ads
ސްކޮޓްލޭންޑް--
ވެކްސިން ދޭން ފެށުމާއެކު އެޑްމިޓްކުރާ މީހުންގެ އަދަދު ދަށަށް
ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ދޭން ފެށުމާއެކު ސްކޮޓްލޭންޑްގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ބޮޑުތަނުން ދަށްވެއްޖެ އެވެ.

ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުގައި ވެކްސިންގެ އެއް ޑޯޒް ފުރިހަމަކުރުމާއެކު ސްކޮޓްލޭންޑްގައި ރަނގަޅު ނަތީޖާއެއް ދަނީ ފެންނަމުންނެވެ. 

ކޮވިޑްގެ ފުރަތަމަ ޑޯޒްދިންތާ އަދި މިވީ ހަތަރު ހަފްތާގެ ތެރޭގައި ރަނގަޅު ނަތީޖާއެއް ފެންނަން ފަށާފައިވާއިރު ރިޕޯޓްތައް ބުނާ ގޮތުގައި އެގައުމުގައި އަންނަނީ ފައިޒާ ވެކްސިނާއި އޮކްސްފޯޑް އެސްޓްރަޒެނެކާ ވެކްސިން ދެމުންނެވެ. 

މިއާއެކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު 85 އިންސައްތަ އާއި 94 އިންސައްތައާ ދެމެދަށް ދަށަށް ގޮސްފައިވާ ކަމަށް އެގައުމުގައި ކުރިއަށްދިޔަ ދިރާސާތަކުން ވެސް ދައްކަ އެވެ. 

އެ ދިރާސާ އިން ދައްކާ ގޮތުގައި ދެ ވެކްސިން ވެސް ރަނގަޅަށް މަސައްކަތް ކުރެ އެވެ. އެގޮތުން އެސްޓްރަޒެނެކާ ވެކްސިން އުމުރުން ދުވަސްވީ މީހުންނަށް ވަރަށް ރަނގަޅު ކަމަށް ވެސް މި ދިރާސާއިން ދައްކާ ކަމަށް ދަ ގާޑިއަން އިން ރިޕޯޓްކުރެ އެވެ. 

އެގޮތުން ދުވަސްވީ މީހުންނަށް ބަލާއިރު އޮކްސްފޯޑް ވެކްސިން ޖެހި ދުވަސްވީ މީހުންގެ ތެރެއިން އެޑްމިޓްކުރީ ދެ މީހުންނެވެ. ނަމަވެސް އެއާ ހިލާފަށް ފައިޒާ ވެކްސިން ޖަހައިގެން އެޑްމިޓްކުރި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރެވެ.

މި ދިރާސާކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު އަށަކުން ފެށިގެން ފެބްރުއަރީ 15 ވަނަ ދުވަހާ ހަމައަށް ހޯދި މައުލޫމާތުންނެވެ. އެ މުއްދަތުގެ ތެރޭގައި 1.14 މިލިއަން ވެކްސިން ޑޯޒް ދީފައިވެ އެވެ. ސްކޮޓްލޭންޑްގެ އާބާދީގައި ހިމެނޭ މީހުންގެ ތެރެއިން 650،000 މީހުންނަށް ފައިޒާ ވެކްސިން ދީފައިވާއިރު 490،000 މީހުންނަށް ދީފައި ވަނީ އޮކްސްފޯޑް އެސްޓްރަޒެނެކާ ވެކްސިނެވެ. 

އެގައުމުގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ފަހުންނެވެ. 

ވެކްސިންގެ ރަނގަޅު ނަތީޖާތަކެއް ފެނުނަސް އަދިވެސް ރަނގަޅަށް އަތްދޮވުމަށާއި ގައިދުރުކަމަށް ސަމާލުވާން އެގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ވަނީ ރައްޔިތުންނަށް އަންގާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް