ads
ސޯލާ ޕެނަލް
61 ރަށެއްގައި އިޔާދަކުރެވެނި ހަކަތަ ގާއިމް ކުރަނީ
ރާއްޖޭގެ އިތުރު 61 ރަށެއްގައި އިޔާދަކުރެވެނި ހަކަތައިގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައިވެސް އަދި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމުގައިވެސް، ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށީގެ ރައްކާތެރިކަން އެއްކީލި ކުރުމަށް، ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެެވެ.

އެގޮތުން ކަރަންޓު އުފެއްދުމުގައިވެސް، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް، 26 ރަށެއްގައި، އަވިން ކަރަންޓު އުފައްދާ 2.86 މެގަވޮޓުގެ ސޯލާ ޕެނަލްތައް މިދިޔަ އަހަރުވާނީ ގާއިމުކޮށްފައި ކަމަށާއި އަދި އިތުރު 61 ރަށެއްގައި އެ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ނިޒާމުތަކުން ޖުމްލަ 36 މެގަވޮޓްގެ ކަރަންޓު އުފެއްދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭ މިންވަރު، މިދިޔަ ދެ އަހަރުގެ ތެރޭ ގާތްގަނޑަކަށް 3 ގުނަ އިތުރުކުރެވިއްޖެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި މިހާތަނަށް ގާއިމުކުރި އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުގެ ސަބަބުން، މިހާރު ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން، އަހަރަކު 72871 ޓަނު މަދުވެގެންދާނެ ކަމަށާއި މުޅި ރާއްޖޭގައި މިހާރު ގާއިމުކުރެވިފައި ހުރި 31.5 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމްތަކުގެ ސަބަބުން، އިންޖީނުގެތަކުގެ ތެލަށް ކުރާ ހަރަދުން އަހަރަކު 147.8 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހަމަ މިއާއެކު ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން ހުއްޓުވުމަކީ ވެސް، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެއް ކަމަށާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް އެތެރެކުރުމާއި، އުފެއްދުމާއި ވިއްކުން މަނާކުރުމަށް އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތަށް، ރާއްޖެއަށް އެތެރެކުރުން މަނާ ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓެއް، މިދިޔަ ޑިސެމްބަރު 30 ވަނަ ދުވަހު ވާނީ ކަނޑައަޅައި އާންމުކޮށްފައި ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެ ލިސްޓުގައި ހިމެނޭ 9 ބާވަތެއްގެ ޕްލާސްޓިކް އުފެއްދުންތައް، މިއަހަރުގެ ޖޫން މަހުން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް