ads
ވީޑިއޯ ރިޕޯޓް: -
ހުރިހާ އެންމެންނަށް ވެސް ހައްގު، އެއް ބަޔަކަށް މާ ބޮޑަށް ހައްގު!
ބޯހިޔާވަހިކަމަކީ ރައްޔިތުންގެ އެއް އަސާސީ ބޭނުމެވެ. ކޮންމެ ސަރުކާރަކުން ވެސް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމުގެ ފޮނި ވައުދުތަކެއް ވެއެވެ. ނަމަވެސް ވެރިކަމަށް އައުމަށް ފަހު ރައްޔިތުންނަށް ދެނީ ފެންކައްކާ ބޮލީގެ އިއްޒަތެވެ.

ފަހުގެ ތާރީހެއްގައި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ހިޔާ މަޝްރޫއެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި މަސައްކަތް ނިމުނީ 2018 ވަނަ އެ މަނިކުފާނު ވެރިކަމުން ފައިބައިވަޑައިގަންނަވަން ކައިރިވެފައި ހުއްޓަ އެވެ. 

ވެރިކަމުން ފޭބުމުގެ ކުރިން އެ މަނިކުފާނު ފުލެޓްތައް ވަނީ ރައްޔިތުންނާ ހަވާލުކޮށްފައެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އައިސް ހިޔާ ފުލެޓްތައް ދީފައިވަނީ އިންސާފުން ނޫން ކަމަށް ބުނަން ފެށިއެވެ. އަދި އެކަން ތަހުގީގުކޮށް ފުލެޓްތައް ހައްގުވާ ފަރާތްތަކައް ދިނުމަށް ކޮމިޝަނެއް އުފެއްދި އެވެ.

ރައީސް ސޯލިހުގެ ވެރިކަމަށް މިހާރު ދެ އަހަރުވެފައިވާ އިރު ފުލެޓްތަކުގެ އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ފުލެޓް ކޮމިޓީއިން ވަނީ އެތައް ވަގުތީ ލިސްޓުތަކެއް ނެރިފައެވެ. އަދި ގިނަ ބަޔަކު އެމީހުންނަށް ދީފައިވާ ފުލެޓްތައް އަތުލާފައިވާތީ އެކަމުގެ މައްސަލަ ވެސް ދަނީ ޖައްސަމުންނެވެ. އޭސީސީއަށް މައްސަލަ ހުށަހެޅި، އެ މައްސަލަ ނުބަލާ އޭސީސީއިން ވަނީ ބޭރުކޮށްލާފައެވެ. އެތައް ރަށްޔިތުންގެ ހުވަފެނުގައި ފައިން ޖަހަމުންނެވެ.

ހިޔާ ފުލެޓްތަކުގެ މައްސަލަ ބޮޑުވެ އެތައް ރައްޔިތުން ދިޔައީ އެކަމާ ޝަކުވާ ކުރަމުންނެވެ. ފުލެޓް ލިބޭނެ ކަމުގެ އުންމީދާއި ފުލެޓް ލިބޭނެތޯ ރައްޔިތުން ކުރި ދިގު އިންތިޒާރު ނިމުމަކަށް އައީ އަންގާރަ ދުވަހުގެ ރެއެވެ. ނަމަވެސް ގިނަ ބަޔަކު އެ ލިސްޓުން މާޔޫސް ވިއެވެ. ބޯ މައްޗައް ފުރާޅު ވެއްޓެއް ކައިރިވެފައި ހުރި ރައްޔިތުންގެ ބަދަލުގައި މުއްސަނދި މަހުޖަނުންނަށް ފުލެޓްތައް ލިބުނީ މައެވެ.

އާންމު ކުރި ލިސްޓްގައި 6،720 މީހެއްގެ ނަން ހިމަނާފައި ވާއިރު ފްލެޓް ކޮމެޓީން ބުނެފައި ވަނީ ކޮންމެ ކެޓަރީއެއްގެ ދާއިމީ ލިސްޓް ވެސް ނެރެފައި ވަނީ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދިނީ އުސޫލާ އެއްގޮތަށްތޯ ބަލައި ކަށަވަރު ކުރުމަށް ފަހުގައި ކަމަށެވެ. އަދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓާއި، ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވެ ފްލެޓް ލިބިފައި ނުވާ ފަރާތްތައް ޝަރުތު ހަމަ ނުވާ ކަމަށް ކޮމިޓީއަށް ފެންނަ ސަބަބު ބަޔާން ކޮށްފައި ވާނެ ކަމަށެވެ.

