އެ ފައުންޑޭޝަން އަކީ މުޖުތަމައުގައި ފުޅާ ދާއިރާ އެއްގައި ސަދަގާތް ކުރުމުގެ އާދަ އަށަގެންނެވުމަށާއި އަދި ހާއްސަކޮށް ދިގުދެމިގެންދާ ސަދަގާތް ޖާރިއާ އެކުލަވާލާ، ބެލެހެއްޓުމުގައި އެހީތެރިވުމުގެ މަގުސަދުގައި ހިލޭސާބަހަށް މަސައްކަތް ކުރާ ބައެކެވެ.
އެ ޖަމްއިއްޔާއަށް ހަވާލުކުރެވޭ ސަދަގާތް، މުޖުތަމައުއަށް ފައިދާ ހުރި އެކި ހަރަކާތްތަކުގައި ބޭނުންކުރެވޭ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
އެމް.ސީ.އެފްގެ އެއް ބައިވެރިއެއް ކަމަށްވާ އަހުމަދު ސިޔާހު ބުނެފައި ވަނީ ދިވެހިންނަކީ ސަދަގާތްކުރުމަށާއި އަދި ހާލުގައި ޖެހިފައިވާ ފަރާތްރަކަށް އެހީތެރިވުމަށް ވަރަށް ލޯބިކުރާ ބައެއްކަން ވަރަށް ސާފުކޮށް ފެންނަން އޮތްކަމަށެވެ.
އެހެންނަމަވެސް ދާއިމީ ގޮތަކަށް ދިގުދެމިގެންދާ ސަދަގާތް ޖާރިއާއެއްގެ ސިފައިގައި ސަދަގާތަށް ލިބޭ ފައިސާ ބެލެހެއްޓުމަށް ހާއްސަ ޖަމްއިއްޔާއެއް މިހާތަނަށް ނެތްކަމަށާއި އެކަމަށް މަގުފަހި ކޮށްދިނުމަށްޓަކައި އެމް.ސީ.އެފް އުފެއްދީ ކަމަށެވެ.
މީގެ އިތުރުން ސިޔާހު ބުނެފައި ވަނީ އިސްލާމް ދީނުގައި މާތްﷲ ވަނީ އިންސާނާ މިދުނިޔެ ދޫކުރުމަށް ފަހުގައި ވެސް ހެޔޮ ޖަޒާ ލިބޭނެގޮތް ކަނޑައަޅުއްވާ އެކަމަށް މަގުފައި ކޮށްދެއްވާފައި ކަމަށެވެ.
އަދި ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް އާދަވެގެން ތަކުރާރުވާ ގޮތަކަށް ސަދަގާތްކުރުމަކީ މޮޅުއިތުރު ގޮތެއްކަމުގައި އަންގަވާފައިވާ ކަން ފާހަގަކުރަމުން ސިޔާހު ބުނީ އެހެންކަމުން ސަދަގާތްކުރުން ފަހަށް ނުބަހައްޓާ އާދަވެގެން ކޮންމެ މަހަކުވެސް ކުރާކަމަކަށް ހެދުން މޮޅުއިތުރުވެގެންވާ ކަމަށެވެ.
އެމް.ސީ.އެފް އިން ހުޅުވާލާފައިވާ އިޖްތިމާއީ އެހީގެ މަޝްރޫއު އަމާޒު ކުރެވިފައިވަނީ ޔަތީމު ކުދިންނަށާއި ހާއްސަ އެހީއަށް ބޭނުން ވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތަކަށް ކަމަށް އެޖަމިއްޔާއިން ހާމަކުރެ އެވެ.
އަދި އެ މަޝްރޫއަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ރާއްޖޭގައި ހަރަކާތްތެރިވާ އެން.ޖީ.އޯ ތަކަށް ވަނީ ހުޅުވާލާފައެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިއަހަރުގެ މާޗް މަހުގެ 31 އެއްވަނަ ދުވަސް ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ އިއުލާނު ކޮށްފަ އެވެ.
އެމް.ސީ.އެފް ގެ މަސައްކަތާއި ބެހޭގޮތުންނާއި އެމް.ސީ.އެފް މެދުވެރިކޮށް ސަދަގާތް ކުރުމާއި ބެހޭ އިތުރު މައުލޫމާތު އެމް.ސީ.އެފް ގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.