ads
ޝެއިހް އަލީ ޒައިދު--
ޑޮކްޓަރުން އޮޅުވާލާނެ ކަމަށް ގަބޫލް ކުރާނީ މޮޔައިން: ޝެއިހް ޒައިދު
ހުރިހާ ޑޮކްޓަރުން ވެގެން އޮޅުވާލާނެ ކަމަށް ގަބޫލް ކުރާނީ މޮޔައިން ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
Advertisement

ޝެއިހް ޒައިދު ވިދާޅުވީ ޕީޕީއެމް، ޕީއެންސީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ވެކްސިން އޭ ކިޔާގެން ދައްކަވާ ވާހަކަ ހަމަ އެއްގޮތަކަށްވެސް ދެކޮޅު ނުޖެހޭ ކަމަށެވެ. 

ހުރިހާ ޑޮކްޓަރުން ވެގެން އޮޅުވާލާނެ ކަމަށް ގަބޫލް ކުރާނީ މޮޔައިން ކަމަށާއި މުޖުތަމައު ތެރޭގައި ބިރުވެރިކަން ނޫފައްދާ ތިއްބެވުމުން އެފަދަ ބޭފުޅުންގެ ފަތަށް ވެސް ލުއި ވާނެ ކަމަށް ޝެއިހް ޒައިދު ވިދާޅުވިއެވެ. 

ހުރިހާ ޑޮކްޓަރުން ވެގެން އޮޅުވާލާނެ ކަމަށް ގަބޫލް ކުރާނީ މޮޔައިން ކަމަށް ވިދާޅުވެ ޝެއިހް ޒައިދު ޓްވީޓް ކުރެއްވިއިރު އެކަމަށް ޑރ. މުހައްމަދު އިޔާޒްވެސް ވަނީ ތާއީދު ކުރައްވާފައެވެ. އެކަމަށް ތާއީދުކުރައްވާ ޑރ. އިޔާޒް ވަނީ އެބޭފުޅުން އެއްވެސް ކަމެއްގައި ހަމަޖެހޭ ވާހަކައެއް ދައްކަވާތޯ ސުވާލުކުރައްވާފައެވެ. "ދުލެއް ދެއްވާފައި އޮތުމުން ހިތުހުރި އެއްޗެއް ކިޔާ ދޮގު ހަބަރު ފެތުރުމާއި ފިތުނަ ފަސާދަ އުފެއްދުން ނޫންކަމެއް އެބޭފުޅުން ނުކަރައްވާ" ކަމަށް އިޔާޒް ވިދާޅުވިއެވެ. އޭގެ އިތުރުން އިޔާޒް ވަނީ އިދިކޮޅަކީ "ދޮގު އައްޑާ" އެއްގެ ގޮތުގައި ސިފަކުރައްވާ އެ އައްޑާއާއިމެދު ބްރޮޑްކޮމްއިން ހަނު ތިއްބަވާ ކަމަށް ތުހުމަތުކޮށް، އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.


އެކަމާއިމެދު ހަނު ތިއްބަވާކަމަށް އިޔާޒް ވިދާޅުވިއިރު، ބްރޮޑްކޮމްއިން އިއްޔެވަނީ ކޮވިޑް-19 ވެކްސިން ޖަހަން ފެށުމާ ގުޅިގެން، އެކަމާ ގުޅޭ މައުލޫމާތު ބްރޯޑްކާސްޓްކުރުމުގައި އާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މައުލޫމާތު ނުފެތުރުމަށް މީޑިއާތަކަށް އަންގާފަ އެވެ. 

އެކަމާއި ގުޅިގެން ބްރޮޑްކޮމްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދިވެހިރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފެށުމާ ގުޅިގެން، އެކަމާ ގުޅޭ މައުލޫމާތު ބްރޯޑްކާސްޓްކުރުމުގައި އާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މައުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، އެކަމާ ގުޅޭ އެންމެހައި ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ. 

ބްރޮޑްކޮމްއިން ވަނީ ކޮވިޑް-19 ވެކްސިންއާ ގުޅޭ ގޮތުން މައުލޫމާތު ގެނެސްދިނުމާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކެއްވެސް ހިއްސާކޮށް އެކަންތައްތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ބްރޯޑްކާސްޓަރުން ގެނެސްދޭ މައުލޫމާތަކީ ކަމާ ބެހޭ އިދާރާތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު (ވެރިފައިކޮށްފައި) ގެނެސްދޭ މައުލޫމާތަކަށް ވުމާއި މައުލޫމާތު ގެނެސްދިނުމުގައި ސިއްހީ ދާއިރާގެ މާހިރުންނާއި ފަންނީ ބޭފުޅުންގެ ބައިވެރިވުމާއި ލަފާގެ މަތިން ގެނެސްދިނުމުގެ އިތުރުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކޮވިޑް-19 ވެކްސިންއާ ގުޅޭ މައުލޫމާތު ނުފެތުރުން ހިމެނެއެވެ.

ބޮރްޑްކޮމްއިން ބުނީ ބްރޯޑްކާސްޓަރުން ގެނެސްދޭ ކޮވިޑް-19 ވެކްސިންގެ ހަބަރާއި މައުލޫމާތު އެ ކޮމިޝަނުން ވަރަށް ގާތުން މޮނިޓާކުރަމުން ގެންދާނެކަމަށާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު) އާ ހިލާފަށް ކޮންޓެންޓް ގެނެސްދޭ ނަމަ ބްރޯޑްކާސްޓަރުންނާ މެދު ފިޔަވަޅު އަޅާނޭކަމަށެވެ. އަދި ކޮވިޑް-19 ވެކްސިންއާ ގުޅޭ މައުލޫމާތުތައް ވީހާވެސް އަވަހަށް، ފަސޭހަކަމާއި ހަމަހަމަކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޯރުކޮށްދިނުމަށް ކަމާ ބެހޭ އިދާރާތަކަށް ވެސް ބޮރޮޑްކޮމްއިން ވަނީ އިލްތިމާސްކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް