ads
ވީޑިއޯ ރިޕޯޓް-
ބޯހިޔާވަހިކަމުގެ އަނިޔާ، ހުއްޓުމެއް ނައި!
ދުނިޔެ މަތީގެ ސުވަރުގޭގެ ގޮތުގައި މީހުން ސިފަ ކުރާ މި ރާއްޖެއަކީ ރައްޔިތުން ބޯހިޔާވަހިކަމަށް އެދި ރޮއެ އާދޭސްކުރަމުން އަންނަ ގައުމެކެވެ. ކޮންމެ ސަރުކާރެއްގައި މި އާދޭސް ކުރަމުން އަންނައިރު މިހާރު ބޯހިޔާވަހިކަމުގެ ވައުދަކީ އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް ދައްކާލާ ދަޅައަކަށް ހަދާފައިވާއިރު ފްލެޓާއި ރޯ ހައުސް އަދި ރަށްރަށުގެ ހުސް ބިންތަކުގައި ގޯތި އަޅައިދިނުން ފަދަ ސިޔާސީ ހުވަފެންތައް ވަނީ ބިލާހަކަށްވެފަ އެވެ.
Advertisement

ކެމްޕެއިނާ ދިމާކޮށް ރައްޔިތުންގެ އިހުސާސްތައް ނިކަން ދަންނަ ބަޔަކަށް މި ސިޔާސީވެރިން ވެރިން ވިޔަސް އާރާއި ބާރު ލިބުމުން، އެއްކަލަ ދުވަހު ދެއްކުނީ ކޮން ވާހަކައެއްކަން ވެސް މިވެރިންގެ ހަނދާނަކު ނުހުރެ އެވެ. ނޫނީ ހަނދާނަށް ގެންނަން ވެސް ބޭނުން ނުވަނީ އެވެ. 

ދޮރުން ދޮރަށް ކުރި ކެމްޕެއިނުގެ ތެރެއިން ހޮހޮޅަތަކެއް ފަދަ ގެތަކަށް ވަދެ އެތަންތަނަކީ އުޅެން ހެޔޮވާވަރުތަކެއް ނޫން ކަމަށާއި އިންތިހާބުން މޮޅުވެއްޖެނަމަ އެމީހުންނަށް ރަނގަޅު ގޮތެއް ދައްކަައިދޭނެ ކަމުގެ ވައުދުވެ އެވެ. އެހެންނަމަވެސް އިންތިހާބު ވުމާއެކު ދެއިރު ދެދަޅައަށް ވޯޓު ހޯދަން ގުޅައި މީހާއަށް ރައްޔިތު މީހާގެ ފޯނު ކޯލު ހިއްލާލެވޭ ކަމަކަން ނުހަދާއިރު އެ މީހުން އުޅެނީ އާއިލާއާއެކު ޗުއްޓީ ހޭދަކުރަން ކޮންމެވެސް ގައުމެއްގަ އެވެ. މޮޅެތި ރެސްޓޯރަންޓުތަކުން ކައިބޮއެ ހެދުމާއި އަގު ބޮޑު ބްރޭންޑެޑް ސެންޓުތައް ޖަހައިގެން ޕޯޑިއަމްތަކުގައި ސަޅި ވާހަކަ ދެއްކުން ނޫނީ މިވެރިންނަށް ކުރެވުނު މޮޅު ކަމެއް އެބަ އޮތް ހެއްޔެވެ. 

އެއްކަލަ ހޮހޮޅައިގައި ދިރިއުޅުމުން އައި ނިކަމެތި ރައްޔިތު މީހާ، ހަމަ އެތަނުގައި މުޅި ދިރިއުޅުން ހޭދަކުރަން ޖެހިފައިވާއިރު މި މީހުންނަކީ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހުޅުވާލާއިރަށް ރަތްދައްކާ ގަދަ އަވީގައި ކިއު ހަދައިގެން ފްލެޓްތަކަށް ވެސް ކުރިމަތިލި މީހުންނެވެ. އެކަމަކު މި ބުނާ މީހުންނަށް ފްލެޓް ހައްގު ވަނީ ކެމްޕެއިނު ދުވަސްވަރަށް އެކަންޏެވެ. އެ ނޫންގޮތަކަށް ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ވެސް ލައްވާ ނުލަނީ އެވެ. 

