އޭޑީކޭ އިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ހޮސްޕިޓަލްގެ ރަސްމީ އެސްއެމްއެސް ހޭންޑަލް މެދުވެރިކޮށް ސްކޭމް މެސެޖްތަކެއް ބަޔަކު ފޮނުވަމުންދާ ކަމަށެވެ.
އެފަދަ އެސްމެސްތަކުން ފޮނުވާ އެއްވެސް ލިންކެއް ނުހުޅުވުމަށާއި އެ އެސްއެމްއެސްތަކަށް ޖަވާބުދިނުމުގެ ގޮތުން ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް ވެސް އޭޑީކޭން ވަނީ އިލްތިމާސްކޮށްފަ އެވެ.
މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް މިދިޔަ ދުވަސްތަކުގެ ތެރޭގައި ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް މިފަހުން ވަނީ ފުލުހުންގެ އިދާރާއާއި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ހާޒިރުކޮށްފައެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ، އޮޅުވާލައިގެން ފައިސާ އަތުލައިގަންނަ މައްސަލަތަކުގައި ބޭންކަށް ރިޕޯޓުކުރާ މިންވަރަށް ވުރެ ފުލުހަށް ރިޕޯޓުކުރާ މިންވަރު އިތުރުކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރު ރެކޯޑުތައް ދައްކާގޮތުން ފުލުހުންނަށް 1661 ސްކޭމްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ދައްކާއިރު މި އަހަރުގެ ޖެނުއަރީން ޖުލައިގެ ނިޔަލަށް 1302 ސްކޭމްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
ރަޝީދާ ވިދާޅުވި ގޮތުގައި އެންމެ ގިނައީ މާކެޓު ޕްލޭސްގައި ތަފާތު އެކި ވިޔަފާރިތަކުގެ ނަމުގައި ސްކޭމްކޮށްގެން ހުށަހަޅާ މައްސަލަތަކެވެ. އެގޮތުން މިއަހަރު އެފަދަ 55 މައްސަލައެއް ހުށަހަޅައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މުއްދަތުގައި 13.9 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.