ads
ހިޔާ ފްލެޓްތައް--
ފްލެޓް ވެސް ލިބޭނީ ދިރިތިބެގެން ނޫންތޯ ކޮއިފުޅާ!
ކޮވިޑް-19 ގައި ދެފުށަށް ހަންނޮޅޭތާ އަހަރެއް ވެގެން ދިޔައިރު މިއަދު މިވަނީ ކޮވިޑްގެ ބިޔަ ރާޅުތައް މި ކުޑަކުޑަ ދިވެހި ރާއްޖެ ވަށާލާފައެވެ. އެެއް ރާޅު އަރާ ފައިބައިގެން ނުދަނީސް އަނެއް ރާޅު އައިސް ބިންދާލަނީ އެއައްވުރެ ބާރަށެވެ. މިހެން މިކަން އޮތްއިރު މި ކުޑަ ރާއްޖޭގެ ސިއްހީ ނިޒާމު މިދަނީ ބޮއްސުންލާ ސިއްހީ ހިދުމަތްތެރިން ވަރުބަލިވަމުންނެވެ. މިކަން ކޮންޓްރޯލް ކުރުމަށް ސިއްހީ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރާ އެހެނިހެން އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ވެސް ވަރުބަލިވެގެން ވެއްޓެނީއެވެ. ވިސްނަން ތިބީ ކޮން ބައެއްތޯއެވެ؟
Advertisement

ސިއްހީ ހިދަުމަތްތެރިންނާއި ފުލުހުންނާއި ސިފައިންގެ އިތުރުން މަދަނީ ޖަމިއްޔާތަކަުން ކެނޑިނޭޅި 24 ގަޑިއިރު މިކުރަމުންދާ މަސައްކަތަށް ލުއި ކަމެއް ލިބިދެވޭނެ ކޮޅުމަތިވެސް ފެންނަމުން ނުދާއިރު މިކަން ދެނެތިބި އެހީތެރިކަމެއްގެ އަތެއް ފޯރުކޮށްދޭން ތިބި ފަރާތްތަކުން ވެސް އިތުރަށް ކުރަނީ ޖެއްސުމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. 

ކޮވިޑްގެ ހާލަތު އަތް ނުފޯރާ ފަށަށް މައްޗައް އަރައިގެންދާ މިދަނޑިވަޅުގައި މި ހާލަތު ކޮންޓްރޯލްކޮށް އާއްމު ހާލަތަކަށް ރުޖޫއަވެ، އަނބިދަރިންނާއި އާއިލާ ގާތަށް ދެވޭނެކަމުގެ އިންތިޒާރުގައި ތިބި އެތައް ބަޔަކު އެބަ ތިއްބެވެ. ބަލީގެ ސީރިއަސް ކަން އަހަރެމެންނަށް ވަޒަން ނުކުރެވުނަސް މި ބަލި ތަހައްމަލް ކުރި އަދި ތަހައްމަލް ކުރަމުންދާ އަދި ބަލީގައި އެމީހުންގެ ލޯބިވާ މީހުންނާއި މައިންބަފައިންނާއި ދަރިންނާ އަލްވަދާއު ކިޔަންޖެހުނު އަދި އެކަމުގެ ހިތާމައިން އަރާ ނުގަނެވިތިބި އެތައް އާއިލާއެއް މިއަދުވެސް އަޅުގަނޑުމެންގެ ތެރޭ އެބަ އުޅޭ ކަން ގިނަ ބަޔަކަށް ފަހުމް ނުވިޔަސް މި މުޖުތަމައު ތެރޭ އެފަދަ ބަޔަކުވެސް އެބަތިބިކަން ދަންނަން ޖެހެއެވެ. 

މިފަދަ އާއިލާތަކުގެ ދުއާއަކީ މިފަދަ ހާލަތެއް އެފަދަ އެހެން ބަޔަކަށް ތަހައްމަލް ކުރަން ނުޖެހި އަވަހަށް މި ބަލިމަޑުކަމުން އަމާން އައްސޭރިއަކަށް ދެވުމެވެ. އަދި މިކަމަށްޓަކައި ސިއްހީ ހިދުމަތްތެރިންނާއި އެކި މުއައްސަސާތަކުން 24 ގަޑިއިރު އެދަނީ ގުރުބާން ވަމުންނެވެ. ކޮވިޑްގެ ކޭސްތައް ސަތޭކައިން މައްޗައް އަރައިގެން ގޮސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ބޮޑެތި ކްލަސްޓާތައް ފަޅައިގެން ދާ މިދަނޑިވަޅުގައި ކުރިން ދީފައިވާ އެތައް ލުއިކަމެއް މިހާރު މިވަނީ ހަރުކަށިކޮށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެހެންނަމަވެސް ހަރުކަށި ކުރި ފިޔަވަޅުތަކާ އެކުވެސް މިއަދު މިތިބި ހާލަތުން އަރައިގަތުމަށް މިވަނީ ދަތިކަމަކަށް ވެފައެވެ. ފެންނަ ކޭސްތައް މަދެއް ނުވިއެވެެ. އިތުރަށް ވީ ގިނައެވެ. އެހެންކަމުން އިތުރު ފިޔަވަޅުތަކެއް ވަރުގަަދަކޮށް އަނެއްކާ މިވަނީ ހަވީރު ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް ވެހިކަލް ނުދުއްވޭ ގޮތަށް ބަދަލު ގެނެސްފައެވެ. 

އެހެެންނަމަވެސް އެކަން އިއުލާން ކުރިތާ މިނެޓެއް ވެސް ނުވަނީސް އިދިކޮޅުން ވަނީ ކުރިން ވެސް ރާވާފައިވާ ގޮތަށް މަގުމަތީ އިހްތިޖާޖް ފަށާފައެވެ. "ފްލެޓް ކޮބާ"ގެ ނަމުގައި ރައްޔިތުންނަށް ބޯޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ގިނަ ބަޔަކާއިއެކު އިހްތިޖާޖް ފެށިއިރު އެޗްޕީއޭގެ ގައިޑްލައިންތަކުން އޮތީ ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުމާއި ޖަލްސާ ފަދަ ހަރަކާތްތައް ވެސް މަނާކޮށްފައެވެ. އަދި އެފަދަ ހަރަކާތެއް ހިންގާނަމަ އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަަށް ވެސް ބެލުމެއް ނެތި ރައްޔިތުންނަށް ފްލެޓް ހޯދައިދިނުމުގެ ގަސްތުގައި އިހްތިޖާޖް ފެށިއިރު ރައްޔިތުން މިއަދު މި ހަނާވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ބަލިމަޑުކަމުންނެވެ. 

އިހްތިޖާޖްގެ މަގްސަދް ވަރަށް ވެސް ފުރިހަމައެެވެ. ބޯހިޔާވަހިކަމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގެކެވެ. އަދި ދިވެހިރާއްޖޭގައި ބޯހިޔާވަހިކަމެއް ބޭނުންވެފައިވާ އެތައް ބަޔަކު އެބަ ތިއްބެވެ. އަދި ފްލެޓްތައް ދިނުން ލަސްވަމުން ދިޔުމާއިއެކު މިކަމަކީ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެއް ވެސް މެއެވެ. މިއީ ޒަމާނުއްސުރެ އެކަމަކަށް ރައްޔިތުން އެދެމުން ދާ އެހެންނަމަވެސް ކަަށަވަރު ނުކޮށްދެވި އޮތް އަސާސީ ހައްގެކެވެ. ރުޅި ވެސް ގަދަވާންވީއެވެ. އިހްތިޖާޖްވެސް ކުރަންވީއެވެ. ހައްގުތައް ހޯދުމަށް މަސައްކަތް ވެސް ކުރަންވީއެވެ. އެހެންނަމަވެސް މަގުމަތިންތޯއެވެ؟ މިފަދަ ހާލަތެއްގައި މަގުމަތިން އެ ހައްގުތައް ހޯދޭނެ ކަމަށް ވިސްނާ، ނޫންނަަމަ ހޯދަން މަސައްކަތް ކުރުމަކީވެސް އެންމެ ބުއްދިވެރި ގޮތްތޯއެވެ؟ ސަރުކާރު ޖަވާބުދާރީ ކުރެވޭނެ އެތައް ގޮތްތަކެއް އެބަ ހުއްޓެވެ. އެކަން މިއަދު ކޮށްލާ އެންމެ ޓްވީޓަކުން ވެސް ކުރެވޭ ތަން ވެސް އެބަ ފެނެއެވެ.

މިފަދަ ދަނޑިވަޅެއްގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މި ބަލިމަޑުކަމުން އަރައި ނުގަނެވި އެތައް ބަޔެއްގެ ފުރާނަ ގެއްލެމުންދާތީ އޮތް ކަންބޮޑުވުމެވެ. ސިއްހީ ދާއިރާގެ ހިދުމަތްތެރިން ވަރުބަލިވަމުންދާތީ އޮތް ކަންބޮޑުވުމެެވެ. ސިއްހީ ދާއިރާއަށް ލޯޑް ބޮޑުވެ ހޮސްޕިޓަލްގެ އެނދުތައް ފުރެމުންދާތީ އެކަން ބޮޑުވުމުވެ. އެހެން ބޮޑެތި ގައުމުތަކުގައި ތަހައްމަލު ކުރި ފަދައިން ހޮސްޕިޓަލްގެ އެނދުތައް ފުރި ބަލިމީހާ "ޗޫސް" ކުރަން ޖެހޭ ހިސާބަށް ގޮސްދާނެތީ އޮތް ކަންބޮޑުވުމެވެ. 

އަސްލު ކަންބޮޑުވާންވީ ކަންކަމީ މިކަންކަމަވެ. ބޯހިޔާވަހިކަން ވެސް މުހިންމެވެ. އެހެންނަމަވެސް މިއަދު މިގޮތަށް އެތައް ބަޔަކު ގޮވައިގެން އިހްތިޖާޖެއް ކުރަން ނިކުންނަ އިރު ގައުމު ދެކެ ތިމާ ތިލޯބި ވަނީ ކިހިނެއްތޯ ސުވާލު އުފެދެއެވެ. އެއްވެސް ގައިދުރުކަމެއް ނެތި އެންމެން ބޮނޑިވެ ކޮވިޑް ކްލަސްޓާއެއް މީގެ ތެރެއިން އުފެދިގެން ހިނގައްޖެ ނަމަ ރައްޔިތުންނަށް އޮތް ރައްކާތެރިކަމަކީ ކޮބާތޯއެވެ؟ އޭގެ ސަބަބުން ގައުމަށް ދެން ފެތުރިގެންދާ ބިރުވެރިކަމުގެ ތެރެއިން ބައެއްގެ ފުރާނަ ގެއްލިގެން ދިޔުމުން ބޯހިޔާވަހިކަމުގެ ހައްގު ވެސް ނުލިބި ދިރިއުޅުމުގެ ހައްގުން ވެސް ބަޔަކު މަހްރޫމްވެގެން ދިޔުމަކީ ގާތް ކަމެކެވެ. ބޯހިޔާވަހިކަމުގެ ހައްގު ވެސް ކަށަވަރު ކުރެވޭނީ އެ ހައްގު ލިބިގަތުމަށް ތިބި ބަޔަކު ދުޅަހެޔޮ ސިއްހަތެއްގައި ދިރިތިބެގެން ނޫންތޯއެވެ؟ 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް