އެގޮތުން ރާއްޖޭގެ އުތުރުން ރ. އަތޮޅުގައި އޮންނަ 31 ހެކްޓަރުގެ ރަސްގެތީމަކީ ތާރީހުގެ ފޮތްތަކުންނާއި އަދި މީހުންގެ ތުންތުން މަތިން ދެކެވޭ އެކި ވާހަކަތަކުގައި ޖާގަ ލިބިފައިވާ ރަށެކެވެ. މާތްވި އިސްލާމްދީން ރާއްޖެ އައުމުގެ ކުރިން ރާއްޖޭގައި ފުރަތަމަ މީހުން އާބާދުވެ ރަސްކަމެއް ފެށުނީ އެ ރަށުން ކަމަށް ތާރީހުގެ ފޮތްތަކުގައި ވެއެވެ.
900 އެއްހާ މީހުންގެ އާބާދީއެއް އޮތަސް ރަސްގެތީމުގައި ވަނީ އަދަދު ނުކުރެވޭހާ ތާރީހީ ސިއްރުތަކެއް ފޮރުވިފަ އެވެ. އެ ސިއްރުތައް މަޑުމަޑުން އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން އެ ރަށުގައި ނަރުދަމާގެ ނިޒާމް އަޅަން މަގުތައް ކޮންނަނިކޮށް މިދިޔަ ހަފްތާގައި ވަނީ އާސާރީ ގިނަ ސާމާނުތަކެއް ފެނިފަ އެވެ.
މިކަމާ ގުޅޭ ގޮތުން ސީއެންއެމްއަށް މައުލޫމާތު ދެމުން ރަސްގެތީމު ކައުންސިލްގެ ރައީސް އަލީ ހަމީދު ވިދާޅުވީ އެ ރަށަކީ އެވޭލާ ޒަމާނުގައި ކޮއިމަލާ ރަސްގެފާނު ރަސްކަން ކުރައްވާފައިވާ ރަށްކަމުން އެ ރަށުން އާސާރީ ގިނަ ތަކެތި ފެންނާނެ ކަމަށް ދުވަސްވީ މީހުން ބުނަމުންދާ ކަމަށެވެ.
މިދިޔަ ހަފްތާގައި ފެނުނު ތަކެތީގެ އިތުރުން ވެސް ރަށުގައި އެކި ކަންކަމުގައި ފަސްގަނޑު ކޮނެ އުޅޭއިރު އާސާރީ ގިނަ އެއްޗެހި ވަނީ މީގެ ކުރިން ވެސް ފެނިފައި ކަމަށާއި މިހާރު އެ ތަކެތި ވާނީ ދާރުލް އާސާރުގައި ކަމަށް ވެސް ހަމީދު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ހަމީދު ވިދާޅުވީ ދާދި ފަހުން ފެނުނު އާސާރީ ތަކެއްޗަކީ ދެ ސަރަހައްދަކުން ފެނުނު ތަކެތި ކަމަށެވެ. އެއް ސަރަހައްދު ކޮނެގެން އެއްޗެހި ފެނުނުތާ ތިން ދުވަސް ފަހު އަނެއް ސަރަހައްދުން ވެސް އެފަދަ އާސާރީ ސާމާނުތަކެއް ފެނުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރަށުން އާސާރީ ތަކެތި ފެންނަމުން ދާއިރު ރާއްޖޭގެ ކުރީގެ ފަތްކޮޅުތަކުގައި ލިޔެވިފައިވާ ގޮތަށް އެ ރަށަކީ ރަސްކަން ކުރި ބިމެއް ކަމަށް ޔަގީންވާ ހެކިތައް ދަނީ ފެންނަމުންނެވެ. އަދި އެ ރަށާ މެދު ދެކެވެމުންދާ ބޯދާ ވާހަކަތަކަކީ ހަގީގަތެއް ކަމަށް ބެލެވޭނެ ހެކިތައް ދަނީ ފެންނަމުންނެވެ.
ރަސްގެތީމުގައި ދިގު ތާރީހެއް އޮންނައިރު ރާއްޖޭގައި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ އެ ރަށުގައި ތިން ސަރަހައްދެއް ވެސް ހިމާޔަތްކޮށްފަ އެވެ. އެއީ ބޮޑު ވަޅު، އެއްގަމު ޒިޔާރަތް އަދި ގޮނޑުދޮށު ޒިޔާރާތުގެ އިތުރުން މަގާމެވެ.
ދާދި ފަހުން އެ ރަށުން ފެނިފައިވާ އާސާރީ ތަކެތީގެ ތެރޭގައި ހިމެނޭ ކަޅު ކުލައިގެ ބޮޑު ރުނބާއަކީ ބުރުނާއީގައި އެވޭލާ ޒަމާނުގައި ބޭނުން ކުރި ރުނބާއަކާ އެއް ވައްތަރު އެއްޗެކެވެ. އެހެންކަމުން އެއީ އެހާ ހިސާބުން ރާއްޖެ އައި އެއްޗެއް ކަމަށް ބެލެވެ އެވެ.
މިހާރު އެ އާސާރީ ސާމާނު ހުރީ ރަސްގެތީމު ކައުންސިލްގެ ބެލުމުގެ ދަށުގަ އެވެ. އަދި ގައުމީ ތަރިކައިގެ ގާނޫނުގެ ދަށުން އެ އެއްޗެހި ދާރުލް އާސާރަށް ގެންދާނެ އެވެ.
ރާއްޖޭއަކީ މުއްސަނދި އަދި ދިގު ތާރީހެއް އޮތް ގައުމަކަށް ވާއިރު ދޭތެރެ ދޭތެރެއިން އާސާރީ ތަކެތި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުން ދެއެވެ.