ads
ކުޑަކުދިން
ތިމަރަފުށީގައި ހަރުކަށި ފިކުރުގެ ޝިކާރައަކަށްވި 17 ކުއްޖަކަށް ޖެންޑާއިން އެހީވެއްޖެ
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުގެ ޝިކާރައަކަށްވި 17 ކުއްޖަކަށް ޖެންޑާ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
Advertisement

ތިމަރަފުށީގައި އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދުކުރާ ބަޔަކު ހަރުކަށި ފިކުރު ފެތުރީ ކުޑަކުދިންނަށް އަމާޒުކޮށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

އެގޮތުން އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ހައްލާލައިގެން މި ފިކުރު ފަތުރަން މަސައްކަތް ކުރި ކަމަށާއި އޭގެ ސަބަބުން ރަށުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އޭގެ އިތުރުން އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ސީއެންއެމްއަށް ބުނެފައި ވަނީ ކުޑަކުދިން ކައިރި ފަޅު ރަށްތަކަށް ގެންގޮސް އަސްކަރީ ތަމްރީނު ވެސް ދީ ހަދާފައިވާ ކަމަށެވެ.

މިއީ ކުޑަކުދިންނާ ގުޅުން ހުރި މައްސަލައަކަށް ވާތީ މިކަމަކީ ޖެންޑާ މިނިސްޓްރީގެ މެންޑޭޓުގެ ތެރެއަށް ވަންނަ މައްސަލަ އެކެވެ. އަދި މިކަމުގައި ހިމެނޭ ކުދިންނަށް އެ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ އެވެ.  

އެ މައްސަލައާ ގުޅޭ ގޮތުން ސީއެންއެމްއަށް މައުލޫމާތު ދެމުން އެ މިނިސްޓްރީން ބުނެފައި ވަނީ މެދުރާއްޖެތެރޭގެ ރަށެއްގައި ހަރުކަށި ފިކުރު ފެތުރި ކަމަށް ބެލެވޭ މައްސަލައިގައި އެ މިނިސްޓްރީއިން ވަނީ 17 ކުއްޖަކާއެކު މަސައްކަތްކޮށްފައި ކަމަށެވެ. 

އެ ކުދިންގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ވެސް ކުރެވިފައި ވާކަަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ޖެންޑާ މިނިސްޓްރީން ވަނީ ނިމިދިޔަ އަހަރުގެ ފަހުކޮޅުގައި އެ ކުދިން އުޅޭ މާހައުލަށް ޒިޔާރަތްކޮށް ހޯމް ވިޒިޓް ހަދާފައި ކަމަށާއި އެ ކުދިންނަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ވެސް ވަނީ ދީފައި ކަމަށް މައުލޫމާތު ދިނެވެ. 

ތިމަރަފުށީގައި ތިބި އައިއެސްއަށް ތާއީދުކުރާ މީހުން މަސައްކަތް ކުރީ އެ ފިކުރު ފަތުރައިގެން ޓެރަރިސްޓް އަމަލުތައް ހިންގުމަށެވެ. އެކަމުގައި ތުހުމަތު ކުރެވޭ ގިނަ ބަޔަކު އެ ރަށުން ހައްޔަރުކޮށްފައި ވެއެވެ. އަދި މިހާރު ވެސް ފުލުހުން ދަނީ އެ މައްސަލައިގެ ތަހުގީގު އިތުރަށް ކުރަމުންނެވެ.

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް