ads
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް--
މަލީހު އުޅުއްވަނީ ރައްޔިތުންނަށް އުޅޮވާލަން: އާޒިމް
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު އުޅުއްވަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
Advertisement

މިދިޔަ ނޮވެމްބަރު އެމްޑީޕީގެ ޕީޖީން މަލީހުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައި ވަނިކޮށް އިއްޔެ އާޒިމް ވަނީ އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. އެއާއެކު މަލީހު ވަނީ އަމިއްލަ ދިފާއުގައި ޓްވިޓާ މެދުވެރިކޮށް ވާހަކަތަކެއް ދައްކަވާފަ އެވެ.

އެގޮތުން މަލީހު ވިދާޅުވެފައި ވަނީ އޭނާ ވަކިކުރަން އުޅެނީ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި ހުރިހާ މަސްއޫލިއްޔަތެއް ބަރާބަރަށް އަދާ ކުރަމުންދާ ކަމަށެވެ. އަދި އެމްޑީޕީގެ ބައެއް ފަރާތްތަކުން އުޅެނީ ގާނޫނަށް ވުރެ މަތީގައިތޯ ސުވާލު ކުރެއްވި އެވެ.

"އަސާސެއް ނެތް ކަމެއްގެ އިލްޒާމު އަޅުވާ އަދަބު ދޭން އުޅުމަކީ ދުސްތޫރާ ހިލާފު ކަމެއް. މިނިވަން ކޭމްގެ ބޯޑަށް އަދި މުވައްޒަފުންނަށް ޝުކުރިއްޔާ. ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯންނާނެ. ގާނޫނަށް ވުރެ މަތީގައި މި ގައުމުގައި ބަޔަކު އުޅެނީތޯ؟،" މަލީހު ވިދާޅުވި އެވެ. 

އެ ޓްވީޓާއެކު އާއްމު ކުރެއްވި ފޮޓޯގައި ލިޔެފައި ވަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނާއި ކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓޯ އޮފް މޯލްޑިވްސް (ކޭމް) އެކުލަވާލުމުގެ މަސައްކަތް ސަރުކާރު ވުޖޫދުވުމާއެކު ފެށުނު ކަމަށެވެ. އެގޮތުން ނުވަ ގަވާއިދެއް ހެދުމަށް ފަހު އެޓާނީ ޖެނެރަލްގެ ލަފާފުޅެއް ހޯދުމަށް ޑިސެމްބަރު 2020 ގައި ފޮނުވާނެ ކަމަށް ވެއެވެ.

އެ ޓްވީޓަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ ގާނޫނަށް ވުރެ މަތީގައި އެއްވެސް މީހަކު ހުރެގެން ނުވާނެ ކަމަށާއި މިކަމުގައި މަލީހު ހައްދަވަނީ ދޮގު ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލާ، އަވަސް އަރުވާލައިގެން ގަވާއިދު ހަދާ އޭޖީއަށް ފޮނުވާފައި ވަނީ އެމްޑީޕީ ޕީޖީއަށް މަލީހުގެ މައްސަލަ ފޮނުވި ފަހުން ކަމަށް ވިދާޅުވި އެވެ.

"މިކަމުގައި ވެސް ތިޔަ ހައްދަވަނީ ދޮގު. އުޅުއްވަނީ ރައްޔިތުންނަށް އޮޅުވާލަން. އަވަސް އަރުވާލައިގެން ގަވާއިދު ހަދާ އޭޖީއަށް ފޮނުވާފައި ވަނީ މަނިކުފާނުގެ ނޯ ކޮންފިޑެންސް މައްސަލަ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ނެގި ފަހުން. އެއްވެސް މީހަކު ގާނޫނަށް ވުރެ މަތީ ހުރެގެން ނުވާނެ،" އާޒިމް ވިދާޅުވި އެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް މިދިޔަ ނޮވެމްބަރު މަހު އެމްޑީޕީގެ ޕީޖީން ފާސްކުރީ ޓެލެކޮމިއުނިކޭޝަންގެ ގާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު، ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީއިރު ވެސް މިނިސްޓަރު މަލީހް ހައްދަވާފައި ނުވާތީ އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް