ads
ބާބްރީ މިސްކިތް
ބާބްރީ މިސްކިތް ހުރި ބިމުގެ ވެރިފަރާތަކީ ރާމް ކަމަށް ކޯޓުން ކަނޑައަޅައިފި
ހިންދޫންނާއި މުސްލިމުންގެ ދެމެދު މައްސަލައަކަށްވެގެން ނުނިމި ދިގުލައިގެން ގޮސްފައިވާ ބާބްރީ މަސްޖިދުގެ މައްސަލަ ސުޕްރީމްކޯޓުން މިއަދު ނިންމައިފިއެވެ.
Advertisement
ހިންދޫންނާއި މުސްލިމުންގެ ދެމެދު މައްސަލައަކަށްވެގެން ނުނިމި ދިގުލައިގެން ގޮސްފައިވާ ބާބްރީ މިސްކިތުގެ މައްސަލަ އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

މިމައްސަލަ މިމަހުގެ ނުވަވަނަ ދުވަހު ނިންމާފައިވަނީ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ބެންޗުގައި އިސްކޮށް އިންނެވީ އިންޑިއާގެ ޗީފް ޖަސްޓިސް ރަންޖަން ގޮގޯއި އެވެ.

ސުޕްރީމް ކޯޓުން ކުރި 1000 އަށް ވުރެ ގިނަ ސޮފްހާގެ ހުކުމްގައި ބުނެފައިވަނީ އެއީ ދީނީ ގޮތުން ބަލާފައިވާ މައްސަލައެއް ނޫން ކަމަށެވެ. އަދި މައްސަލަ ބެލުމަށް ރިއާޔަތް ކޮށްފައިވަނީ އިލްމީ ތަހުލީލު ތަކަށް ކަންވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާގެ ރިޕޯޓަށް ކޯޓުން ވަރަށް ބޮޑަށް ބަރޯސާވެފައިވެ އެވެ.

މިހުކުމްގައި ވަނީ 2.77 އޭކަރުގެ މައްސަލަ ޖެހިފައިވާ ބިމުގައި ފައްޅިއެއް އެޅުމަށް ހިންދޫންނަށް ބިން ދޭކަމަށް ހުކުމް ކުރާ ކަމަށެވެ. އަދި ބަދަލުގައި މުސްލިމުންނަށް އަޔޯދިޔާއިން އޭގެ ދެގުނަ ބޮޑުކޮށް ފަސް އޭކަރުގެ ބިމެއް ދިނުމަށެވެ.

އަޔޯދިޔާ މުސްލިމުން ކޯޓުގައި ތަމްސީލުކުރި، އުއްތަރަ ޕްރަދޭޝްގެ ސުންނީ ވަގްފު ބޯޑުން ބުނެފައިވަނީ އެފަރާތުން އެހުކުމް ގަބޫލުކުރާ ކަމަށެވެ. އަދި އެހުކުމް މުރާޖައާ ކުރުމަށް ބޭނުން ނުވާ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން އެ ހުކުމް ގަބޫލުނުކޮށް މުރާޖައާ ކުރަނީނަމަ އެއީ ޔޫޕީ ސުންނީ ވަގުފު ބޯޑުގެ ރުހުމާ ލައިގެން ކުރާ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

މި ހުކުމް އައިސްފައި މިވަނީ ޖައްސަ ޖައްސައިގެން 40 ދުވަސް ވަންދެން ބާއްވާފައިވާ އަޑުއެހުންތަކަށް ފަހު އެވެ. މިއީ އުއްތަމަ ފަނޑިޔާރު ގޮގޯއީގެ އެންމެ ފަހުގެ ޝަރީއަތް ކަމުގައިވެސް ވެދާނެ އެވެ. ސަބަބަކީ އޭނާ މަގާމުން މުސްކުޅި ވެވަޑައިގަންނަވަނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށްވާތީ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުގައި ވަނީ ބާބްރީ މިސްކިތް ހުރި ތަނުގެ މިލްކުވެރި ފަރާތަކީ ރާމް ދޭވަތާ ކަމަށެވެ. އިންޑިއާގެ ގާނޫނީ އޮނިގަނޑުގެ ތެރޭގައި ހުރިހާ، ދޭވަތާއިންނަކީވެސް ދައުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ގާލާއީ ޝަހްސެކެވެ. މިމައްސަލާގައިވެސް ވަކީލުންގެ ޓީމުން ތަމްސީލުކޮށްފައިވަނީ ރާމްގެ ނަމުގައި ދައުވާކުރި ފަރާތުގެ އިރުޝާދަށެވެ.

ޗީފް ޖަސްޓިސް ވިދާޅުވި ގޮތުން އިންޑިއާގެ ސުޕްރީމް ކޯޓަކީ އިލްމާނީ މުއައްސަސާއެއް ކަމުން، އެއީ ހުރިހައި އަގީދާއަކާއި ހުރިހައި ދީނަކަށްވެސް އިހުތިރާމް ކުރާ މުއައްސަސާ އެކެވެ. އަދި ރާމް އުފަންވީ މިސްކިތުގެ މެދަށްވާ ގޮތަށް ހަދާފައިވާ ބައިގައި ކަމަށް ޒަމާނުއްސުރެ ހިންދޫން ގަބޫލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސުންނީ ވަގުފު ބޯޑަށް ބާބްރީ މިސްކިތް ހުރި ބިމުގެ މިލްކުވެރިކަން އެއްޒަމާނެއްގައި ވެސް އޮތްކަން މާއްދީ ހެއްކަކުން ސާބިތު ކޮށް ދެވިފައި ނުވާ ކަމަށެވެ.

ކޯޓު ހުކުމްގައި ވަނީ މަރުކަޒީ ސަރުކާރުން ތިން މަސް ތެރޭގައި އެ ބިމުގައި ފައްޅި އެޅުމުގައި ހިމެނޭނެ ފަރާތްތަކުގެ ޓްރަސްޓެއް ހެދުމަށް ވެސް އަމުރުކޮށްފަ އެވެ. މިދައުވާ ކުރުމުގައި ހިންދީ ކޮމިއުނިޓީން ބައިވެރިވި ޖަމުއިއްޔާތައް މީގައި ހިމަނާފައިވެ އެވެ.

އަކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާއިން ތައްޔާރުކުރި ރިޕޯޓްގައި ބުނެފައިވަނީ ބާބްރީ މިސްކިތް ހުރި ތަނުގައި އެ މިސްކިތް ބިނާ ކުރުމުގެ ކުރިން މިސްކިތަށް ވުރެ ދޮށީ ޒަމާންވީ އޮނިގަނޑެއް އެތަނުގެ އަޑީގައި ހުރިކަމަށް ހޯދުންތަކުން އެނގިފައިވާ ކަމަށެވެ. އަދި މިސްކިތް ބިނާކޮށްފައި ވަނީ ކުރިން ހުސްކޮށް ހުރި ބިމެއްގައި ނޫން ކަމަށްވެސް ރިޕޯޓްގައިވެ އެވެ.

އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާއިން މިމައްސަލައިގައި ސުޕްރީމް ކޯޓުގެ ބޭނުމަށް އެކުލަވާލި ރިޕޯޓް ފަހުން ފޮތެއްގެ ސިފައިގައި ޝާއިއުކުރުމަށްވެސް ނިންމާފައިވެ އެވެ.

ސުންނީ ވަގްފް ބޯޑަށް ފަސް އޭކަރުގެ ބިން ދިނުމަށް ހުކުމް ކުރިއިރު އެ ދައުވާގައި ބައިވެރިވާން ބޭނުންވި ޝީއީ މުސްލިމުންނަށް އެ މައްސަލާގައި ހައްގެއް ނެތްކަމަށް ކޯޓުގެ ހުކުމްގައިވެ އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައިވަނީ ހުކުމާ ގުޅިގެން އިންޑިއާގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދަން ޖާގައެއް ނެތް ކަމަށެވެ. މުޖުތަމައުގެ ހުރިހާ އެންމެންވެސް ވަނީ އެ ހުކުމް ބަލައިގެންފައި ކަމަށްވެސް ވިދާޅުވި އެވެ. އަދި މިހުކުމަށް ހުރިހާ ފަރާތަކުންވެސް މަރުހަބާ ކިޔާފައިވާ ގޮތުން އިންޑިއާގެ އެއްބައިވަންތަކަމުގެ ޒަމާންވީ އާދަކާދަ ސާބިތުކޮށްދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަށް ތާއީދުކުރައްވަމުން މޮދީ ވިދާޅުވެފައިވަނީ އެ މައްސަލަގައި ތަދައްހުލުވާން ބޭނުންވި ކޮންމެ ފަރާތަކަށްވެސް ކޯޓުން ފުރުސަތުދީ އެފަރާތުގެ ވާހަކަ އަޑުއަހާފައިވާ ކަމަށެވެ.

ދިއްލީ ޖާމިއާ މަސްޖިދުގެ ޝާހީ އިމާމް ސައްޔިދު އަހްމަދު ބުހާރީވެސް ވަނީ ސުޕްރީމް ކޯޓުގެ ހުކުމަށް އިހްތިރާމް ކުރާ ކަމުގައި ވިދާޅުވެފަ އެވެ. އަދި ގައުމު ތަރައްގީކުރުމަށް އަވަސްވެ ގަތުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް އިންޑިއާގެ ބޮޑެތި ވިޔަފާރިވެރިން ވަނީ މަރުހަބާ ކިޔާފަ އެވެ.

މުސްލިމުންގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ ހުކުމަށް ފާޑުކިޔާފަ އެވެ. މީގެތެރޭގައި ވަގްފް ބޯޑް ތަމްސީލުކުރި ގާނޫނީ ވަކީލު ޒަފަރު ޖީލާނީ ވަނީ މި ހުކުމްގައި ފުށުއެރުންތަކެއް ހުރިކަމަށް ވިދާޅުވެ މުރާޖައާ ކުރުމަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް ވަގްފް ބޯޑުގެ ބަޔާނާ ގުޅިގެން މިމައްސަލަ މުރާޖައާ ކުރަން ހުށަހަޅާނެ ކަމަކަށް ނުބެލެވެ އެވެ.

އިންޑިއާ ޕާލަމެންޓްގައި ހައިދަރްއާބާދު ތަމްސީލުކުރާ ޝީއީ މަޒްހަބުގެ މެންބަރު އަސަދުއްދީން އުވެއިސީ ގޮވާލާފައިވަނީ ފަސް އޭކަރުގެ ބިން ބަލައި ނުގަތުމަށެވެ. އެކަމަކު އިންޑިއާގެ ސިޔާސީ ލީޑަރުން ވަނީ ގައުމީ ސުލްހައަށް ގޮވާލާފަ އެވެ.

ބާބްރީ މިސްކިތް ތަޅާލާފައިވަނީ 1992 ވަނަ އަހަރު އެވެ. ބާބްރީ މިސްކިތުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމަށް ތައްޔާރުވުމާ ގުޅިގެން މުމްބައި، ޔޫޕީ، ކަރްނާޓަކާ އަދި ޖަންމޫ ކަޝްމީރުގައި ސަލާމަތީ ކަންކަން އޮތީ އިންތިހާއަށް ވަރުގަދަ ކޮށްފަ އެވެ. މި ބިމުގައި 2024 ވަނަ އަހަރު ފައްޅި އަޅާނެ ކަމަށް ވީއެޗްޕީ (ދުނިޔޭގެ ހިންދީންގެ ކައުންސިލް)އިން ވަނީ ބުނެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;