އަދި ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތްތަކުގައި ހަވާލު ކުރެވޭނީ އެއް ފްލެޓް ކަމުގައި ކަމަށް ވާތީ، ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތްތަކުގައި ދެމަފިރިންގެ ނަން ހިމެނިފައިވާނީ ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެއް ފަރާތެއް ފޯމު ހުށަހަޅާފައިވާ ކެޓަގަރީއެއްގައި ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ދާއިމީ ލިސްޓު އިއުލާންކުރުމުން، އެ ފަރާތަކަށް ފްލެޓް ހަވާލުކުރެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން ފްލެޓް ހަވާލުކުރުމުގެ ޕްރޮސެސްގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ކަމަަށް ވެސް ވަނީ ބުނެފަ އެވެ. 

ކަންމިހެން ހުރި އިރު އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން މެމްބަރު ތޯހާ ވިދާޅުވީ ފުލެޓް ކޮމެޓީއަށް ހަވާލުކޮށްފައި އޮތް ޒިންމާއަކީ 2018 ވަނަ އަހަރު ފުލެޓްތައް ހަވާލު ކުރެވުނު އިރުގައި ޕޮއިޓްތައް ދީފައި ހުރީ ޝަރުތާ އެއްގޮތަށްތޯ ބެލުން ކަމަށާއި އެކަން ފުލެޓް ކޮމެޓީ އިން ވާނީ ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލާ އެއްގޮތައް ކޮށްފައި ކަމަށެެވެ.

އަދި ފުލެޓް ނުލިބި ހުރި ފަރާތްތަކުގެ ތެރޭގައި ވަރަށް ހާލުގައި އުޅޭ މީހުން ވެސް އެބަ ތިބި ކަމަށާއި އެއީ އެމީހުންނަށް ފުލެޓް ހައްގު ނުވާތީ ނޫން ކަމަށާއި އެ ފަރާތްތަކަށް ފުލެޓް ނުލިބުނީ އެ އަދަދަށް ފުލެޓް ނެތީމައި ކަމަށް ތޯހާ ވިދާޅުވި އެވެ.

ނަމަވެސް އާންމުކޮށްފައިވާ ފުލެޓް ލިސްޓަށް ބަލާލާއިރު ބޮޑެތި މުސާރައިގައި އަރާމު އޭސީގޭގައި ނިދާ އެތައް ފަރާތްތަކެއްގެ ނަން ހިމަނާފައި އެބަ ހުއްޓެވެ. ސަރުކާރުގެ އިދާރާތަކުގެ ސްޓޭޓް މިނިސްޓަރުންނަށް ވެސް ފުލެޓް ލިބިފައި އެބަ ހުއްޓެވެ. ހޫނާއި ވޭނުގައި މީދާ ހޮރުގައި ދިރިއުޅޭ ރައްޔިތުން ފުލެޓަށް އެދި އެދި ތިއްބާއެވެ.

އަހަރެންގެ ނަޒަރުގައި ހިޔާ ފުލެޓްތަކުގެ ދާއިމީ ލިސްޓު ނެރުނު އިރު ސަރުކާރުން ވަނީ ބޮޑު އިހުމާލެއް ވެފައެވެ. ރައްޔިތުންގެ ހައްގުތަކަށް ފައިން އަރާފައެވެ. ފުލެޓްތަކުގެ ލިސްޓުން ވެސް މިއަދު ފެނިގެން ގޮސްފައިވަނީ ލައްގާނީ ލައްގާ ހުރައަށޭ ބުނާ ބަހުގެ ތެދު ކަމެވެ. 

ރައީސް ޔާމީންގެ ސަރުކާރުން އޭރުގެ ސަރުކާރުގެ އިސްވެރިންނަށް ފުލެޓްދީފައި ވާތީ ކަމަށް ބުނެ ކޮމިޝަނެއް މި ސަރުކާރުން ހެދީ ރައްޔިތުންނަށް އިންސާފު ހޯދައިދޭށެވެ. ނަމަވެސް މިއަދު ހިޔާ ފުލެޓްތަކުގެ ދާއިލީ ލިސްޓު އަތަށް އެރި އިރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ދެ މިނިސްޓަރަކާއި ރައީސްގެ އާއިލީ ބޭފުޅުންނާ މީގެ އިތުރުން ރައީސް ޔާމީންގެ ޝަރީއަތް ބެލި ފަނޑިޔާރުގެ އާއިލީ ބޭފުޅުންނަށް ވެސް ވަނީ ހިޔާ ފުލެޓް ލިބިފަ އެވެ. މީގެން ވެސް ދޭހަ ވަނީ ތަރައްގީ އާއި ކުރިއެރުމަކީ މުއްސަދިނ މަހުޖަނުންގެ މިލްކެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމެވެ. އެތައް ރައްޔިތުން ނިކަމެތި ހާލުގައި ދޫކޮށްލަމުންނެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް