އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ އެންމެ މަގްބޫލް އެއް ޖޯޑުގޮތުގައި ފާހަގަ ކުރެވޭ އެ ދެމަފިރިން ގޭގައި ނޯކަރެއް ނުގެންގުޅޭ ކަމަށް ހާމަކޮށްފައިވަނީ ކުރީގެ އިންޑިއާ ގައުމީ ޓީމުގެ ސެލެކްޓަރެއް ކަމުގައިވާ ސަރަންދީޕު ސިން އެވެ.
ސަރަންދީޕު ބުނީ ބައެއް މީހުންނަށް ހީވެފައި އޮންނަނީ ވިރާޓް އަކީ ވަރަށް އަމިއްލަ އެދުން ބޮޑު ބޮޑާ މީހެއް ގޮތުގައެވެ. ނަމަވެސް ވިރާޓް އަކީ ކިތަންމެ މުއްސަނދި މަޝްހޫރު މީހަކު ކަމުގައި ވިޔަސް އޭނާގެ ކިބައިގައި އެއްވެސް ވަރަކަށް ބޮޑާކަމާއި ކިބުރުވެރިކަމެއް ނުހުންނަ ކަމަށެވެ. އަދި އޭނާ އަކީ އުޅުން ރަނގަޅު ހިތްހެޔޮ ހަރުދަނާ މީހެއް ކަމަށް ސަންދީޕު ބުނެއެވެ. ސަންދީޕު ބުނީ އެ ގެއަށް ދާ އެއްވެސް މީހަކަށް ކާން ނުދީ ވިރާޓް ނުފޮނުވާނެ ކަމަށެވެ.
އަނުޝްކާ އާއި ވިރާޓް އުޅޭ ގެއަކީ 34 ކްރޯޑް އިންޑިއަން ރުޕީސްގެ އަގު ބޮޑު ގެއެކެވެ. އެހެން ކަމުން އެހާ އަގުބޮޑު ގެއެއްގައި އުޅޭ ދެމަފިރިން ނޯކަރެއް ނުގެންގުޅޭތީ ވަރަށް ގިނަ މީހުން ތިބީ ހައިރާންވެފައެވެ.
ނިމިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެދެމަފިރިންނަށް ވަނީ އަންހެން ދަރިއެއް ލިބިފައެވެ. ދަރިއެއް ލިބުނު ފަހުން ދެމަފިރިންވެސް އުޅެނީ ދަރިއަށް އެމީހުންގެ ހުރިހާ ވަގުތެއް ހުސްކޮށްގެންނެވެ.
އަނުޝްކާ އެންމެ ފަހުން ފެނިގެން ދިޔައީ 2018 ވަނަ އަހަރު ނެރުނު ފިލްމު ޒީރޯ އިންނެވެ.