްޓަރުން ވަނީ ރަނގަޅަށް ސާފުކޮށްދެއްވާފައެވެ. އެގޮތުން ކޮވިޝީލްޑް ވެކްސިން ފުޅިއެއްގައި މަދުވެގެން 10 މީހުންނަށް ވާވަރަށް ވެކްސިން ހުންނާނެ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

އެގޮތުން ފުޅީގެ މަތި ހަދާފައި ހުންނަނީ ރަބަރުން ކަމަށާއި، އޭގެ މަތީގައި ފެހިކުލައިގެ ދަގަނޑު މައްޗެއް އޮންނަކަން ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ. އަދި ފުޅިން ވެކްސިން ނަގަންވީމާ ފެހިމަތި ނައްޓާލަން ޖެހޭނެ ކަމަށާއި، އެއަށްފަހު ދެން ކަށި ހަރާނީ ރަބަރު ބަޔަށް ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި ފެހި މަތިގަނޑު ނެގީމާ އިންނާނީ، ސޯޝަލް މީޑިއާގައި ދައުރުވާ އެ ފޮޓޯގަނޑު ފަދައިން ކަމަށާއި، ފުރަތަމަ ޑޯޒް ނަގަން އާ ފުޅިއެއް ނަގާއިރު ފެހި މަތި އޮންނާނެ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.

ކޮންމެއަކަށް ވެކްސިންގެ ބޮޑު ބަހުސެއް އަދިވެސް ދަނީ ސޯޝަލް މީޑިއާގައި ކުރިއަށެވެެ. ގައިމުވެސް އެކި ހަބަރު ތަކުން އެކި ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތައްވެސް ފެންނާނެ އެވެ. އެކި ހަބަރު ފަތުރާ ވަސީލަތްތަކުން އެކި ހަބަރު ގެނެސްދޭއިރު، ރައްޔިތުން ވަނީ ގަބޫލުކުރަންވީ ފަރާތެއް ނޭނގި، ދެމެދުގައި ތާށިވެފައެވެ. އެއްބަޔަކު ސަރުކާރުގެ ބަސް ގަބޫލު ކުރާއިރު، އަނެއް ބަޔަކު އަޑުއަހަނީ އިދިކޮޅުން ދައްކާވާހަކަތަކެވެ. މިކަމުގެ ތެރޭގައި ގަބޫލު ކުރާނެ ކަމެއް ނޭނގި ތިބި ބަޔަކުވެސް އެބަތިއްބެވެ.

ކޮންމެގޮތެއް ވިއަސް ނުރައްކާ ބޮޑީ އާންމު ސިއްހަތަށެވެ. އިނގިރޭސިވިލާތުން ފެނުނު ކޮވިޑް 19ގެ އާ ވޭރިއަންޓު މިހާރ ރާއްޖެއިންވެސް ފެނިފައިވާއިރު، އެޗްޕީއޭއިން ވަނީ މިހާރު ރާއްޖޭގައި މި ބަލި ފެތުރޭ މިންވަރު އިތުރީ މި ވޭރިއަންޓާއި ގުޅިގެން ކަމަށް ބުނެފައެވެ. ގައިމުވެސް ކަންބޮޑުވުން އިތުރުވާ ކަމެކެވެ.

މިއާއެކު ވެކްސިނާމެދު އެންމެންވެސް އިތުރަށް ސީރިއަސް ވާން ވެއްޖެއެވެ. ވަކި ސިޔާސީ މަންފާއަކަށް ރައްޔިތުންގެ ލާބަ އާއި މަންފާ ފަހަތަށް ޖެއްސުމުގެ ބަދަލުގައި ގައުމު އިސްކުރަންވީ ހާލަތަކީ މިއީއެވެ. މިއީ ވެކްސިންގެ ރަނގަޅު މައުލޫމާތު ފަތުރާ، ފަރުދީ ޒިންމާ އަދާކުރަންވީ ވަގުތެވެ. ފަރުވާ ކުޑަ ކުރެވޭކަށް ނެތެވެ. އެއަށް ވުރެ ނުރައްކާތެރިކަން ބޮޑުވެއްޖެއެވެ. މިއީ އަދުގެ ހަގީގަތެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް