ads
ރައްޔިތުންގެ މަޖިލިސް ފޮޓޯ: މަޖިލިސް
މުސާރައާ އިނާޔަތްތަކާއެކު ޗީފް އޮމްބަޑްސްޕާސަން އަށް މަހަކު 37،500!
މުސާރައާ އިނާޔަތްތަކާއެކު ޗީފް އޮމްބަޑްސްޕާސަން އަށް މަހަކު 37،500 ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިންތިގާލީ އިންސާފުގެ ދަށުން ޗީފް އޮމްބަޑްސްޕާސަން އާއި އޮމްބަޑްސްޕާސަންގެ މުސާރަ އާއި އިނާޔަތް ކަނޑައެޅުމުގެ މައްސަލަ ދިރާސާކޮށް މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުން ފާސް ކޮށްފައިވަނީ މިއަދުއެވެ.

އެގޮތުން މި ރިޕޯޓު މަޖިލީހުން ފާސްކުރީ މަޖިލީހަށް މިއަދު ހާޒިރުވި 41 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގަތް 40 މެމްބަރުންގެ އިއްތިފާގުންނެވެ. މާލިއްޔަތު ކޮމިޓީގެ މި ރިޕޯޓު ފާސް ވުމަށް ބޭނުންވަނީ 21 ވޯޓެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓު ފާސް ވުމާއެކު، ޗީފް އޮމްބަޑްސްޕާސަންގެ މުސާރައަކީ، އެލަވަންސާއެކު 37،500 ރުފިޔާ އެވެ. އަދި އޮމްބަޑްސްޕާސަންގެ މުސާރައަކީ، އެލަވަންސާއެކު 33،500 ރުފިޔާ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕާސަން ގެ މަގާމަށް އައްޔަންކުރައްވާފައިވަނީ، ނ. މާފަރު އީޓުޖެހިގެ އަބްދުއްސަލާމް އާރިފް، އަދި އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ، ގއ. ކަނޑުހުޅުދޫ ބްލޫރޯޒް، ޖިހާދާ އަނީސްއާއި، ހ. ފެހިއާލާ މަރްޔަމް ލައިޒާ އެވެ. މި ބޭފުޅުން މި މަގާމުތަކަށް އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީމަހު 16 ގައެވެ. 

އިންތިގާލީ އިންސާފުގެ ބިލް ރައީސް ތަސްދީގުގުރައްވާފައިވަނީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެ ބިލަކީ، 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 29 ވި އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހްގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގާނޫނެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް