ads
ފޮޓޯ: ރައީސް އޮފީސް
ތިން މަހުގެ ކުލި ދައްކަން ނުޖެހޭ ގޮތަށް ފްލެޓްތައް މާޗު މަހު ހަވާލުކުރަނީ
ހިޔާ މަޝްރޫއުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ފްލެޓްތައް އަންނަ މާޗު މަހުގެ ފަހުކޮޅު ދޫކުރަން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫއު ކުރިއަށް ގެންދިޔައިރު އެތަނަށް ފެނާއި ކަރަންޓާއި ގުޅުމުގެ މަސައްކަތްކޮށްފައި ނުވާ ކަމަށާއި އެހެންނަމަވެސް މިހާރު ފެނުގެ މަސައްކަތް ނިމިފައިވާއިރު ކަރަންޓުގެ މަސައްކަތް ވެސް ނިމުމަކާއި ގާތްވެފައިވާ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ދާއިމީ ލިސްޓު މިހާރު ނެރެފައިވާއިރު ފްލެޓްތަކުގެ އެގްރީމެންޓްގެ ކުރިން އަށް ކަމެއް ކުރުމަށް ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ. 

އެ ކަންކަމުގެ ތެރޭގައި ހިމެނެނީ ފްލެޓް ހަވާލުކުރެވޭ އެއްވެސް ފަރާތަކީ މީގެ ކުރިން ހިންގި ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ލިބިފައިވާ މީހެއް ނޫންކަން ކަށަވަރުކުރުމާއި ދެމަފިރިންނަށް ފްލެޓް ލިބޭ ހާލާތްތަކުގައި އެމީހުންނަށް އެއް ފްލެޓް ހަވާލުކުރުމާއި ފްލެޓް ހަވާލުކުރެވޭ ފަރާތްތަކަކީ މާލެއިން 600 އަކަ ފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ބިމެއް އޮތް ފަރާތެއް ނޫންކަން ކަށަވަރުކުރުމެވެ.

އަދި އެކަނިވެރިމައިންނާއި ބަފައިންގެ ކެޓަގަރީން ފްލެޓް ހަވާލުކުރަނީ ދަރިން ބަލާއި ފަރާތްތަކަން ކަށަވަރުކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިން ފްލެޓް ދެމުން ނުކުޅުންތެރިކަން ހުންނަ ފަރާތް ދިރިއުޅޭކަން ކަށަވަރުކުރުމާއި އަދި ފްލެޓް ރަޖިސްޓްރީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތް ހިމަނަން ޖެހެ އެވެ. 

އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތާއި އަދި އަމިއްލަ ގޮތުން ކުރިމަތިލައިގެން މީހަކަށް އެގޮތަށް ފްލެޓް ލިބުންތޯ ވެސް ކަށަވަރުކުރަން ޖެހެ އެވެ. ފްލެޓް ހަވާލުކުރުމުގެ ކުރިން ފްލެޓް ލިބުން މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ނުވަތަ ރޯހައުސް ލިބުންތޯ ވެސް ކަށަވަރުކުރަން ޖެހެ އެވެ. ސިވިލް ސާވިސް ކެޓަގަރީން ޔަގީންކުރަން ޖެހެނީ އެ ފަރާތްތައް މިހާރު ވެސް ސިވިލް ސާވިސްގައި އުޅޭތޯ އެވެ. އެގޮތުން އަމިއްލައަށް ވަޒީފާއިން ވަކިވެއްޖެނަމަ ބަލަނީ އެމީހަކީ ސިވިލް ސާވިސްގައި ނެތް މީހެއްގެ ގޮތުގަ އެވެ. 

"އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންނަށް ފްލެޓްތައް ހަވާލުކުރަން ފެށޭނީ މާޗު މަސް ނިމެންވާއިރަށޭ، އެހެންނަމަވެސް ނުއެއް ވަދެވޭނެކަން އިނގޭ ހަވާލުކުރާއިރަށް. އެތަނަށް ވަނުމަށްޓަކައި އަދި އެއާއެކީގައި އަޅުގަނޑުމެންދޭނަން އިތުރު ތިން މަސް އެތަނުން އަގު ނުނަގާ، އެއީ އެ އެތަނަށް ވަނުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި،" އަސްލަމް ވިދާޅުވި އެވެ. 

އަސްލަމް ވަނީ އެތަންތަނަށް ވަނުމަށް ތައްޔާރުވުމުގެ ގޮތުން އަގަކާއި ނުލާއި ތިން މަސް ދޭނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެތަނަކީ ތަށިމުއްޓާއި އަދި ބޮކި، ފަންކާ އަދި މައި ދޮރު ފިޔަވައި އިތުރު ދޮރެއް ނެތް ތަނެއް ކަމަށް ވިދާޅުވެފަ އެވެ. 

44%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް