ads
ރެކުފުތު--ފޮޓޯ:އާއިލާ
އުމުރުން 103 އަހަރުގަ ރެކިފުތު ނިޔާވުން: ދުވަހަކު ވެސް ބޮޑު ބައްޔެއް ނުވޭ!
މިއަދުގެ އިރުއަރައިގެން އައިއިރު ސޯޝަލް މީޑިޔާގައި ގދ.ތިނަދޫއަށް ނިސްބަތްވާ 103 އަހަރުވީ ރެކުފު ނިޔާވި ހަބަރު ހޫނު ކަމާއެކު ދެކެވެމުން ދިޔައެވެ. އަދި އެ މަރްހޫމްގެ އާއިލާއަށް އެތްތެރިކަން ދެއްވުމަށް ގިނަ ފަރާތްތަކުން ދުއާ ކުރަމުން ގެންދިޔައެވެ.

ރެކުފުތު މިއަދު ދުނިޔެއާއި ވަކިވެގެން ދިޔަ ނަމަވެސް އޭނާ އަކީ ހިތްވަރު ގަދަ އަދި ހިތްހެޔޮ މީހެއްކަން އޭނާގެ ކާފަ ދަރިއެއް ކަމަށްވާ އިބްރާހިމް މުހައްމަދު ކިޔާ ދިނެވެ.

އޭނާ ކިޔާދިން ގޮތުގައި ކާފައަކީ އެންމެ ކުރީންސުރެ އަވަދިނެތި މަސައްކަތުގައި އުޅޭ މީހެއް ކަމަށެވެ. އަދި އާއިލާއަށް ލަފާ ކުރާގޮތުގައި ކާފަގެ އުމުރަކީ 120 ނުވަތަ 125 ކަމަށެވެ. ކާފަމެންގެ ޒަމާނުގައި އައިޑީކާޑު ނުހުއްނާތީ ސީދާ އުމުރެއް ނޭންގޭ ކަމަށެވެ.

އަދި ކާފައަކީ އެންމެ ކުރީންސުރެ ރުކަށް އަރާ ރާއެޅުމުގެ މަސައްކަތުގައި އުޅުނުމީހެއް ކަމަށާއި ދާދިފަހަކާ ޖެހެންދެންވެސް ކާފަ 100 ފޫޓު ދިގުރުކަށް ވެސް އަރާކަމަށް އޭނާ ކިޔާދިނެވެ.

މީގެ އިތުރުން އިބްރާހިމް ނަސީރުގެ ވެރިކަމުގެ ދައުރުގަ ތިނަދޫއިން މީހުން ބޭލި އިރުގައި ކާފަގެ އަތުގައި ކުޑަ ބޮއްކުރައެއް ވެސް އޮންނަ ކަމަށާއި އަދި ކައިރީގައި އޮންނަ ފަޅުރަށްތަކައް އޭގައި ގޮސް ރާއަރާ ކަމަށް ވެސް އިބްރާހިމް ކިޔާދިނެވެ. ކާފައަކީ އޭރުވެސް ވަރަށް ތަނަވަސްކޮށް އުޅުނު މީހެއްކަމަށް އިބްރާހިމް ބުނި އެވެ.

އަދި ތިނަދޫއިން މީހުން ބޭލި އުރުގައި ކާފައަށް ވަރަށް ބޮޑަށް އަނިޔާލިބުނު ކަން ހާމަކުރަމުން އޭނާ ބުނި ގޮތުގައި ގޮތުގައި ކާފަ ބޮއްކުރާގައި ކައިރީގައި އޮތް ރަށަކައް ގޮސް ރާއަރައިގެން އަބުރާ ތިނަދޫއަށް އަންނަނިކޮށް ނާސިރުގެ ސިފައިން ތިބި ބޯޓުން ކާފަ ހިފަލައްޓާ ދެއަތާއި ދެފައި ބަދެ ދޯނީގެ ފަލުކާތެރެއަށް އެއްލާލި ކަމަށް ކާފަ ވަރަށް ދެރަވެގެން ހުރި ވަރަށް ފަހުން ވެސް ކިޔާދިން ކަމަށެވެ.

މީގެ އިތުރުން އިބްރާހިމް ހާމަކުރިގޮތުގައި ކާފަ ނިޔާވުމާ ހަމަޔަށް ވެސް ކާފަ ބޮޑުބަޔެއް ވެފައި ނުވާ ކަމަށެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ބައްޔަކަށް ފަރުވާ ދީފައިވެސް ނުވާ ކަމަށް އޭނާ ހާމަކުރި އެވެ.އަދި މުސްކުޅިވެ ދުވަސްވެފައި ވީނަމަވެސް ކާފަގެ ހަންގަނޑުގައި ވެސް އެހާ ވަރަށް ރޫ ޖެހިފައިނުވާ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

އޭނާގެ ކާފަގެ ކެއިން ބުއިމަށް އަލިއަޅުވާލަމުން އިބްރާހިމް ބުނީ ކާފަގެ ކެއުމުގެ އާދަހުންނަނީ އެންމެ ކުރީޒަމާނުގައި ވެސް ގެންގުޅޭގޮތަށް ކަމަށެވެ. އެގޮތުން އިބްރާހިމް ބުނީ އޭނާގެ މަންމަ ކިޔާދިން ގޮތުގައި ކާފައަށް ހުނިރޮށްޓެއް ފިހެދިނީމައި ހެނދު ނާޝްތާ ކުރާއިރުގައި އެރޮށި ހަތަރު ފަޅިއަށް ބައިކޮށްލަނީ ކަމަށެވެ. އަދި އޭގެން އެއްފަޅި ހެނދުނާއި، މެންދުރާއި އަދި ރޭގަނޑަށް ބަހާލައިގެން ކާ ކަމަށެވެ. އެ މަންޒަރު އޭނާއަށް ވެސް ފެނިފައިވާ ކަމަށް އިބްރާހިމް ބުނިއެވެ.ހެނދުނު ހަދާ ކިރުތަށީ ވެސް ތިން ގަޑީރަށް ބަހާލައިގެން ބޯ ކަމަށް އޭނާ ފާހަގަކުރި އެވެ.

އަދި މީގެ ދޮޅުމަހެއްކުރިން ކާފަ ދަރިއެއް ބަލާއަމުން މާލެ ބަދަލުވުމުގެ ކުރިން ފުޅިއަކަށް ކިރުސައި އަޅައިގެން ކޮންމެ ގަޑިއަކަށް ބަހާލައިގެން ބޯކަމަށް ވެސް އިބްރާހިމް ބުނި އެވެ.ކާފައަކީ އަބަދުވެސް ދުފާ މީހެއްކަން ފާހަގަކުރަމުން އިބްރާހިމް ބުނީ ނިޔާވުމާ ހަމަޔަށް ވެސް ކާފަ އެކަން ހުއްޓާ ނުލާ ކަމަށެވެ.

ކާފަގެ އެންމެ ދަރިއެއް ފިޔަވާ އެހެން ކުދިން ނިޔާވެފައިވާ ކަމަށާއި އަދި ކާފަ ރަށުގައި އުޅެނީ އެކަނިމާ އެކަނި އެއްގެޔަކު ކަމަށް އޭނާ ކިޔާދިނެވެ. އަދި ރަށުގައި ހުރި ކާފަދަރިން ކާފަ ކުރި އިރުގައި އަބަދުވެސް ހާލުބަލަންދާ ކަމަށް އިބްރާހިމް ބުނި އެވެ.

މީގެ އިތުރުން އިބްރާހިމް ހާމަކުރި ގޮތުގައި ކާފައަށް އެހާ ގިނަދުވަސް ވީއިރުވެސް އަމިއްލައަށް ހިނގާ ބިގާވެ އުޅެވޭ ކަމަށެވެ. އަދި ވަރަށް ފަހުން ކާފަ އަސައެއް ގެންގުޅުކަން ފާހަގަކުރަމުން އިބްރާހިމް ބުނީ އެއީ މަގުމަތީގައި ރައްޓެއްސަކާ ދިމާވެގެން މަޑުކޮށްގެން ވާހަކަދައްކަން ޖެހިއްޖިއްޔާ އޭގައި ހިފަހައްޓައިގެން ހުންނަން ކަމަށެވެ.

ކާފައަކީ ވަރަށް ގިނަ ގެތަކަށް ޒިޔާރަތްކޮށް ރަހުމަތްތެރިންނާއި އާއިލާގެ މީހުންގެ ހާލުބަލާ މީހެއް ކަމަށް ވެސް އިބްރާހިމް ބުނި އެވެ. އަދި މިއަދު ކާފަ ނިޔާވި ހަބަރު ލިބުމާއެކީގައި އެހުރިހާ ގެތަކައް ގޮސް އެ ހަބަރު ދިން ކަމަށް ވެސް އިބްރާހިމް ކިތާދި ނެވެ.

ކާފަގެ ދިރިއުޅުމުގެ ހާލަތު ކިޔާދެމުން އިބްރާހިމް ކިޔާދިން ގޮތުގައި މުނި ކާފަދަރިއެއް ކާފައާ އެކުގައި ދިރިއުޅު ކަމަށާއި ކާފަ ދަރިއެއް އަބަދުވެސް ކާފައަށް ކާ އެއްޗިހި ގަޑިން ގަޑިއަށް ގެނެސްދޭ ކަމަށެވެ. އަދި ހަވީރު ސައި ބުއިމަށް ކާފަ އަމިއްލަށް ހިގާފައި ސައި ހޮޓަލަކަށް ވެސް ދާކަމަށެވެ.

ކާފަ މިއަދު ނިޔާވެފައިވާ އިރުގައި އިބްރާހިމް ބުނީ ކާފައަކީ ހުރިހާ އެންމެން ވެސް ވަރަށް ލޯބިވާ މީހެއް ކަމަށެވެ. އަދި ކާފައަކީ ވަރަށް ރަނގަޅު މީހެއް ކަމަށް ރަށުގެ އެންމެން ވެސް ބުނާ ކަމަށެެވެ.

92%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް