ސަލްމާން މިސްކިތް ހުޅުވުން ލަސްވާތީ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި ޕްލޭނިން މިނިސްޓްރީން ބުނެފައި ވަނީ ސަލްމާން މިސްކިތަކީ ސައުދީ ސަރުކާރުން އަޅާފައިވާ މިސްކިތަކަށް ވާތީ ކޮވިޑްގެ މި ހާލަތުގައި އެ ބޭފުޅުންގެ ވަފްދުތަކަށް ރާއްޖެއަށް ވަޑައިގަނެވެން ނެތުމުން މިސްކިތް ހުޅުވުން ވަނީ ލަސްވެފައި ކަމަށެވެ. އަދި ހުޅުވާނެ ތާރީހެއް ހޯދުމަށް ދިވެހި ސަރުކާރުން ދަނީ ސައުދީ ސަރުކާރާ މަޝްވަރާ ކުރަމުން ކަމަށް ވެސް އެ މިނިސްޓްރީއިން ބުނެފައި ވެއެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީއިން ވެސް ބުނެފައި ވަނީ ސައުދީގެ ވަފްދު ރާއްޖެ ވަޑައިގަތުމުގެ މަޝްވަރާތައް ދަނީ ކުރިއަށް ކަމަށާއި އެ ބޭފުޅުން ރާއްޖެ ވަޑައިގަންނަވާ އިރު މި ގައުމުގެ ކޮވިޑްގެ ހާލަތަށް ރިއާޔަތް ކުރަން ޖެހޭ ކަމަށެވެ.
އާޓިފިޝަލް ބީޗްގެ އުތުރަށް އޮންނަ ބިމުގައި ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކޮށްފައިވާ މިސްކިތުގެ އަގު 24.95 މިލިޔަން ޑޮލަރަށް އަރާނެއެވެ.
ފަސް ފަންގިފިލާއަށް އިމާރަތްކޮށް ނިމިފައިވާ ކިންގް ސަލްމާން މިސްކިތުގެ ހުރިހާ ފަންގިފިލާއެއްގައި ވެސް ވަނީ ކާޕެޓް އަޅާފައެވެ. އަދި މިހާރު މިސްކިތު އިމާރާތުގެ ހުރިހާ މަސައްކަތެއް ނިމި މިސްކިތް ވަނީ ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ.
މިސްކިތުގައި އަރާފޭބުމަށް ލިފުޓު ހަރުކޮށްފައިވާއިރު އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެއެވެ. ލައިބްރަރީއަކާއި ކްލާސްރޫމްތަކުގެ އިތުރުން ސެމިނާ ރޫމްތައް ވެސް މި މިސްކިތުގައި ހުންނާނެއެވެ.