އެންމެ ފަހުން، ހުޅުވާލި މިފަދަ އެއް މަޝްރޫއުއަކީ ހިޔާ މަޝްރޫއުއެވެ. މި މަޝްރޫއުގެ ދާއިމީ ލިސްޓު އާންމުކޮށް މިހާރު ހައުސިން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތަކީ ފްލެޓް ލިބުނީ ހަމަ ހައްގުވެރިންނަށްތޯ ކަށަވަރުކުރުމުގެ މަަސައްކަތެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނެރުނު ފްލެޓް ލިސްޓަށް ހުރި ކަންބޮޑުވުންތަކޭ އެއްގޮތަށް މިފަހަރު ލިސްޓަށް ވެސް އެތައް ޝަކުވާއެއް އެބަހުއްޓެވެ. އެކަމަކު އަންނަ މާޗު މަހު އެތަންތަން ހަވާލުކުރަން ނިންމާފައިވާއިރު މިތަންތަނުގެ އަގު މިއަދާ ހަމައަށް އެނގިފައި ނުވުމަކީ ކަންބޮޑުވުން ހުރި ކަމެކެވެ. 

ކޮވިޑް-19 އާއެކު ކުރިމަތިވި އިގްތިސާދީ ދަތިތަކާއެކު ރައްޔިތުންގެ ޖީބު ހުލިވެފައިވާ މިދަނޑިވަޅުގައި ރައްޔިތުންނަށް އަންނަ މަހު ތަޅުދަނޑި ހަވާލުކުރަން ނިންމާފައިވާއިރު ތަނުގެ މަހު ކުލި އަދި އަދަށް ވެސް ނޭނގުމުކީ މި ކަމަށް ސަރުކާރުން މާބޮޑު ތައްޔާރެއް ނުވާ ކަމުގެ ހެއްކެކެވެ. އަނެއް ކޮޅުން ޑައުންޕޭމަންޓުގެ ގޮތުގައި 25000 ރުފިޔާ ދައްކަން ޖެހޭއިރު މި ތަންތަނަކީ މައި ދޮރު ފިޔަވައި އިތުރު ދޮރެއް ހުރި ތަނެއް ނޫނެެވެ. ބޮކި ފަންކާ، ތަށިމުށި ވެސް ނުޖަހާއި، ރައްޔިތުންގެ އަތަށް މި ތަންތަން ދޫކޮށްލަން ތައްޔާރުވަމުން އަންނަނީ އެ ހުރިހާ ކަމެއް ކުރުމަށް ފަހު ހަވާލުކުރާނަމަ ތަނުގެ އަގު އިތުރަށް އުފުލޭނެ ކަމަށް ބުނަމުންނެވެ. 

ބޮއްކާއި ފަންކާ އަދި ތަށިމުއްޓާއި ކޮޓަރީގެ ދޮރު ހަރުކުރުމަށް އަނެއް ބޮޑު ހަރަދު ރައްޔިތުންނަށް ކުރަން ޖެހިފައިވާއިރު އެތަންތަނަށް ފަރުނީޗަރު ގަތުމަށް ވެސް ބޮޑު ހަރަދެއް ހިނގާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. 

ކޮންމެއަކަސް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިދިނުމުގެ ނިޔަތުގައި ސަރުކާރުން ނިންމާފައި އޮތީ ތަޅުދަނޑި ހަވާލުކޮށް ތިން މަހުގެ ކުލި ނުނަގާށެވެ. އެއީ ރައްޔިތުންނަށް ބޮއްކާއި ފަންކާ އަދި ތަށިމުއްޓާއި ކޮޓަރީގެ ދޮރު ހަރުކުރުމާއި ފަރުނީޗަރު ގަނެ ފްލެޓް ތައްޔާރުކުރުމަށް ދޭ މުއްދަތެއްގެ ގޮތުގައި ބެލުމަށެވެ. 

އެކަމަކު މިފަދަ ދަތި ދަނޑިވަޅެއްގައި އެންމެ ތިން މަސް ދުވަހަށް ކުލި ކަނޑާލާއި، އެ މުއްދަތުގައި އެ ހުރިހާ ކަމެއް އާއިލާތަކަށް ކުރެވޭނެ ކަމަށް ސަރުކާރުން ހީކުރުމަކީ ލަދުގަންނަން ޖެހޭ ކަމެކެވެ. ވެރިރަށް މާލެއަކީ އިންތިހާއަށް ބޮޑު ކުލީގައި އުޅެން ޖެހިފައިވާ ތަނަކަށްވާއިރު މިހާރު ދިރިއުޅެމުންދާ ތަންކޮޅަށް އެހާ ބޮޑު ކުއްޔެއް ދައްކަމުން ފްލެޓްގެ މަސައްކަތް ނިންމަން އަމިއްލަ ޖީބުން ހަރަދުކުރުމަކީ އެއްގޮތަކަށް ވެސް ލުއި ގޮތަކަށް ނުވާނެ އެވެ. އޭގެ ބަދަލުގައި ކޮންމެ ރައްޔިތަކަށް ހަމަޖެހިލައިގެން އެތަންތަނަށް ވަނުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ގަބޫލުކުރެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް