ހަމައެކަނި ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެންނެއް ނޫނެވެ. މިއީ ހަމަ ކޮންމެ އިންތިހާބަކާއި ގުޅިގެންވެސް ފެންނަ މަންޒަރުތަކެކެވެ. އިރުވައި މޫސުމަށް ނިކުންނަ ދޮންދޫނި ތަކެއްހެން ނިކުންނަ ނުނިކުންނަ ތަނެއްވެސް ނޭގި ގޭ ދޮރާއަށިން ވަދެގެން އައިސް އާއިލީ ގުޅުމުން ފެށިގެން ދުރުތާ ތިމާގެ ގުޅުމާއި، މުނިމާމައިންގެ ގުޅުމާއި ހަމަޔަށް ކިޔާދީ ނިންމާލާއިރު އެންމެ ފަހު ބަހަކަށް ވާނީ “ ކޮއްކޯ ނުވަތަ ދައްތާ ވޯޓެއް ދެއްޗޭ ”އެވެ.
ހަނގީގަތަކީ އާއިލީ ގުޅުން ކިޔާދިނުމާއި ހަމައިން ހަތުރުން ރައްޓެހިނަށްވެ، "އަނގައިން ސޮނިވެއްޓޭ" ވަރަށް ތިމާއާއި އޭނާ އާ އޮންނަ ގުޅުން ކިޔާދޭން މިބޭބޭފުޅުން އަންނަނީ ކޮންމެހެން އާއިލީ ގުޅުން ދަމަހައްޓާ ރައްޓެހިކަން ވަރުގަދަ ކުރާކަށް ނޫންކަމެވެ. މިވެރިންގެ ހަމައެކަނި ބޭނުމަކަށް ވަނީ މަގާމާއި ޖާހަތު ހޯދުމަށް އެފަހަރެއްގައި އަންނަ އިންތިހާބަށް ވޯޓު ހޯދުމެވެ. ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހައްގުތަކުގެ ވާހަކައިން ރައްޔިތުން ޖަޒުބާތުގައި ޖައްސާ ނިކަމެތި ރައްޔިތުމީހާއަށް އޮންނަ މިނިވަން ވޯޓުގެ ހައްގުވެސް އަތުލައިގަންނަނީއެވެ.
ނުވިތާކަށް އެ ކުލަ ކުލައިގެ ޕަޓީއަށް ނުވަންނާން ނަދަރު ބުނެގެން އިން މީހާއަށްވެސް މިހާ ހިސާބަށް ދިޔުމުން ކަން ނިމޭއިރު އޮންނަނީ ވާނުވާވެސް ނޭނގި ކުރަންވާތާކު ސޮއިކޮށް ނިމި ވަންނަންވާ ޕާޓީއަކަށް ވެދެވި ނިމިފައެވެ. ރެއަކާ ލަނީ އިންތިހާބު ނިމި އަނެއް ފަސް އަހަރުވެސް އެއްކަލަ ފެންޑާއަށް ކީއްކުރަންތޯ ބާވެފައި ހުރި އެއްކަލަ ފުރާޅުގަނޑު ބަދަލުނުވިތާ އޭގައި އިން ބާ ގަނޑެއްވެސް ނުބެއްދިގެން އުޅޭ ހިސާބުންނެވެ. ދެން އެ ހިސާބުން އަނެއްކާވެސް ގުބޯ ނުހެއްދޭން ނިޔަތްގަނެ "ވޯޓެއް ހަމަ ހިލާ ނުދޭނަމޭ" ބުނެ ހުއްޓާ އަނެއްކާވެސް ހަމަ އަނެއް އިންތިހާބީ ދުވަސްވަރާއި ކުރިމަތިލާއިރު ޖެހެނީ އެއްތާކުއެވެ.
ކަންތައް ހުރީ މިހެންނެވެ. އަނެއްކާވެސް އަނެއް އިންތިހާބެއް ބޯމަތިވީއެވެ. އައިލީ ގުޅުންތައް ހިތުދަސްވެ، ހަތުރުން މިތުރުންނަށްވެ، ނިމެނީއެވެ. މީންޒަމާނަކު ގޭގެއަށް ނުވަންނަ މީހުން ގޭގޭ ދޮރުއަށި ބުޑުން ނުފިލާކަން ފާހަގަކުރެވޭނެއެވެ. އެތައް އަހަރަކު ބޯހިޔާވަހިކަމުގެ ހައްގު ނުލިބިގެން ގަނަތެޅުނު މީހުންގެ ގޭގައި މިހާލަތު އަދި ވަކިން ބޮޑުވާނެ ކަމަށް ފެނެއެވެ. ފްލެޓް ހައްގުވާނެ ކަމާއި ބޯހިޔާވަހިކަން އަތްފޯރާފަށަށް އަންނާނެ ކަމާއި މިހެން ގޮސް އެތައް ހުވަފެނެއް ދައްކާ ނިންމާލާނެއެވެ. ނިކަމެތި ރައްޔިތު މީހާގެ މިނިވަން ވޯޓު ވަކި ބަޔަކަށް ވިކި އޮންނާނީ ހުސްވެފައެވެ.
ވޯޓަކީ ކޮންމެ ރައްޔިތެއްގެ އަމިއްލަ މިނިވަން ހައްގެކެވެ. އެ ހައްގު އެންމެ ރަނގަޅުގޮތުގައި ހިފުމަށް ދިވެހިން މިހާރު ދަސްކުރަން ވެއްޖެއެވެ.